Roadha Mihaaru
ރައީސްގެ ދައުވަތަށް ޝާހިދު ރާއްޖެ އަށް

ރައީސްގެ ދައުވަތަށް ޝާހިދު ރާއްޖެ އަށް، ރަސްމީ ވާހަކަތައް ވެސް ބާއްވަވާނެ

04 އޮކްޓޯބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ކުރައްވައި އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ކުރައްވައި އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ޝާހިދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރަސްމީ ދަތުރުފުޅުގައި ޝާހިދު ރާއްޖޭގައި މަޑުކުރައްވާއިރު، މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވަން ޝާހިދަށް ރައީސް ދައުވަތު ދެއްވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށެވެ. ނަމަވެސް އެ ދަތުރު ކުރައްވާނީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދިނުމުންނެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އެއް އަހަރުގެ މުއްދަތަށް އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް ނަންގަވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކީ އެ މަގާމުގެ ހައިސިއްޔަތުން މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ދަތުރުފަތުރާއި އެމެރިކާގައި ހުންނެވުނުގެ ހަރަދު ބަލަހައްޓާނީ އދ. އިންނެވެ.