Roadha Mihaaru
ރޯގާއާ އެކު އިންފްލުއެންޒާ ވެސް އެބަ ފެތުރޭ

ރޯގާއާ އެކު އިންފްލުއެންޒާ ވެސް އެބަ ފެތުރޭ

28 ސެޕްޓެމްބަރ 2021

އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާއިރު އިންފްލުއެންޒާ ވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާއިރު އިންފްލުއެންޒާ ވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ތެރޭގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން 3،720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ މިދިޔަ މަހާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

އޭގެ އިތުރުން، މި މަހުގެ ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވެ، އެ ބަލިން ރައްކާތެރިވާން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް؛

- އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރި ނަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން

- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރި ނަމަ ވީހާ ވެސް އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން

- އާއްމު ތަންތަނުގައި އަބަދު ވެސް މާސްކު އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކު އަޅައިގެން އުޅުން.

- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާ ބަލި މީހުން ކައިރިއަށް ނުދިއުން.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.