Roadha Mihaaru
ރޭޕްގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

16 ސެޕްޓެމްބަރ 2021

އައްޑޫގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރާ ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިރޭ ހައްޔަރުކޮށްފި އެވެ.

އައްޑޫގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރާ ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިރޭ ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ބޮޑު ތުހުމަތެއް ކުރެވޭ އިރު ވެސް އޭނާ ހައްޔަރު ނުކޮށް ހުންނާތީ އައްޑޫގައި އާންމުން މިރޭ މުޒާހަރާކޮށް ހަމަނުޖެހުން ވެސް ހިނގާފައި ވަނިކޮށެވެ.

ފުލުހުން ބުނީ ކުށުގެ ތުހުމަތަށް މިރޭ 11:09 ގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި އައްޑޫ ފުލުހުން ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ރޭޕްގެ މައްސަލާގައި ފުލުސް މީހާ އަށް ތުހުމަތުކުރާ މީހުން ބުނަމުން ދަނީ އުމުރުން 14 އަހަރުން ފެށިގެން ކުއްޖާއާ ބެހެމުން އަންނަ ކަމަށެވެ. ކުއްޖާގެ އުމުރުން މިހާރު 16 އަހަރު ވެއްޖެ ކަމަށާއި ފުލުސް މީހާ ކުއްޖާ ރޭޕްކުރާކަން އެނގުނީ އޭނާގެ އަންހެނުންނަށް އެ މަންޒަރު ފެނިގެން ކަމަށް ވެސް ބުނެ އެވެ. އެ ކުއްޖާ އަކީ ފުލުސް މީހާގެ އަނބިމީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެއް ކަމަށްވެ އެވެ.

އައްޑޫ ހިތަދޫގައި މި މައްސަލާގައި މިރޭ މުޒާހަރާކުރީ ތުހުމަތުކުރަމުން އަންނަތާ އެތައް ދުވަހެއް ވީއިރުވެސް ފުލުސް މީހާ ހައްޔަރު ނުކޮށް އޭނާ ހިމާޔަތްކުރަމުން އަންނަ ކަމަށް ބުނެ އެވެ. މިރޭ މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ބައެއް މީހުންގެ ގަޔަށް ޕެޕަސްޕްރޭ ވެސް ޖަހައިފަ އެވެ.