Roadha Mihaaru
ކަރީނާގެ ފޮތް މާބަނޑު މީހުންނަށް ހާއްސަ

ކަރީނާގެ ފޮތް މާބަނޑު މީހުންނަށް ހާއްސަ

21 ޑިސެމްބަރ 2020

މިހާރު ދެވަނަ ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އަލަށް ލިޔާ ފޮތް މާބަނޑު މީހުންނަށް ހާއްސަކޮށް، އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ދެވަނަ ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އަލަށް ލިޔާ ފޮތް މާބަނޑު މީހުންނަށް ހާއްސަކޮށް، އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

މިކަން އިންސްޓަގްރާމްގައި ހާމަކޮށްފައި ވަނީ ފޮތުގެ ކަވަރާ ވެސް އެކީގަ އެވެ. ކަރީނާގެ ސޫރަ ކަރިކެޗާއެއްގެ ގޮތުގައި ހިމަނާފައިވާ ފޮތުގެ ނަމަކީ "ޕްރެގްނަންސީ ބައިބްލް" އެވެ. އަންނަ އަހަރު ފޮތް ނެރެން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ ފޮތް ނެރެނީ ޖަގަނޯޓް ބުކްސްގެ ތައްގަނޑުގަ އެވެ.

"ޕްރެގްނަންސީ ބައިބްލް" އާ ބެހޭ ގޮތުން ކާމިޔާބު ބަތަލާ ބުނީ މާބަނޑުވުމަކީ ކޮންމެ އަންހެނަކަށް ވެސް ތަޖުރިބާކުރަން ޖެހޭނެ ކަމަށާއި މުހިއްމު ކަމަކީ އެ ތަޖުރިބާ އުފާވެރި ފުރިހަމަ އަދި ދުޅަހެޔޮ ތަޖުރިބާއަކަށްވުން ކަމަށެވެ.

އެހެންވެ އޭނާގެ އަމިއްލަ ތަޖުރިބާ ވަރަށް ގިނަ ދިމަދިމާލަށް ފޯކަސްކޮށް، ފޮތުގައި ގެނެސްދީފައި ހުންނާނެ ކަމަށް ބުންޏެވެ.

ކަރީނާގެ އަލަތު ފޮތް ނެރޭކަން އިއުލާންކޮށްފައި މި ވަނީ އަލަތު ދަރިފުޅު ތައިމޫރްގެ 4 ވަނަ އުފަން ދުވަހާ ދިމާކޮށް އާދީއްތަ ދުވަހު އެވެ.

ކަރީނާ އަންނަނީ ކައިވެނިކޮށް ދަރިއަކު ލިބުނު ފަހުން ވެސް ބޮލީވުޑްގައި ބަތަލާއަކަށް ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރު ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިދާނެކަން ދައްކުވައި ދެމުންނެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ބައެއް މަންޒަރުތައް ޝޫޓްކުރަން ޖެހުނީ ވެސް ބަލިވެއިން ފަހުންނެވެ. ކަރީނާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލް ވެސް ވަނީ މަޔަކަށްވުމުގެ ތަޖުރިބާ މި އަހަރުގެ ކުރީކޮޅު "އަންމާ މިއާ" ކިޔާ ފޮތަކުން ކިޔައި ދީފަ އެވެ.

ކަރީނާ ފޮތެއް ނެރޭ އިރު، ފިރިމީހާ ސައިފްގެ ބައޮގްރަފީ ވެސް އަންނަ އަހަރު ނެރެން ކުރިން ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް މި ދަނޑިވަޅުގައި އެ ނެރުމާ ދޭތެރެ ދެވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ފަހުން ބުނެފައިވެ އެވެ.