Roadha Mihaaru
ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ: އަލީ ހުސެން

ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ: އަލީ ހުސެން

03 ޑިސެމްބަރ 2016

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމްކުރި ގޮތަށް، ޕީޕީއެމުން އެދިއްޖެ ނަމަ، ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމްކުރި ގޮތަށް، ޕީޕީއެމުން އެދިއްޖެ ނަމަ، ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސް ކުރަން ކޯޓުން ހުކުމް ކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީ އަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ކޯޓަށް ދިއުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.

އަލީ ހުސެން ވިދާޅުވީ މީގެ ދެ އަހަރު ފަހުން، 2018ގައި އޮންނަ ރިޔާސީ އިންތިހާބު ފަސް ކުރުމުގެ ފުރުސަތު ވެސް، މިހާރު މި ފެންނަ މަންޒަރުތަކަށް ބަލާއިރު، އެބަ އޮތް ކަމަށެވެ. އެ ގޮތުން ޕީޕީއެމުން ބޭނުންވާ ދުވަހަކު ރިޔާސީ އިންތިހާބު ބާއްވަން ހުށަހަޅައިގެން ކޯޓުން މައްސަލަ ބަލާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު ބާއްވާނީ ދެން ޕީޕީއެމުން ބޭނުންވާ ދުވަހަކު. ދެ އަހަރަށް ވެސް ދަންމާލައި، 2020 ގައި ނޫނީ 2022 ގައި ވެސް ބާއްވަފާނެ. އެހެންވީމަ ކަނޑައެޅިފައި އޮތް މުއްދަތުގައި ރިޔާސީ އިންތިހާބު ބޭއްވޭނެހެން ހިއެއް ނުވޭ،" އަލީ ހުސެން ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިހާބުތަކާ ގުޅޭ މައްސަލަތައް ބެލޭނީ ހަމައެކަނި ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށެވެ.

"އިންތިހާބާ ގުޅޭ ކަންކަން ބެލުމުގެ އިހްތިސާސެއް ސިވިލް ކޯޓަކަށް ނޯންނާނެ. އެހެންވީމަ އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ މުޅިން ހިލާފު ހުކުމެއް،" އަލީ ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި އިންތިހާބުތައް ބާއްވަން ގާނޫނުއަސާސީ ލާޒިމްކޮށްފައި އޮތްއިރު، ސިވިލް ކޯޓުގެ ހުކުމަކީ ވަކި ބަޔަކަށް ތަފާތު ކުރުން ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ހުކުމާ އެކު ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް އިންތިހާބު ފަސްކުރަން ހުށަހެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުކުމާ އެކު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް އެކަށީގެންވާ ވަރަށް ކެމްޕެއިން ނުކުރެވޭތީ ހުށަހެޅިދާނެ ނޫންތޯ އިންތިހާބު ފަސްކުރަން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ގާނޫނުގައި ލާޒިމްކުރާ މުއްދަތަށް ވުރެ ފަހުން އިންތިހާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ.

ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.