Roadha Mihaaru
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު

މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު: ރައީސް

21 ސެޕްޓެމްބަރ 2021

ދިވެހި ބަހަކީ އދ. ގެ މިރޭގެ ރިޔާސަތަށް އެންމެފަހި، ފަސޭހަ އަދި ފަރިތަ ބަސް ކަމަށާއި ރާއްޖެ އެކަމަށް ފަޚުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިވެހި ބަހަކީ އދ. ގެ މިރޭގެ ރިޔާސަތަށް އެންމެފަހި، ފަސޭހަ އަދި ފަރިތަ ބަސް ކަމަށާއި ރާއްޖެ އެކަމަށް ފަޚުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ދިވެހި ބަހުން މުހާތަބުކުރެއްވިިއިރު، ރިޔާސަތުގައި އިންނެވީ އދ.ގެ މި ދައުރަށް ގައުމުތަކުން ހޮވި ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ ރާއްޖެ ކިތަންމެ ކުޑަޔަސް، ދިވެހިން ކުޑަ ނޫން ކަމަށް މުޅިދުނިޔެ ހެކިވާނެ ކަމަށް ވަގުތުގެ ގޮތުގަ އެވެ. އަދި އެއީ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"[އދ. އާ ގުޅުނު އިރު] ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތު އަދި އެކަމުގެ ކުފޫ އަޅުގަނޑުމެންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ އޮތް ސުވާލު. އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިމަޖިލީހުގެ ރިޔާސަތާ މުހާތަބުކޮށް އަޅުގަނޑު ވާހަކަ މިދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހި ބަހުން،" ވަރަށް ރީތި އިބާރާތްތަކަކުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ 56 އަހަރުކުރިން ރާއްޖެ އަށް މިނިވަންކަން ލިބުމާ އެކު އަވަސްވެގަތީ އދ. ގެ މެމްބަރަކަށް ދިވެހިރާއްޖެ ހެދުމަށް ކަމަށެވެ. އެކަމަކު އެ ދުވަސްވަރަކީ އިސްތިއުމާރީ ބާރުތައް ލޫދެމުން ދިޔަ ދަނޑިވަޅެއް ކަމުން، އެކަން ހާސިލުވެދާނެ ކަމުގެ ޔަގީންކަން ވެސް ނެތް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.

"އެއީ އަމިއްލަ ހިތްވަރާ މިންނަތުން، ބައްރުތައް ހިންދެމިލާ، އެތަކެއް ގައުމު އަލަށް އުފަންކުރުވި، ރަންޒަމާން. އެއީ ތަހުޒީބާ ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާން. އޭރުގެ ހައްސާސް އިހުސާސަކީ، ކުދި ގައުމުތަކުން އދ.ގެ ސަފަށް އެރުމަށް، ބޮޑެތި ގައުމުތަކުގެ ރުހުން ލިބުމާ ނުލިބުމުގެ މައްޗަށް އޮތް އިހްސާސް."

ރައީސް ވަނީ ޝާހިދުގެ ރިޔާސަތަށް ޕްރެޒިޑެންސީ އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަންދެއްވީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ އިންސާނުން ތަހަންމަލު ކުރަމުންދާ ތަކުލީފާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިންޖުވުމަށް އޮތް ފުރަތަމަ ފަރުވާއަކީ އެކަމަށް ކުރާ އުންމީދު ކަމަށް ވިދާޅުވި އެވެ. އަދި އދ. އުފެދުމުގައި ވެސް ވަނީ އުއްމީދު ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ހަނގުރާމަ އާއި، ހައިހޫނުކަން ނެތް ދުނިޔެއަކަށް، އޭރުކުރި އުންމީދު. ހަމަހަމަކަން ދުނިޔެ އަށް ފަތުރާލުމަށް ކުރި އުންމީދު. އިންސާފާއި އިންސާނީ ގަދަރާއި ކަރާމާތާއި ޑިމޮކްރަސީ އަށް ކުރި އުންމީދު. އިސްތިއުމާރީ އަޅުވެތިކަމުން ވީއްލި، އެ ބައެއްގެ ގޮތް އެބަޔަކު ނިންމާ، މިނިވަން ކަމާއެކު އިހްތިޔާރު ކުރުމުގެ ހައްގު ލިބިގަތުމުގެ އުންމީދު،" ރައީސް ވިދާޅުވި އެވެ.

"ދިރިއުޅޭ މާހައުލާއި ގުދުރަތީ ވެއްޓާއި ޖީލުތަކުން ވާރުތަވެފައި އޮތް އަމިއްލަވަންތަ ތާރީހާއި ސަގާފަތާއި އާދަކާދަ އާއި އާސާރުތައް، މުސްތަގުބަލަށް ރައްދުކޮށްދިނުމުގެ އުންމީދު."

ފާއިތުވި 76 އަހަރު އދ. ގެ މެމްބަރު ގައުމުތައް އެއްތަންވެ، ދުނިޔެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވި މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަ އަށް ވެސް އަލިއަޅުވާލައްވައިފަ އެވެ.