Roadha Mihaaru
ޑިސްކަވަރީގެ ޝޯގެ ޝޫޓިން އަޖޭއާ އެކު ވ. އަތޮޅުގައި

ޑިސްކަވަރީގެ ޝޯގެ ޝޫޓިން އަޖޭއާ އެކު ވ. އަތޮޅުގައި

14 ސެޕްޓެމްބަރ 2021

ބެއާ ގްރިލްގެ ޑިސްކަވަރީ ޝޯ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު ވ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެއާ ގްރިލްގެ ޑިސްކަވަރީ ޝޯ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު ވ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

އޭގެ ޝޫޓިން އަށް ގްރިލްސް އާއި އަޖޭގެ ޓީމް ވެސް މިހާރު ތިބީ ރާއްޖޭގަ އެވެ. އަޖޭ މި ވަގުތު ހުރި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. މި ދަތުރުގައި އޭނާގެ ހަގު ފިރިހެން ދަރިފުޅު ޔުގް ދޭވްގަން ވެސް ބައިވެރިވާ އިރު އެ ކުއްޖާގެ 11 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ.

ގްރިލްސްގެ ޝޯ އަށް އަޖޭ ވ. އަތޮޅުގައި ޝޫޓްކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. މިކަމާ ބެހޭ ގޮތުން އެ އަތޮޅު ކައުންސިލް އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހު ޝޫޓިން ކުރިއަށް ފެންދަން ނިންމާފައި ވަނީ "ވ. އަތޮޅުގެ ޝިޕްރެކް" ސަރަހައްދުގައި ކަމަށެވެ. އެހެންވެ އެ ދުވަހު އެ ސަރަހައްދު އެހެން ފަރާތްތަކުން ބޭނުންކުރުން މަނާވާނެ ކަމަށް ބުންޏެވެ.

ބަޔާނުގައި ބުނީ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން ކުރިއަށްދާ އިރު އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވ. އަތޮޅުގެ ފުލުހުން ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

ޕްރޮފެޝަނަލް މަސައްކަތަކަށް ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ރާއްޖެ އައި އިރު، އޭނާ އާއިލާއާ އެކު 2018 ގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.

އަޖޭއާ އެކު ގެނެސްދޭ ޑިސްކަވަރީގެ "އިން ޓު ދަ ވައިލްޑް އެޕިސޯޑް" ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.