Roadha Mihaaru
މުސާރައިގެ އޮނިގަނޑުތައް އަވަސްކުރަން ކުއްލިމައްސަލައެއް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

20 ސެޕްޓެމްބަރ 2021

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި، މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުން އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި، މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުން އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެެއް ހުށަހަޅައިފި އެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީީމް) މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުން ދެމުން ގެންދާ ހިދުމަތަށް ބަލާއިރު، އެ މީހުންނަށް ދެނީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށްް އެ ޕާޓީން އަބަދުވެސް ދެކޭ ކަމަށެވެ. އެހެންވެ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު އަވަސްކުރަން އޭނާ ގޮވައިލެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންންގެ އިއްްތިފާގުންނެވެ.

މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުން އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އިރު، ސަރުކާރުން މިއަދު ބުނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އޮނިގަނޑަށް މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް އެއް ހަމައެއްގައި މުސާރަ ދޭ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި މި އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަަކަން އެމްޑީޕީން އަބަދުވެސް ފާހަގަކުރާ ކަމަށާއި އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ވެސް އެ ވާހަކަ ދެއްކި ކަމަށެވެ.

އެކަމަކު، ހަލީމް އެ ވިދާޅުވާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ވަކި ހިސާބަކުން ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކުރުމަށް ފަހު، އެ ވެރިކަން ނިމެންދެން މުވައްޒަފުން އުޅެން ޖެހުނީ ހަމަ މުސާރަ ނުލިބިގެންނެވެ. އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި މަސައްކަތްކުރީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި މުވައްޒަފުން މަދުކުރުމަށެވެ. އެހެންވެ، ނަޝީދުގެ ސަރުކާރާ މެދު އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދުނު އެއް ބަޔަކީ ވެސް ސިވިލް ސާވަންޓުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަލީމް ވިދާޅުވީ، މިނިމަމް ވޭޖެއްގެ ވާހަކަ ވެސް މި ސަރުކާރުން ދެއްކީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކަމުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގެ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާ އަޅާ ބަލާއިރު ސިވި،ލް ސާވިސްގެ މުސާރަ ކުޑަކަމަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ނަަމަވެސް ސިވިލް ސާވިސް ކޮމިޝަނުގެ މިހާރުގެ މެމްބަރުން މަގާމަށް ވަޑައިގެންނެވި ފަހުން، މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އެކަމަކު، މުސާރައިގެ އާ އޮނިގަނޑުތަކުގެ މަސައްކަތް ލަސްވަނީ ކުރިން އެއްވެސް މަސަައްކަތެއް ކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް [މުސާރައިގެ] 15 ވަރަކަށް އޮނިގަނޑު ނިންމައި އެ އަށް އަަމަލުކުރަން ފަށައި އިތުރަށް 60 އަކަށް އޮނިގަނޑު ނިންމައި ޕޭ ކޮމިޝަނަށް ފޮނުވާފައި އެބަހުރި،" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ސިވިލް ސާވިސް ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކާ ހަވާލާދެއްވައި ހަލީމް ވިދާޅުވި އެވެ.

އަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ލިބެން ޖެހޭ ކަމަށާއި ކޮރަޕްޝަނުގެ އަމަލުތައް ގިނަވާ ސަބަަބަކީ މުސާރަ އެކަން ނުވުމުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އޮފީހުގައި މުވައްޒަފުން ހޭދަކުރާ ވަގުތު މަދުވުމުގެ މައްސަލަ ދިމާވަނީ މުސާރަ ކުޑަވުމުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް އަވަސް ކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް މި ހުށަހެޅީ މުސާރަ ކުޑަވުމުގެ ހިތްހަމަނުޖެހުން ފާޅުކުރަން ސިވިލް ސާވަންޓުން ކޮންމެވެސް ވަރަކަށް އިހުތިޖާޖް ކުރަން ފަށާފައިވާ ވަގުތެއްގަ އެވެ. މުސާރަ ކުޑަވުމުގެ ހިތްހަމަނުޖެހުން ފާޅުުކުރުމަށްޓަކައި ބައެއް މުވައްޒަފުން އިއްޔެ އޮފީސްތަކަށް ދިޔައީ ކަޅުހެދުމުގަ އެވެެ.