Roadha Mihaaru
ރަފާ އާއި ދީމާ ލަންކާގެ އެއްވަނަ ޕެއާ ބަލިކޮށްފި

އޭޝިއަން ޗެމްޕިއަންޝިޕުގައި ދީމާ އާއި ރަފާ ލަންކާގެ އެއްވަނަ ޕެއާ ބަލިކޮށްފި

03 އޮކްޓޯބަރ 2021

ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ، އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާއިން ލަންކާގެ އެއް ވަނަ ޕެއާ ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ، އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާއިން ލަންކާގެ އެއް ވަނަ ޕެއާ ބަލިކޮށްފި އެވެ.

ލަންކާގެ ޓީޓީ ރޭންކިންގެ އެއްވަނަ އިޝާރާ މަދުރަންގީ އާއި ރޭންކިންގެ ހަތަރު ވަނަ ބިމާންދީ ބަންޑާރަ ހިމެނޭ ޕެއާގެ މައްޗަށް ދީމާ އާއި ރަފާގެ ޕެއާ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

ސެޓްގެ ފުރަތަމަ ގޭމް ރަފާ އާއި ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 11-6 އިންނެވެ. ތިން ވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ސެޓުގައި އިޝާރާ އާއި ބިމާންދީ ލީޑް ވެސް ނެގި އެވެ. ނަމަވެސް ރަފާ އާއި ދީމާ ވަނީ ފަހަތުން އަރައި ލީޑު އަތުލައިފަ އެވެ. އެ ސެޓް ކާމިޔާބު ކުރި 12-10 އިންނެވެ.

ލަންކާގެ ޕެއާ ބަލިކޮށް ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި ކުޅެން ޖެހުނީ ހޮންކޮންގްގެ އުމުރުން ދޮށީ ދެ ކުޅުންތެރިން ކަމަށްވާ، ޒީހޫ ޗެންޗޫ އަދި އެން ވިންގް ނާމްގެ ޕެއާއާ ދެކޮޅަށެވެ. ހޮންކޮންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެ ޕެއާ މެޗު ކާމިޔާބު ކުރީ 11-4، 11-4 އަދި 11-5 އިންނެވެ.

އަންހެން ޓީމު އިވެންޓުގައި ރާއްޖެއިން ވަނީ، މުބާރާތް ބާއްވާ ގައުމު ގަތަރު އަދި ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އަދި ފިރިހެން ޓީމު ވަނީ އޮމާން ބަލިކޮށްފަ އެވެ. އަންހެން ޓީމުން ގަތަރު ބަލިކުރީ 3-1 ސެޓުންނެވެ. އަދި ބަންގްލަދޭޝް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ފިރިހެން ޓީމުން އޮމާން ބަލި ކުރީ 3-2 ސެޓުންނެވެ.

މިކްސް ޑަބަލްގައި މޫސާ މުންތިފް އަހްމަދު އަދި ރަފާގެ ޕެއާއިން ވަނީ ނޭޕާލްގެ އަމަރް މަލާ އަދި ސިކާގެ ސުވަލް ޕެއާ ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ރަފާ އާއި މުންސިފް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ގޭމް ކާމިޔާބު ކުރީ 11-8 އިންނެވެ. ތިން ވަނަ ގޭމް ކާމިޔޔާބު ކުރީ 11-7 އިންނެވެ.

ދެވަނަ ބުރުގައި މުންސިފް އާއި ރަފާގެ ޕެއާ ބަލިވީ ދެކުނު ކޮރެއާގެ އަން ޖީހުން އަދި ޔުބިން ޝިންގެ ޕެއާ އަތުން 3-0 އިންނެވެ. ސިިންގަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުރިމަތިވީ ނާކާމިޔާބެވެ. އެކަމަކު އަންހެން ސިންގަލްސްގައި ރަފާ ވަނީ ތައލެންޑްގެ ޕިންޔޯ ޕިންސަން ޕެންޓީޓާ އަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. ފުރަތަމަ ގޭމް ރަފާ ކާމިޔާބު ކުރި އެވެ. އެ ގޭމް އޭނާ ކާމިޔާބު ކުރީ 11-9 އިންނެވެ. އެކަމަކު ދެ ވަނަ ގޭމުން އޭނާ ބަލިވީ 11-7 އިންނެވެ. ޖެހިގެން އައި ގޭމް ރަފާ ކާމިޔާބުކުރި އެވެ. އޭނާ ގޭމް ކާމިޔާބު ކުރީ 12-10 އިންނެވެ.