Roadha Mihaaru
ލޮކްޑައުންގައި ދަސްވީ ކެއްކުމާއި ފްރާންސް ބަސް: ސައިފް

ލޮކްޑައުންގައި ދަސްވީ ކެއްކުމާއި ފްރާންސް ބަސް: ސައިފް

20 ސެޕްޓެމްބަރ 2021

ކޮވިޑް-19އާ އެކު އިންޑިއާގައި މި ފަހުން އިއުލާންކުރި ދެ ލޮކްޑައުންގެ ސަބަބުން ތިން ކަމެއް ހާސިލުވި ކަމަށް ބުނެ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ޖޯކް ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ އެކު އިންޑިއާގައި މި ފަހުން އިއުލާންކުރި ދެ ލޮކްޑައުންގެ ސަބަބުން ތިން ކަމެއް ހާސިލުވި ކަމަށް ބުނެ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ޖޯކް ޖަހައިފި އެވެ.

ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އޭނާގެ އެންމެ ފަހުގެ ފިލްމު "ބޫތު ޕޮލިސް" ޕްރޮމޯޓްކުރަން ފިލްމުގެ ދެ ބަތަލާއިން ކަމަށްވާ ޖެކްލީން ފެނާންޑޭޒާއި ޔާމީ ގޯތަމްއާ އެކު ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ބައިވެރިވެ، ކަޕިލް ކުރި ސުވާލަކަށް ޖަވާބުދެމުން ސައިފް ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ލޮކްޑައުންގެ ސަބަބުން ދަސްވި ކަމަކީ ކެއްކުމާއި ފްރާންސް ބަސް ކަމަށެވެ.

ސައިފް ބުނި ގޮތުގައި ދެވަނަ ލޮކްޑައުންގައި ހާސިލުވި ކަމަކީ ހަތަރު ވަނަ ދަރިޔަކު ލިބުމެވެ. އެއީ އަންހެނުން ކަރީނާ އަށް މި އަހަރުގެ ފެބްރުއަރީގައި ލިބުނު ދެވަނަ ދަރިފުޅެވެ. ސައިފާއި ކަރީނާ މި ވަގުތު އަންނަނީ ދެ ދަރިން ކަމަށްވާ ތައިމޫރު (ޓިމް) އާއި ޖަހާންގީރު (ޖޭ) އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަންގާރަ ދުވަހަކީ ކަރީނާގެ 41 ވަނަ އުފަން ދުވަހެވެ.

މިދިޔަ މަހުގެ 16 ގައި ސައިފްގެ 51 ވަނަ އުފަން ދުވަސް ވެސްފާހަގަކުރީ ރާއްޖޭގަ އެވެ.

ސައިފަކީ ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދެ ދަރިން ކަމަށްވާ ބަތަލާ ސާރާ އަލީ ޚާން، 26، އާއި އިބްރާހިމް އަލީ ޚާން، 20 ގެ ވެސް ބައްޕަ އެވެ.

ލޮކްޑައުންގއި ކައްކަން ދަސްކުރި ވާހަކަ ސައިފް ބުނެފައިވާ އިރު އޭނާ އަކީ އަބަދު ވެސް ކެއްކުމަށް ވަރަށް ލޯބިކުރާ އެކްޓަރެކެވެ. ކަރީނާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ސައިފް އެންމެ މީރުކޮށް ކައްކާ އެއްޗަކީ ސްޕެގެޓީ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސައިފް ފިލްމެއްގައި ވެސް ކައްކާއެއްގެ ރޯލު ކުޅުނެވެ. އެއީ 2017 ގެ "ޝެފް" ގަ އެވެ.