Roadha Mihaaru
މަޖިލިސް ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލިސް ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

03 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް(ސައްލެ) އިންތިހާބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް(ސައްލެ) އިންތިހާބުކޮށްފި އެވެ.

މި މަގާމަށް ސަލީމް އިންތިހާބުކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިރޭ ކުރިއަށް ގެންދިޔަ ސިއްރު ވޯޓުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ ވާދަކުރައްވަ އެވެ.

ސަލީމަށް 51 މެންބަރަކު ވޯޓު ދެއްވި އިރު، ޖާބިރަށް ލިބިވަޑައިގަތީ 23 މެމްބަރުންނެވެ.

އިންތިހާބު ކާމިޔާބު ކުރައްވައި ސަލީމް ވިދާޅުވީ، މި ވޯޓުން ހާމަވީ އެމްޑީޕީއަކީ އެންމެ ޑިމޮކްރެޓިކް އަދި ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ.

އޭނާ ވަނީ އެ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ނައިބު ރައީސް ކަމަށް ޖާބިރުގެ ނަން އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމާ ހިލާފަށެވެ. ސަލީމްގެ ނަން އެ ޕީޖީ ގުރޫޕުން ހުށަހަޅައި ތާއީދު ކުރައްވާފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. ޖާބިރުގެ ނަމަށް ތާއިދުކުރެއްވީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

އޭނާ ނަން ހުށަހެޅުއްވިއިރު، ސަލީމަށް ވޯޓު ދެއްވުމަށް އެމްޑީޕީ ޕީޖީން އޮތީ ތްރީލައިން ވިޕް ނެރެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަނިކޮށް، ގަރާރަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އެވެ.