Roadha Mihaaru
ތުރުކްމެނިސްތާނަކީ "ކޮވިޑުން މުޅިން ސާފު ގައުމެއް"

ތުރުކްމެނިސްތާނަކީ "ކޮވިޑުން މުޅިން ސާފު ގައުމެއް"

26 ސެޕްޓެމްބަރ 2021

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ގައުމެއްހެން ތަޖުރިބާކުރަމުންދާތާ ދެ އަހަރެއްހާ ދުވަސްވެފައިވާ އިރު، ތުރުކްމެނިސްތާނަކީ މިހާތަނަށް ކޮވިޑުގެ އެއްވެސް ކޭހެއް ނެތް ގައުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ގައުމެއްހެން ތަޖުރިބާކުރަމުންދާތާ ދެ އަހަރެއްހާ ދުވަސްވެފައިވާ އިރު، ތުރުކްމެނިސްތާނަކީ މިހާތަނަށް ކޮވިޑުގެ އެއްވެސް ކޭހެއް ނެތް ގައުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ގާތްގަނޑަށް ހަ މިލިއަން މީހުންގެ އާބާދީއެއް އޮތް އެ ގައުމުގެ މި ދައުވާއާ ގުޅިގެން އެކަން ގަބޫލުކުރަން އެއްވެސް ބަޔަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު ފާހަގަކުރެވޭ ކަމަކީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ތުރުކްމެނިސްތާނުން މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް އަދި އެ ބަލީގައި މަރުވި އެެއްވެސް މީހެއްގެ ރެކޯޑެއް ވެސް، ކޮވިޑާ ގުޅޭ މައުލޫމާތު އެންމެ ބޮޑަށް އެއްކުރާ ޖޯން ހޮޕްކިންސް ޔުނިވަސިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގައި ވެސް ރެކޯޑްކުރެވިފައި ނެތް ކަމެވެ.

ތުރްކެމިނިސްތާނަކީ "ކޮވިޑުން މުޅި ސާފު" ގައުމެއް ކަމަށް އަންގާރަ ދުވަހު ވެސް ގައުމުގެ ރައީސް ގުރްބަންގޫލީ ބާޑީމުކަމެދޯވް ވިދާޅުވި އެވެ. ޔޫއެންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެ ގައުމުގައި ކޮވިޑް އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ ވާހަތަކަކަކީ ކަނޑައެޅިގެން "ފޭކް" ޚަބަރުތައް ކަމަށެވެ. އަދި ތުރުކްމެނިސްތާނުގައި ބަލި ނެތުމަކީ ސިޔާސީ ކަމަކަށް ހަދަން ނުޖެހޭ ކަމަށް ވެސް 2006 ވަނަ އަހަރުން ފެށިގެން ގައުމު ހިންގަވަމުން އަންނަ ރައީސް ވިދާޅުވި އެވެ. އަދި އޭނާ ވަނީ ކޮވިޑާ ދެކޮޅަށް ދުނިޔެ އެކަށިގެންވާ ވަރަށް މަސައްކަތް ވެސް ނުކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތުރުކްމެނިސްތާންގެ ރައީސް.

ތުރުކްމެނިސްތާންގެ ރައީސް.

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި ބޮޑު ވަބާ އަދި ފަސޭހަ އިން ފެތުރޭ ބައްޔެއްގެ ގޮތުގައި ފާހަގަކުރެވޭ ކޮވިޑް ތުރުކްމެނިސްތާނުގައި ނެތް ކަމަށް ބުނާ ވާހަކަ ގައުމުން ބޭރުގައި އުޅޭ އެ ގައުމުގެ ބައެއް އެކްޓިވިސްޓުންނާއި ނޫސްވެރިން ދޮގުކުރެ އެވެ. އަމިއްލަ އަށް ގައުމު ދޫކޮށް ނެދަލެންޑްސްގައި ދިރިއުޅެމުން، ތުރުކްމެން ނިއުސްގެ ނަމުގައި ނިއުސް އެޖެންސީއެއް ހިންގާ އެޑިޓަރު ރުސްލާން މިއަތީވް ވިދާޅުވީ ތުރުކްމެނިސްތާނުގައި ކޮވިޑް ޖެހުނު ބަޔަކު ނެތް ކަމަށް ބުނުމާއި އެ ބަލީގައި މަރުވި ބަޔަކު މަރު ވެސް ނުވާ ކަމަށް ބުނުމަކީ ރަނގަޅު ވާހަތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ އަށް ހޯއްދެވި އިތުބާރު ހިފޭ ބައެއް ބައުލޫމާތުތަކަށް ބަލާ އިރު ވެސް އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 60 އަށް އަރަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުންނާއި އާޓިސްޓުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރުސްލާން ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އެކްސްރޭތަކުން ދައްކާ ގޮތުގައި އެ މީހުންނަކީ ކޮވިޑް ބަލީގައި އެންމެ ބޮޑަށް ކުރިމަތިވާ ފުއްޕާމޭގެ މައްސަލަތައް ގޯސްވެގެން މަރުވި މީހުންނެވެ.

ތުރުކްމެނިސްތާންގެ އަންހެނުންތަކެއް ފެކްޓްރީއެއްގައ މަސައްކަތްކުރަނީ.

ތުރުކްމެނިސްތާންގެ އަންހެނުންތަކެއް ފެކްޓްރީއެއްގައ މަސައްކަތްކުރަނީ.

"އެކަމަކު އެ ގައުމުން އުޅެނީ ދުނިޔެ އަށް ހަގީގަތް އޮޅުވާލައި ކަންކަން ސިއްރުކުރަން،" އޭނާ ވިދާޅުވި އެވެ.

ރުސްލާންގެ އިތުރުން ބައެއް މިނިވަން ނޫސްވެރިންގެ "ތަހުގީގުތަކުގައި" ވެސް ތުރުކްމެނިސްތާނުގައި ކޮވިޑް ނެތް ކަމަށް ބުނާ ވާހަކަތައް ދޮގުކުރެ އެވެ.

ތުރުކްމެނިސްތާނުގައި ކޮވިޑް ނެތް ކަމަށް ބުނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ވޮޗް ވެސް ހިމެނެ އެވެ. އެތަނުން ބުނި ގޮތުގައި އެ ގައުމަކީ އެއްގަމުން އިރާނާ ވަރަށް ފުޅާކޮށް ބޯޑަރު ހިއްސާކުރާ ގައުމަކަށްވެފައި، އިރާނަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ގައުމަށްވާ އިރު، އެ ގައުމާ އިންވެގެން އޮތް ގައުމެއްގައި އެއްގޮތަކަށް ވެސް ބަލި ނެތް ކަމަށް ބުނުމަކީ ގަބޫލުކުރަން ވަރަށް ދަތި ވާހަކައެކެވެ.

ތުރުކްމެނިސްތާނަށް ގެންދިޔަ ކޮވިޑް ވެކްސިންތަކެއް ދައްކައިލަނީ.

ތުރުކްމެނިސްތާނަށް ގެންދިޔަ ކޮވިޑް ވެކްސިންތަކެއް ދައްކައިލަނީ.

"އެކަން އެހެން ވެދާނެތޯ އެއީ ވަރަށް ބޮޑު ސުވާލެއް،" އެ ޖަމާއަތުގެ ސެންޓްރަލް އޭޝިއާގެ ޑިރެކްޓަރު އަދި ޔޫރަޕުގެ ޑެޕިއުޓީ ރެޗެލް ޑެމްބާ ވިދާޅުވި އެވެ.

ތުރުކްމެނިސްތާނަކީީ "ކޮވިޑްން މުޅިން ސާފު" ގައުމެއް ކަމަށް ބުނާ އިރު މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުން ވަނީ ރަޝިއާގެ ކޮވިޑްގެ ވެކްސިން ސްޕަޓްނިކް-ވީ އަށް ހުއްދަ ވެސް ދީފަ އެވެ. އަދި ގައުމުގެ ސިއްހީ ދާއިރާ އަަށް ވޯލްޑް ބޭންކުން މިދިޔަ ޖޫން މަހު 20 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފައިވެ އެވެ.