Roadha Mihaaru
މިއަހަރުގެ ވޯލްޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވަނީ

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް އެކްސްޕޯގައި ރާއްޖޭން ބައިވެރިވަނީ

27 ސެޕްޓެމްބަރ 2021

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯގެ "އެކްސްޕޯ 2020 ދުބާއީ"ގައި ރާއްޖޭން ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯގެ "އެކްސްޕޯ 2020 ދުބާއީ"ގައި ރާއްޖޭން ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުން ފެށިގެން ހަ މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯ މެދުއިރުމަތީގެ ގައުމެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި 200 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވާނެ އެވެ.

މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ. މި އެކްސްޕޯގެ އަމާޒަކީ އިންގިލާބީ އާ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، އެ ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މި އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަން އިން ދައްކުވައިދޭނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކެވެ. އަދި ރާއްޖޭން ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތް ވެސް މުޅި ދުނިޔެ އަށް ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަން ހިމެނެނީ އެކްސްޕޯގެ ތިން ޑިސްޓްރިކްޓުގެ ތެރެއިން "ސަސްޓެއިނެބިލިޓީ" ޑިސްޓްރިކްޓުގަ އެވެ.

ރާއްޖޭގެ ޕެވީލިއަން މެދުވެރިކޮށް ސަގާފީ ކުޅިވަރުތަކާއި ދިވެހިންގެ މިޔުޒިކީ ހަރަކާތްތަކާއި ސަގާފީ ނެށުން އަދި ދިވެހިންގެ އުފެއްދުންތައް ވެސް ދައްކާލާނެ އެވެ. އަދި ދިވެހި އުފެއްދުންތައް، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަކުރެވޭ، ވޯލްޑް މާކެޓުން ލިބެން ހުންނާނެ އެވެ.

މި އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި، ސަރުކާރުން ތަފާތު ދާއިރާތަކަށް އަމާޒުކޮށް، އިންވެސްޓްމަންޓް ފޯރަމްތަކާއި، ހާއްސަ އިވެންޓުތަކެއް ކުރިއަށް ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި ފޯރަމްތަކާއި އިވެންޓްތަކުގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނާ ހިއްސާ ކުރާނެ އެވެ.

ރާއްޖޭން ބައިވެރިވާތީ އެކްސްޕޯގައި ރާއްޖެ އަށް ހާއްސަ ދުވަހެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އަންނަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް ހާއްސަ ހަފްލާއެއްގެ އިތުރުން މުޅި އެކްސްޕޯގައި ދިވެހި ސަގާފީ ހަަރަކާތްތައް ދައްކާނެ އެވެ.

މި އެކްސްޕޯ އަށް ދުވާލަކު 300،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކޮށްފައިވާއިރު މުޅި އެކްސްޕޯ އަށް 25 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ތެރެއިން 70 ޕަސެންޓު މީހުންނަކީ ޔޫއޭއީ ނޫން ގައުމުތަކުގެ ވިޒިޓަރުން ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މި އަހަރުގެ އެކްސްޕޯގައި 18 އަހަރު ނުފުރޭ ކުޑަކުދިންނާއި އުމުރުން ދުވަސް މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޓިކެޓަކާ ނުލައި ޒިޔާރަތް ކުރެވޭނެ އެވެ.

އެކްސްޕޯ 2020 ދުބާއީގައި ރާއްޖޭން ބައިވެރިވުމުގެ ކަންކަން ކުރިއަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކާ ގުޅިގެންނެވެ.