Roadha Mihaaru
އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް މައުމޫންގެ ދައުވަތެއް!

އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް މައުމޫންގެ ދައުވަތެއް!

20 އޮކްޓޯބަރ 2016

އެމްޑީޕީ ފިޔަވައި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ދައުވަތު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީ ފިޔަވައި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ދައުވަތު ދެއްވައިފި އެވެ.

ދެ ފަޅިވެފައިވާ ޕީޕީއެމްގެ މައުމޫން ފެކްޝަނުން އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ޑީއާރުޕީގެ އިސް ވެރިންނާ ބައްދަލުކުރައްވަން މައުމޫން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުގެ ލީޑަޝިޕާ، ޕީޕީއެމްގެ ކައުންސިލުން ބައްދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ ޖޭޕީ އާއި އަދާލަތު އަދި ޑީއާރުޕީގެ އިސް ވެރިންނާ ބައްދަލުކުރަން ނިންމީ މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމަކުން ކަމަށެވެ.

ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހެދި ކޯލިޝަންގައި ޖޭޕީ އާއި އަދާލަތު ހިމެނެ އެވެ.

ބައްދަލުވުންތަކުގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތަފުސީލެއް އަލީމް ނުދެއްވަ އެވެ.

މައުމޫން އިއްޔެ ވަނީ ރައީސް އަބްދުﷲ ޔާމީން ކެބިނެޓުގެ ކުރީގެ ތިން ވަޒީރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ޕީޕީއެމް އޮފީހުގައި މައުމޫން ބައްދަލުކުރެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

މި ތިން ބޭފުޅުންނާ މައުމޫން މަޝްވަރާ މި ކުރެއްވީ، މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ ބޮޑުވެ، ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނަންގަވައި އެ ޕާޓީ މިހާރު ހިންގަމުން އަންނަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ.