Roadha Mihaaru
ރޭޕްގެ ތުހުމަތުކުރެވޭ ފުލުސް ޝަރީއަތް ނިމެންދެން ބަންދު

ރޭޕްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ފުލުސްމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

17 ސެޕްޓެމްބަރ 2021

އައްޑޫ ހިތަދޫން ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސްމީހާ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ ހިތަދޫން ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސްމީހާ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

އެ ރަށުގައި ފުލުހަކު ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މީހާ ހުންނަ ގޭގެ ކައިރީގައި ރޭ ގިނަ ބަޔަކު ވަނީ މުޒާހަރާކޮށް، އެ ފުލުސް މީހާ ހައްޔަރުކުރަން ގޮވާލައިފަ އެވެ.

ރޭ 11 ޖަހާކަންހާއިރު، އުމުރުން 34 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ އެ މުޒާހަރާއާ އެކު ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކާއި ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ. ހައްޔަރު ކުރީ ފުލުހެއް ކަން ވެސް ފުލުހުންގެ އިދާރާ އިން ކަށަވަރު ކޮށްދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނީ، އެ ފުލުސްމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި އައްޑޫގައި ތިބޭ ފުލުހުން ގުޅިގެން އެ މީހާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

ހިތަދޫގައި ރޭ މުޒާހަރާކުރީ އެ ފުލުސްމީހާ އަށް ތުހުމަތުކުރަމުން ދާތާ އެތައް ދުވަހެއް ވީއިރު ވެސް އެ މައްސަލަ ނުބަލައި އޭނާ ހައްޔަރު ނުކޮށް ހިމާޔަތްކުރާ ކަމަށް ބުނެ އެވެ. މުޒާހަރާ ކޮންޓްރޯލު ކުރަން ފުލުހުން ބާރުގެ ބޭނުން ވެސް ކުރި އެވެ.

ރޭޕްގެ މައްސަލާގައި ފުލުސްމީހާ އަށް ތުހުމަތުކުރާ މީހުން ބުނަނީ އުމުރުން 14 އަހަރުން ފެށިގެން ކުއްޖާއާ ބެހެމުންދާ ކަމަށެވެ. އެ ކުއްޖާގެ އުމުރުން މިހާރު 16 އަހަރު ވެފައިވާއިރު، އެއީ ފުލުސް މީހާގެ އަނބިމީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެއް ކަމަށް ވެ އެވެ.