Roadha Mihaaru
އެމްއާރުއެމްގައި އުފެއްދި ޒައީމްގެ މަގާމަށް މައުމޫން

އެމްއާރުއެމްގައި އުފެއްދި ޒައީމްގެ މަގާމަށް މައުމޫން

15 ސެޕްޓެމްބަރ 2021

ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައިގެން ފެއްޓެވި އިސްލާހީ ހަރާކާތުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރިމަތިލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައިގެން ފެއްޓެވި އިސްލާހީ ހަރާކާތުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރިމަތިލައްވައިފި އެވެ.

މައުމޫން، ޒައީމް ކަމަށް ކުރިމަތިލެއްވި ފޯމާ މިއަދު ހަވާލުވެވަޑައިގަތީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމެވެ.

މައުމޫން އުފެއްދެވި ޑީއާރުޕީގެ ޒައީމްކަން ވެސް އެމަނިކުފާނު ވަނީ ފުރުއްވައިފަ އެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްއާރުއެމްގެ ކޮންގްރެސްގައި 12 މަގާމަކަށް ހުޅުވާލާފައިވާ އިރު ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވެ އެވެ.

ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލާފައިވާ އިރު، އެނގިފައިވާ ގޮތުގައި، އެ މަގާމަށް މައުމޫންގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވާދަކުރައްވާނެ އެވެ. ނައިބު ރައީސުންނަށް ހުޅުވާލީ ދެ މަގާމަށެވެ.

އޭގެ އިތުރުން ހިންގާ ކޮމިޓީގެ އެކި މަގާމްތަކަށް ވެސް މެމްބަރުން އިންތިހާބުކުރާނެ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2005 ގައި ގާނޫނުން ލިބުނު ފަހުން މިހާތަނަށް މައުމޫން އިސްވެ ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އެއީ އެންމެ ފުރަތަމަ އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ އަދި ދެވަނަ އަށް އުފެއްދެވި ޕީޕީއެމެވެ. އެމްއާރުއެމްއަކީ އެމަނިކުފާނުގެ ތިން ވަނަ ޕާޓީ އެވެ.

އެމްއާރުއެމްގެ ޒައީމް ކަމަށް ކުރިމަތިލައްވައި ފޯމު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ ހަވާލުކުރައްވަނީ.

އެމްއާރުއެމްގެ ޒައީމް ކަމަށް ކުރިމަތިލައްވައި ފޯމު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ ހަވާލުކުރައްވަނީ.

ޑީއާރުޕީ އާއި ޕީޕީއެމް އެމަނިކުފާނަށް ގެއްލުނީ، ޕާޓީގެ ހިންގުން ހަވާލުކުރެއްވި ބޭފުޅުންނާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. ޑީއާރުޕީއަށް ފަހު ޕީޕީއެމް އުފައްދަވައި ކުރު މުއްދަތަކުން ކާމިޔާބީއަށް ވާސިލްވެފައި ވަނިކޮށް، އެމަނިކުފާނުގެ އަތުން ޕާޓީ އަތުލީ އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.

އެހެންވެ ޕީޕީއެމުގެ ނިންމުމަކަށް ވީ ކައުންސިލް ބައްދަލުވުމަކުން މައުމޫން މަގާމުން ވަކިކުރެއްވުމެވެ. ކޯޓަށް ވެސް އަމިއްލަ ފަރާތަކުން އެ މައްސަލަ ހުށަހެޅި އެވެ.

އެކަމަކު އެމްއާރުއެމް އުފައްދަވަން މައުމޫން ނިންމެވީ ޕީޕީއެމް ލިބޭނެ ކަމުގެ އުއްމީދު ގެއްލުމުންނެވެ.