Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

30 ޖުލައި 2021

ފިލްމުގެ ނަން "ކަބީ އީދު ކަބީ ދިވާލީ" އިން "ބައިޖާން" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނާ ސަލްމާން ޚާންގެ ފިލްމު އަންނަ އަހަރުގެ ދިވާލީގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޝޫޓިން އަންނަ ނޮވެމްބަރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމުގެ ނަން "ކަބީ އީދު ކަބީ ދިވާލީ" އިން "ބައިޖާން" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނާ ސަލްމާން ޚާންގެ ފިލްމު އަންނަ އަހަރުގެ ދިވާލީގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޝޫޓިން އަންނަ ނޮވެމްބަރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ސޯޝަލް ކޮމެޑީ ނޮވެމްބަރު މަހުގެ މެދުތެރޭގައި ފާހަގަކުރާ ދިވާލީގައި ރިލީޒްކުރަން ނިންމީ ސަލްމާނާ ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު އެވެ. "ބައިޖާން" 2019 ގައި އިއުލާންކުރީ މި އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. އެކަމަކު ކޮވިޑް-19އާ ހެދި އެެކަން ނުވީ އެވެ.

އެހެންވެ މިހާރު އަންނަ އަހަރުގެ ދިވާލީ އަށް ފިލްމު ތާވަލުކޮށްފައިވާ އިރު، ސަލްމާންގެ ފިލްމަކަށް އެންމެ ފަހުން ދިވާލީގައި ރިލީޒްކުރީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. މި ފަހުން ސަލްމާންގެ ހުރިހާ ފިލްމެއްހެން ރިލީޒްކުރަނީ ފިތުރު އީދާ ދިމާކޮށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ރާދޭ" ގެނެސްދިނީ މި އަހަރުގެ ފިތުރު އީދުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާ އަށް އަންނާނެ ބޮޑު ފިލްމަކީ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

"ބައިޖާން" އަކީ ތިން ބެއިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭގައި ސަލްމާންގެ ކޮއްކޮއިންގެ ގޮތުގައި ޅިޔަނު އާޔޫޝް ޝަރުމާ އާއި ޒަހީރު އިގްބާލް ފެނިގެން ދާނެ އެވެ. ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.

"ތަޅަމް" ގެ ރިމޭކަށް އަދިތިޔާ ސޮއިކޮށްފި

ސިދާތު މަލްއުތުރުތާ ދޫކޮށްލުމުން އަދިތިޔާ ރޯއި ކަޕޫރަށް ހުށަހެޅި ތަމަޅަ ފިލްމު "ތަޅަމް" ގެ ހިންދީ ރިމޭކަށް އޭނާ ސޮއިކޮށްފި އެވެ.

މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ހަދާ ފިލްމެކެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އަލަށް އެ ދާއިރާ އަށް ނުކުތް ވަރުދާން ކެތުކަރްއާ އެވެ.

"ތަޅަމް" އަކީ 2019 ގައި ރިލީޒްކުރި އެކްޝަން ތުރިލާއެކެވެ. އޭގެ މައިގަނޑު ރޯލްތައް ކުޅުނީ އަރޫން ވިޖޭ އާއި ތާނިއާ ހޯޕްގެ އިތުރުން ވިދިއާ ޕްރަދީީޕެވެ. އަރޫން ފިލްމުގައި ކުޅުނީ ޑަބަލް ރޯލެކެވެ. އެހެންވެ ހިންދީ ފިލްމުން އަދިތިޔާ ވެސް ފެންނާނީ ޑަބަލް ރޯލަކުންނެވެ.

މިދިޔަ އަހަރު "މަލަންގް" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އެކްޝަން ފިލްމު "އޯމް: ދަ ބެޓްލް ވިތިން" އެވެ.

"މޮނިކާ، އޯ މައި ޑާލިން" ގެ ޝޫޓިން ފަށައިފި

ދާދި ފަހުން ރާޖްކުމާރު ރާއޯ އާއި ހުމާ ގްރޭޝީއާ އެކު އިއުލާންކުރި ޑާކް ކޮމެޑީ ތުރިލާ "މޮނިކާ، އޯ މައި ޑާލިން" ގެ ޝޫޓިން ފަށައި، ފިލްމުގެ ކާސްޓުން ފެންނާނެ ގޮތް ވެސް ދައްކާލައިފި އެވެ.

މީގެ ކާސްޓްގައި ރާދިކާ އަޕްޓޭ އާއި ސިކަންދަރު ކޭރާއި އަކަންޝާ ރަންޖަން ކަޕޫރް ވެސް ހިމެނެ އެވެ.

ނެޓްފްލިކްސް އަށް ހަދާ "މޮނިކާ، އޯ މައި ޑާލިން" އަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ޑައިރެކްޓަރު ވަސަން ބާލާ ހަދާ ފިލްމެކެވެ.

އަބޭގެ "ސްޕިން" އަންނަ މަހުގެ 13 ގައި

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު އަބޭ ޑިއޯލް ކުޅެފައިވާ ފިލްމު "ސްޕިން" އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ޑިޒްނީ އާއި އިންޑިއާގެ ޕްރޮޑަކްޝަން ހައުސްއެއް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. އަބޭ ބުނީ "ސްޕިން" އަކީ ކުރިން ވެސް އޭނާ ކުޅެފައިވާ ފަދަ ތަފާތު ފިލްމަކަށްވާނެ ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް ގަބޫލު ވެސް ކުރާ ކަމަށެވެ.

މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއިލާ އަށް ނިސްބަތްވާ އަބޭ، 45، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި "ދޭވް ޑީ" އާއި "ރާންޖަނާ" އާއި "އޯޔޭ ލަކީ އޯޔޭ" އަދި "ހެޕީ ބާގް ޖާއޭގީ" ހިމެނެ އެވެ.