Roadha Mihaaru

ދީނީ މިނިވަންކަން ދޭން ޖާބިރު ގޮވާލި މައްސަލަ ބަލަނީ

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ގޮވާލެއްވި މައްސަލަ ބަލަން ފަށައިފި އެވެ.

ދީނީ މިނިވަންކަން ދޭން ޖާބިރު ގޮވާލި މައްސަލަ ބަލަނީ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

29 ސެޕްޓެމްބަރ 2021

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ގޮވާލެއްވި މައްސަލަ ބަލަން ފަށައިފި އެވެ.

މި ގައުމުގައި ދީނީ މިނިވަންކަން އޮންނަން ޖެހޭ ކަަމަށް ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހެއްކާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިިބިވަޑައިގެން ތަޅުމުގައި ދައްކަވާ ވާހަކަތަކަށް ފިޔަވަޅެއް ނޭޅުނަސް ގަވާއިދުގައިވާ ގޮތުން އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތައް ނުދެއްކެވޭނެ އެވެ.

ހެއްކާ ބެހޭ ބިލަށް ވާހަކަ ފެއްޓެވި ނަމަވެސް އާދައިގެ މަތިން މިސްރާބު ގެއްލި ދެއްކެވި ވާހަކައިގައި ޖާބިރު ވިދާޅުވީ މި ގައުމުގައި "އެންމެން ނަމާދުކުރިއަސް މާ މޮޅު ދީނީ އިލްމުވެރިއެއް ނެތް" ކަމަށެވެ.

"އެހެން ދީންތަކުގެ މައްޗަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް ލަކުމްދީނަކުން ވަލިޔަދީން މި ގައުމުގައި އުފައްދަން އެބަޖެހޭ. މާނައަކީ އެހެން ގައުމުތަކުގެ މީހުންނަށް އައިސް މިތާގައި ނަމާދުކޮށް އުޅެވެންވާނެއޭ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ މައްސަލަ މަޖިލީހުން ބަލަން މިފެށީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މި ފަހުން އޭނާ އުޅުއްވާ ގޮތާ މެދު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެކަނި އޮންނަވައި މިދިޔަ މަހުގެ ތެރޭގައި މުޒާހަރާ ކުރައްވާފައިވެ އެވެ. އޭގެ ފަހުން ބައެއް އެހެން ތަންތަނުގައި އަދަބާހިލާފު އަމަލުތައް ހިންގަވާފައި ވެ އެވެ.

އެފަހަރު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ މުގައްރިރު ވިދާޅުވެފައި ވަނީ ޖާބިރުގެ އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަަމަށެވެ.

ޖާބިރު، މިދިޔަ ހަފުތާގައި މަތިވެރި އަށް ވަޑައިގަތުމުން އެ ރަށުގެ މީހުން ވަނީ މުޒާހަރާކޮށް ޖާބިރު އެ ރަށުން ބޭލުމަށް ގޮވާލައިފަ އެވެ. މަތިވެރީގެ މީހުން މުޒާހަރާކުރަން ފެށުމުން އެ ރޭ ފުލުހުން ވަނީ ޖާބިރު އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މަސްލަހަތަށް ބެލުމަށް ފަހު، ފުލުހުން ޖާބިރު އެ ރަށުން ބޭލީ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެެވެ.

އޭނާ ވަނީ ސެކިއުރިޓީ އަށް ވެސް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.