Roadha Mihaaru
ޗައިނާގެ 14 އަހަރުން ދަށަށް ޓިކްޓޮކް 40 މިނިޓަށް

ޗައިނާގެ 14 އަހަރުން ދަށަށް ދުވާލަކަށް ޓިކްޓޮކް ބޭނުންކުރެވޭނީ 40 މިނިޓަށް

22 ސެޕްޓެމްބަރ 2021

ޓިކްޓޮކްގެ ޗައިނާ ވާޝަން ޑޫޔިން އެ ގައުމުގެ 14 އަހަރު ދަށުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް ދެން ބޭނުންކުރެވެވޭނީ ގިނަވެގެން 40 މިނިޓަށް ކަމަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކްގެ ޗައިނާ ވާޝަން ޑޫޔިން އެ ގައުމުގެ 14 އަހަރު ދަށުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް ދެން ބޭނުންކުރެވެވޭނީ ގިނަވެގެން 40 މިނިޓަށް ކަމަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށް، އެ އެޕް ހިންގާ ބައިޓްޑާންސުން ބުނީ މި ކަމަކީ ޓެކްނޮލޮޖީގެ ވަަސީލަތްކަށް ކުޑަކުދިން ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް އިތުރުވެ، އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރަން އެޅި ފިޔަވަޅެއް ކަމަށެވެ. އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމި އިރު ދާދި ފަހުން ވަނީ ޗައިނާގައި ކުޑަކުދިންނަށް ވީޑިއޯ ގޭމް ކުޅެވޭ ވަގުތުތައް ވެސް ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.

ސާދަ އަހަރުން ދަށުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް ޑޫޔިން ބޭނުންކުރެވޭ ވަގުތު ލިމިޓްކުރި އިރު، ކުދިންގެ އެކައުންޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ދެން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. އަދި ޑޫޔިން 40 މިނިޓަށް ބޭނުންކުރެވޭނީ ހެނދުނު 6 އާއި ރޭގަނޑު 10 އާ ދޭތެރޭގަ އެވެ.

ޑޫޔިން ބޭނުންކުރެވޭ ވަގުތަށް ލިމިޓެއް ކަނޑައެޅި އިރު، އޭގައި ބައިވެރިވާކަށް ޗައިނާގައި ކުދިންނަށް ވަކި އުމުރެއް ކަނޑައަޅައިފައެއް ނޯވެ އެވެ. އެކަމަކު 18 އަހަރުގެ ދަށުގެ ކުއްޖަކަށް އެކައުންޓެއް ހެދޭނީ ބެލެނިވެރިއެއްގެ އެހީގަ އެވެ.

ކުރު ވީޑިއޯތަކަށް ހާއްސަ އެޕއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޓިކްޓޮކަކީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެޕެކެވެ.

ޓިކްޓޮކްގެ ޗައިނާގެ ވާޝަނީ ޑޫޔިން.

ޓިކްޓޮކްގެ ޗައިނާގެ ވާޝަނީ ޑޫޔިން.

ބައިޓްޑާންސުން ބުނި ގޮތުގައި ޑޫޔިން ބޭނުންކުރާ ކުދިންނަށް އެ ޕްލެޓްފޯމަކީ ހުރިހާ ގޮތަކުން ވެސް ފައިދާހުރި ރައްކާތެރި އެއްޗަކަށް ހެދުމަކީ އެންމެ ބޮޑު މަގުސަދެވެ. އެގޮތުން އެ އެޕްގެ "ޔޫތު މޯޑް" ގެ އެހީގައި ދެން އެޑިއުކޭޝަން ކޮންޓެންޓްތައް އިތުރުކުރާނެ އެވެ. އޭގެ ތެރޭގައި ސައިންސް އެކްސްޕެރިމަންޓްތަކާއި މިއުޒިއަމް އެގްޒިބިޝަންތަކާއި ތާރީހީ މައުލޫމާތުތައް ލިބޭ ކަހަލަ ކޮންޓެންޓްތައް ހިމެނެ އެވެ.

"އަހަރެމެން ވަރަށް ބޮޑަށް އިސްކަންދޭނަން ފުރާވަރުގެ ކުދިންނަށް ބޭނުންތެރި ފެންވަރު ރަނގަޅު ކޮންޓެންޓް ޕްލެޓްފޯމްގެ ތެރެއިން ފަހިކޮށް، އެފަދަ އެއްޗިއްސަށް ކުދިންގެ ޝައުގުވެރިކަން ހޯދުމަށް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި މިކަމަށް ކުރެވޭ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ،" ބައިޓްޑާންސުން ބުންޏެވެ.

ޗައިނާގައި ފަހަކަށް އައިސް ކުޑަކުދިން ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކަށް ދެވިހިފައި، އެފަދަ ވަސީލަތްތަކަށް ހޭދަކުރާ ވަގުގުތައް އިތުރުވެފައިވާތީ ސަރުކާރުން އަންނަނީ މިކަން ހައްލުކުރަން ޓެކް ކުންފުނިތަކާ ގުޅިގެން އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.