Roadha Mihaaru
މައިދައިތައަށް ކަރީނާ އަކީ ނަމޫނާއެއް

މައިދައިތައަށް ކަރީނާ އަކީ ނަމޫނާއެއް

26 އޯގަސްޓް 2021

ބަތަލާއެއްގެ ގޮތުގައި ކަރީނާ ކަޕޫރަކީ ވަރަށް ހިތްތިރި ބަތަލާއެއް ކަމަށާއި ޅީދަރިއަކަށް ވުރެ ބޮޑަށް އޭނާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތަށް ކަމަށް ބުނެ ކަރީނާގެ މައިދައިތަ ޝަރުމީލާ ޓެގޯރް ވާހަކަ ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާއެއްގެ ގޮތުގައި ކަރީނާ ކަޕޫރަކީ ވަރަށް ހިތްތިރި ބަތަލާއެއް ކަމަށާއި ޅީދަރިއަކަށް ވުރެ ބޮޑަށް އޭނާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތަށް ކަމަށް ބުނެ ކަރީނާގެ މައިދައިތަ ޝަރުމީލާ ޓެގޯރް ވާހަކަ ދައްކައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާންގެ މަންމަ ދިން އިންޓަވިއުއެއްގައި ބުނީ ކަރީނާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރު ބެލެންސްކުރާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ކުރީގެ މަޝްހޫރު ބަތަލާ ބުނި ގޮތުގައި ފިލްމު ކުޅޭ މީހަކަށް ޒާތީ ދިރިއުޅުން ބެލެންސްކުރުމަކީ ވަރަށް ގިނަ ފަހަރަށް އުނދަގޫ ކަމެކެވެ.

އެކަމަކު ސައިފާ ކައިވެނިކޮށްގެން ކަރީނާ އެ އާއިލާގެ ތެރެއަށް އައުމާ އެކު އޭނާގެ ފަރާތުން ވަރަށް ރަނގަޅު، ނަމޫނާ ސިފަތަކެއް ފެންނަމުން އަންނަ ކަމަށް ޝަރުމީލާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ވެސް ކަރީނާ އަކީ ކަންކަން ވަރަށް ރަނގަޅަށް މެނޭޖްކުރާ ބަތަލާއެކެވެ. އަދި މިހާރު ދެވަނަ ދަރިޔަކު ވެސް އޮތުމުން ބޮޑެތި ޒިންމާތަކާ އެކު ވެސް ކަރީނާ ފެންނަނީ ވަރަށް ޒިންމާދާރު އަންބެއް، މައެއް އަދި މަސައްކަތްކުރާ އަންހެނެއްގެ ގޮތުގައި ކަމަށް ޝަރުމީލާ، 76، ބުންޏެވެ.

"އަހަރެން ކަރީނާ ނުދެކެން ހަމައެކަނި ޅީދަރިއެއްގެ ގޮތުގައެއް. އެއީ ހަމަ އަހަރެންގެ އަމިއްލަ ދަރިއެއް ކަހަލަ ކުއްޖެއް. އާއިލާގެ އެންމެން ވެސް ކަރީނާ ދެކެ ވަރަށް ލޯބިވޭ،" އޭނާ ބުންޏެވެ. "އަދި ކަރީނާ ވެސް އަހަރެން ދެކެނީ އަމިއްލަ މަންމައެއްގެ ގޮތުގައި."

ޝަރުމީލާ ކިޔައިދިން ގޮތުގައި ބަތަލާއަކަށްވާތީ ކަރީނާގެ ފަރާތުން ފެންނަ އެންމެ ރީިތި އެއް ސިފަ އަކީ އޭނާގެ މުވައްޒަފުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތެވެ.

"އޭނާގެ ޑިޒައިނަރަކަށް ނުވަތަ ހެއާޑްރެސާއަކަށް ވިޔަސް އެއްވެސް މީހަކާ ދޭތެރޭ ދުވަހަކު ވެސް ކަރީނާ ހަޑިކޮށް މުއާމަލާތްކުރި ތަނެއް ދުވަހަކު ވެސް ނުދެކެން. އެންމެންގެ މަސައްކަތް ވެސް ބަލައި ގަނެ، ވަރަށް އިހުތިރާމާ އެކު އޭނާ އަބަދު ވެސް ކަންތައްތައް ކުރަނީ،" ޝަރުމީލާ ބުންޏެވެ. "އެހެންވެ އަހަރެންގެ ނަޒަރުގައި ކަރީނާއާ އެހެން މީހަކާ އަޅައެއް ވެސް ނުކިޔޭނެ. ހިތްތިރި މަޑުމައިތިރި އަދި މީސްމީހުންނަށް އިހުތިރާމުކުރަން ދަންނަ ކުއްޖެއް އެއީ."

ޝަރުމީލާ ބުނި ގޮތުގައި އޭނާ ކައިވެނިކޮށްގެން ފިރިމީހާގެ އާއިލާއާ ގުޅުނު އިރު އެންމެ ބޮޑު ސަޕޯޓެއް ދިން މީހަކީ ވެސް މައިދައިތަ އެވެ. އެހެންވެ ޅީދަރިއެއްގެ ގޮތުގައި ބަތަލާއަކު ލިބުމަކީ އެ ނަމޫނާ އޭނާ ވެސް ދައްކަންް ޖެހޭ ސަބަބެއް ކަމަށް ބުންޏެވެ.

"ކައިވެންޏަށް ފަހު ވެސް ފިލްމީ މަސައްކަތްކުރަން އަހަންނަށް އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ މައިދައިތަ. އެހެންވީމަ އަހަރެންގެ ފަރާތުން ކަރީނާ އަށް ވެސް އެ ނަމޫނާ ދައްކާނަން. އަހަރެން އަބަދު ވެސް އޭނާ އަށް ހިތްވަރު ދިނުމުގައި ދެމިހުންނާނަން،" ޝަރުމީލާ ބުންޏެވެ.

ކަރީނާގެ ކުރިން ސައިފް ކައިވެނިކުރީ އޭނާ އަށް ވުރެ އުމުރުން ދޮށި ބަތަލާ އަމްރިތާ ސިންގްއާ އެވެ. އާއިލާގެ މާ ބޮޑު ރުހުމެއް ނުލިބި 1991 ގައި ކުރި އެ ކައިވެނި 2004 ގައި ރޫޅުނު އިރު ދެ ކުދިން ވެސް ތިއްބެވެ. އެއީ މިހާރުގެ ބަތަލާ ސާރާ އަލީ ޚާން، 26، އާއި އިބްރާހީމް އަލީ ޚާން، 20، އެވެ.