Roadha Mihaaru
ފެނަކައިގެ ކުރީގެ ވެރިޔަކަށް ދައުވާކުރަން ފޮނުވައިފި

ގާތް ގުޅުމެއް އޮންނަ ބައެއްގެ ދޯންޏެއް ކުއްޔަށް ހިފުމުން ފެނަކައިގެ ކުރީގެ ވެރިޔަކަށް ދައުވާކުރަނީ

16 ސެޕްޓެމްބަރ 2021

ފެނަކަ ކޯޕަރޭޝަނަށް 2018 ވަަނަ އަހަރު ދޯންޏެއް ކުއްޔަށް ހިފުމުގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ އޭރުގެ ވެރިޔާ އޭނާއާ ގުޅުމެއް އޮންނަ ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފެނަކަ ކޯޕަރޭޝަނަށް 2018 ވަަނަ އަހަރު ދޯންޏެއް ކުއްޔަށް ހިފުމުގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ އޭރުގެ ވެރިޔާ އޭނާއާ ގުޅުމެއް އޮންނަ ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ފެނަކައިގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ އޭރުގެ ވެރިޔާ ފުވައްމުލަކު، ހޯދަނޑު މައިޒާން، މަރްޔަމް ދީނާ ސޯލިހު އޭނާއާ ގާތް ގުޅުމެއް އޮންނަ ބަަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަން އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގިފައިވާ ކަމަށެެވެ.

އެގޮތަށް ކަންތައް ކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ކިތާބީ ހެއްކާއި ޝަފަވީ ހެކި ހޯދިފައި ވާތީ އޭނާގެ މައްޗަށް ދައުވާކުރަން އޭސީސީން އެދުނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުންނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ތަހުގީގުގައި އޭސީސީއަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދޯނި ކުއްޔަށް ހިފަން ތައްޔާރުކުރި ހަ ޕާޗޭސް އޯޑަރެއް ދަތުރުކުރުމުގެ ފަހުން ތައްޔާރުކޮށްފައި ވުމާއި ދަތުރުކުރިކަމަށް ލިޔެކިއުމުގައި އޮތް ރަށްރަށަށް ދަތުރުކޮށްފައި ނުވުން ހިމެނެ އެވެ.

ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކުރި ޕާޗޭސް އޯޑަރުތަކާއި ކޯޓޭޝަންތައް ވެސް ތައްޔާރުކޮށްފައި ވަނީ ފެނަކައިން އަމަލުކުރާ އުސޫލާ ހިލާފަށްކަން ވެސް ތަހުގީގުން އެނގުނު ކަމަށް އޭސީސީން ބުންޏެވެ. ދޯނި ކުއްޔަށް ދޫކުރި ފަރާތާއި ދީނާއާ ގާތްކަން އޮންނަކަން އޭސީސީގެ ތަހުގީގަށް އެނގުނީ އޭނާގެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކުންނާއި ތުހުމަތުކުރެވޭ މީހާގެ އިއުތިރާފުންނެވެ.

އޭސީސީން ބުނި ގޮތުގައި ދޯނި ކުއްޔަށް ހިފާފައި ވަނީ ދައުލަތަށް ގެންލުންވާ ގޮތަށް މާ ބޮޑެތި އަގުތަކުގަ އެވެ. އެކަމަކު އެ މައްސަލައިގައި ދައުލަތަށް ގެއްލިފައި ވަނީ ކިހާ ފައިސާއެއް ކަމެއް އެ ކޮމިޝަނަކުން ނުބުނެ އެވެ.