Roadha Mihaaru
ފުޅިއެއްގައި އިންޑޮނީޝިއާ އިން ރާއްޖެއަށް މެސެޖެއް

މެސެޖަކާ އެކު އިންޑޮނީޝިއާ އިން އެއްލައިލި ފުޅިއެއް 70 ދުވަހުން ރާއްޖެއަށް

17 ސެޕްޓެމްބަރ 2021

އެއީ މީގެ ހަތް އަހަރު ކުރިން ވ. އަތޮޅުގެ ފިނޮޅަކަށް ކުރި ދަތުރެކެވެ. ޓުއާ ގައިޑަކަށް އުޅުނު މުހައްމަދު އޭރު ހުރީ ޓޫރިސްޓުން ގޮވައިގެން، ވ. އަންބަރާ ކައިރީގައި އޮންނަ އެ ކުޑަ ފިނޮޅަށް ގޮހެވެ. އެ ފިނޮޅަށް ފައިބައި އުޅެނިކޮށް އޭނާ އަށް ފެނުނީ، ގޮނޑުދޮށުގައި އެއް ރާޅާ އެކު އެއްގަމަށް ބީއްސާލައި އަނެއް ރާޅާ އެކު މޫދަށް ދެމިލާ ހިސާބުގައި އޮތް ބޮޑު ބިއްލޫރި ފުޅިއެކެވެ. އެކަމަކު އެއީ އިންޑޮނޭޝިއާގެ ހިސާބަކުން އޭގެ 70 ދުވަސް ކުރިން ކަނޑަށް އެއްލައިލި އެއްޗެއްކަން މުހައްމަދަށް އެނގުނީ އަދި މާ ފަހުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އުނގުރިއެއް ޖަހައި، ބަންދުކޮށްފައި އޮތް އެ ފުޅީގެ ތެރޭގައި ކުޑަ ކަރުދާސް ކޮޅަކާއި ފަސް ޔޫރޯގެ ކޮއިނެއް އޮތެވެ. އެ ކަރުދާސްކޮޅުގައި ކުރު މެސެޖެއް ލިޔެފައިވެ އެވެ.

"ލަޓްވިއާ އިން މަރުހަބާ ކިޔަން. އަހަރެންގެ ނަމަކީ އައިވާސް ސްމިލްކިސްޓް،" އެ މީހެއްގެ އީމެއިލް އެޑްރެސްއާ އެކު އިނގިރޭސި ބަހުން ލިޔެފައިވެ އެވެ.

އެ މެސެޖުގައި ލިޔެފައިވާ ގޮތުގައި އެ ފުޅި އަކީ އިންޑޮނީޝިއާގެ ހިސާބަކުން މޫދަށް އެއްލައިލި ފުޅިއެކެވެ. އެ ފުޅި އެއްލައިލި ހިސާބުގެ ޖީޕީއެސް ކޯޑިނޭޓްސް ވެސް އެ މެސެޖުގައިވެ އެވެ. އެކަމަކު އެ ފުޅި އެއްލައިލި ތާރީހެއް އެނގޭކަށް ނެތެވެ.

"ފިނޮޅު ދަތުރު ނިމިގެން ދޯންޏަށް އެރީ ހަމަ އޭގައި ލިޔެފައި ހުރި ކޯޑިނޭޓްސްތައް ޖީޕީއެސްއަކުން ބަލައިގެން އޭތި އަސްލު އައި ލޮކޭޝަން ހޯދިން،" މުހައްމަދު ބުންޏެވެ.

އެ ފުޅި އައީ އިންޑޮނީޝިއާގެ ސުމަޓްރާ ކައިރި ހިސާބަކުންވެ. އެއީ އެ ފިނޮޅާ 1،622 މޭލު ދުރެވެ.

މި ފުޅި ފެނުނު ވ. އަތޮޅުގެ ފިނޮޅު މެޕުން ފާހަގަކޮށްފައި.

މި ފުޅި ފެނުނު ވ. އަތޮޅުގެ ފިނޮޅު މެޕުން ފާހަގަކޮށްފައި.

އެ ފުޅި ލިބުނުކަން އެންގުމަށާއި އޭތި ކަނޑަށް އެއްލައިލި ތާރީހެއް ހޯދަން، މުހައްމަދު އެ މެސެޖުގައި އިން އީމެއިލް އަށް ޖަވާބު ދިނެވެ. މުހައްމަދު ބުނީ އެ މީހާ އަށް ފޮނުވި މެއިލްގައި އެ ފުޅީގައި އޮތް މެސެޖާއި ކޮއިން ލިބުނު ވާހަކަ ވެސް ބުނި ކަމަށެވެ. އޭނާ އެ މެއިލް ފޮނުވީ އޭނާގެ ކަންބޮޑުވުމެއް ވެސް ލިޔެފަ އެވެ.

"އަހަރެން އެ މެއިލްގައި ބުނިން އެ މީހާ މޫދަށް އުކާލި ކުނި ލެއްގީ ރާއްޖޭގެ ގޮނޑުދޮށަށޭ. އެހެންވެ، މޫދަށް ކުނި ނާޅާށޭ، އެ ގޮސް ލައްގާނީ ކޮންތާކަށް ކަމެއް ނޭނގެއޭ،" މުހައްމަދު ބުންޏެވެ.

"އެކަމަކު އެ މެސެޖު ލިބުމުން ވަރަށް އުފާވި ކަމަށް ވެސް ބުނިން."

އެ ފުޅި ކަނޑަށް އެއްލައި ދުވަހެއް ކަމަށް އެ މީހާ ބުނީ ޖެނުއަރީ 21، 2014 އެވެ. މުހައްމަދު އެ ފުޅި ހޮވީ، އޭގެ 70 ދުވަސް ފަހުން، މާޗު 31، 2014 ގަ އެވެ.

މުހައްމަދު ބުނީ އައިވާސް ކިޔާ އެ މީހާ އަކީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ލަޓްވިއާ މީހެއް ކަމަށެވެ. އެ ފުޅީގައި އޮތް މެސެޖުގައި ލަޓްވިއާއިން އޭނާ މަރުހަބާ ކިޔާފައި ވަނީ އެހެންވެ އެވެ. އެ ފުޅި މޫދަށް އެއްލައިލިރު، އޭނާ ހުރީ ދަތުރުވަރެއްގައި އިންޑޮނީޝިއާގައި ކަމަށް ބެލެވެ އެވެ.

މި ފުޅީގައި އޮތް ކަރުދާސްކޮޅުގައި ލިޔެފައިވާ މެސެޖު. އަދި މި ފުޅި ތެރޭގައި އޮތް ފަސް ޔޫރޯގެ ކޮއިން ކަރުދާސްކޮޅުގެ މަތީގައި.

މި ފުޅީގައި އޮތް ކަރުދާސްކޮޅުގައި ލިޔެފައިވާ މެސެޖު. އަދި މި ފުޅި ތެރޭގައި އޮތް ފަސް ޔޫރޯގެ ކޮއިން ކަރުދާސްކޮޅުގެ މަތީގައި.

މުހައްމަދުގެ މެއިލް އަށް އައިވާސް ފަހުން ފޮނުވި ޖަވާބުގައި ވަނީ އެ ފުޅި އެއްލައިލި ހިސާބު ވެސް ބުނެފަ އެވެ. އެއީ އިންޑިއާ ކަނޑުގެ ރަށްތަކެއް ކަމަށްވާ ނިކޮބާ އާއި ސުމަޓުރާއާ ދެމެދު އޮންނަ ކަނޑަށެވެ.

އައިވާސް ބުނެފައި ވަނީ އެ ފުޅި މުހައްމަދަށް ފެނުމުން އޭނާ ވަރަށް އުފާވި ކަމަށާއި އޭނާ އެ ގޮތަށް ކަނޑަށް ދޫކޮށްލި ފުޅިތަކުގައި ފޮނުވި މެސެޖުތަކަށް އެންމެ ފުރަތަމަ ޖަވާބެއް ދިން މީހަކީ ވެސް މުހައްމަދު ކަމަށެވެ. މުހައްމަދަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުނެ، އައިވާސް ވަނީ އެ ފުޅީގެ ފޮޓޯއެއް ފޮނުވަތީ ޝުކުރު އަދާކޮށްފަ އެވެ. އެ ފޮޓޯ އޭނާގެ ރައްޓެހިންނަށް ދައްކާލަން ކެތްމަދުވެފައި ހުރި ކަމަށް މެއިލްގައި އޮތެވެ.

މި ގޮތަށް، ބިއްލޫރި ފުޅިއަށް މެސެޖެއް ލުމަށް ފަހު މޫދަށް ދޫކޮށްލުމަކީ ކުރިން ވަރަށް އާންމުކޮށް މީހުން ކޮށް އުޅުނު ކަމެކެވެ. ދަ ގަޑީއަން އިން މިއަދު ރިޕޯޓްކުރި ގޮތުގައި މީގެ 37 އަހަރު ކުރިން ޖަޕާނުގެ ހައި ސްކޫލް ދަރިވަރުންތަކެއް މޫދަށް ދޫކޮށްލި ފުޅިއެއް އެމެރިކާގެ ހަވާއީގެ ގޮނޑުދޮށަށް އިއްޔެ ލައްގައިފައި އޮއްވައި ވަނީ ފެނިފަ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ މިއަކެޖިމާ އައިލެންޑްގެ ގޮނޑުދޮށަށް، 1984 އިން 1985 އާ ދެމެދު، 750 ފުޅި މި ގޮތަށް ދޫކޮށްލާފައިވެ އެވެ.