Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ރައްކާތެރިކަމެއް ނެތް

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ރައްކާތެރިކަމެއް ނެތް

03 އޮކްޓޯބަރ 2021

އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަދެ ސީސީޓިވީ ކެމެރާ ހަލާލުކޮށްލި މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު އެކަމުގެ ހަގީގަތެއް އަދި ނޭނގެ އެވެ. މިއީ ކޮންމެ ބޭނުމެއްގައި ކުރި ކަމަކަށް ވިޔަސް ސުވާލަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ދިރިއުޅުއްވާ ގެކޮޅަށް އެހާ ފަސޭހަ އިން ވަދެވުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަދެ ސީސީޓިވީ ކެމެރާ ހަލާލުކޮށްލި މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު އެކަމުގެ ހަގީގަތެއް އަދި ނޭނގެ އެވެ. މިއީ ކޮންމެ ބޭނުމެއްގައި ކުރި ކަމަކަށް ވިޔަސް ސުވާލަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ދިރިއުޅުއްވާ ގެކޮޅަށް އެހާ ފަސޭހަ އިން ވަދެވުމެވެ.

އާދައިގެ ގެތަކަށް ވުރެން ވެސް އެގޭގެ ސެކިއުރިޓީ ދަށެވެ. ޑޯ ލޮކް ސިސްޓަމެއް ވެސް ނެތެވެ. ސިޑިން އަރައިގެން، އެއްވެސް ހުރަހެއް ނެތި ދާގޮތަށް ދާންވީ އެވެ.

މިދިޔަ ބުރާސްފަތިދުވަހު އެ ގެކޮޅަށް މީހަކު ވަދެ ގެއްލުންދިން އިރު އެ މަނިކުފާނު އިންނެވީ ރާއްޖޭގައި އައިއެސްގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލްކުރުމުން ދައުލަތުން ކޮށްފައިވާ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގަ އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަން މައްސަލަ އަންނަނީ ތަހުގީގު ކުރަމުން. ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަން މައްސަލަ އަންނަނީ ތަހުގީގު ކުރަމުން. ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސަލަމާތީ ޚިދުމަތްތަކުގައި އިސްކޮށް ކުރިން އުޅުއްވި ބޭފުޅުން ސިފަކުރައްވާ ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅުއްވާ ތަނަށް ބޭނުން މީހަކަށް ވަދެވުމަކީ "ނުރައްކަލަށް ދޮރު ހުޅުވިފައި އޮތުން" ކަމަށެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ، ސަލާމަތާއި ރައްކާތެރިކަން އެކަށީގެންވާ ގޮތަށް ކަށަވަރު ނުވެ އޮތުމެވެ.

"އެއީ ވަރަށް ސީރިއަސް މައްސަލައެއް،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ ދެ ބާރުގެ ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން 241 ކޮމިޓީން އަންގާފައި އޮއްވައި މިކަން ހިނގުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ކޮމިޓީން ދިން ލަފާތަކުގައި މުހިއްމު އެއް ކަމެއްގެ ގޮތުގައި ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ވަރުގަދަ ކުރުން ހިމެނެ އެވެ.

"ރާއްޖޭގެ މަސްރަހާއި ގޮއްވާލި ބޮމުގެ ހަމަލާއާ ގުޅިގެން ކަންކަން ބެލުމަށް ފަހު އަޅުގަނޑުމެން ލަފާދީފައި އެ އޮތީ ތިން ބާރުގެ ވެރިންގެ ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަަމަށް. އެކަމަކު އެކަން ނުކުރެވި އޮއްވައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގައި ހުރި ކެމެރާތަކަކާ ހަމައަށް ބަޔަކަށް އާދެވޭ ކަމަށް ވަންޏާ 241 ކޮމިޓީން ވެސް ބަލަންވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަނުމުގެ ހުރިހާ ތަފްސީލެއް ތަހުގީގު ކުރިއަށްދާތީ އަދި އެނގިވަޑައި ނުގަތަސް އެ ހާދިސާ އިން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކޮމިޓީގައި މައްސަލަ ކުރިއަށް ނުގެންދެވި ނަމަވެސް އެކަން ހިނގި ގޮތް ބެއްލެވި ކަމަށް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގާނޫނު ފާސްކުރި ހިސާބުން ނުވަތަ ކޮމިޓީގެ ލަފާތަކާ އެކު ވެސް، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ބޭނުން މީހަކަށް ވަދެވުމުގެ ފުރުސަތު ލިބޭ ގޮތަށް އޮވެގެން ނުވާނެ އެވެ.

"ގާނޫނުން އެކަން ކަށަވަރުކޮށްދޭން އެންގީމަ މާނައަކީ ލަސްނުކޮށް އެކަން ކުރަން ޖެހެއޭ. ތަނެއް ނެތް ކަމުގައި ވިޔަސް ވަގުތުން ވަގުތަށް ސެކިއުރިޓީ އެންހޭންސް ކުރަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި، ކޮމިޓީގެ ލަފާތައް ތަންފީޒު ކުރެއްވުމާއި ސެކިއުރިޓީގައި ވެސް އެކަށީގެންވާ ސަމާލުކަމެއް ދީގެން ތަންފީޒުކުރަން އުޅޭ ތަނެއް ނުފެނެ އެވެ.

"ކޮމިޓީގެ ލަފައާ ހިސާބުން ވެސް އެހެން ތަނަކަށް މޫވްކުރަން ޖެހިވަޑައިގަންނަވާނެ، އެ އިސްކަން ދޭ ތަނެއް ނުފެނޭ. ރައީސް ނަޝީދަށް ވެސް އިންޒާރު ލިބިލިބި ހުއްޓައި މަރާލުން ކަހަލަ ކަމެއް ކޮށްލީ. ހަމަ މިވެސް އެ ކަހަލަ ކަމެއް، އުއްތަމަ ފަނޑިޔާރަށް ވެސް ސެކިއުރިޓީ ދޭން ނިންމީ ގައުމުގެ ތިން ވަނަ ބާރުގެ ތެރެއިން އެއް ބާރު، ޝަރުއީ ނިޒާމުގެ އިސް ބޭފުޅާގެ ހައިސިއްުޔަތުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައި: އަސްލަމް

މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފިޔަވައި ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަށް މިކަމުގައި ގުޅުމުން އެދިވަޑައިގަތީ ގާނޫނާ ހިލާފަށް މީހަކު ވަން މައްސަލަ ފުލުހުން ތަހުގީގުކުރާތީ އެ އިދާރާ އިން މައުލޫމާތު ސާފުކުރުމަށެވެ.

ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ތްރެޓް އެސެސްމެންޓް ހަދައި އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ އެންމެންނަށް އޮންނަ އުސޫލުން ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަން ހިސާބުން ފެށިގެން ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ގެކޮޅުގައި މިހާރު ބޮޑީގާޑުން ތިބެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް އެނގިވަޑައިގެންފައި އޮތް ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ފުރިހަމަ ސެކިއުރިޓީ ދެވޭ ގޮތަށް ކަންކަން ހަމަޖެއްސުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެއީ، ގާތް ބޭފުޅުންނަށް ވެސް އެ ގޭގައި ދިރިއުޅެވޭ ގޮތަށް އޮތުމުންނެވެ.

"އެކަމަކު ދެ ބާރުގެ ވެރިންނަށް މިހާރު ހޯއްދަވައިދެއްވާ ތަންތަނުގައި އެކަން ހަމަޖެހިފައި ހުންނާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ދީފައިވާ ރެކަމެންޑޭޝަންތައް ތަންފީޒުވާ މިންވަރު ބެލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.

މަޖިލީހުގެ ރައީސަށް އަމާޒުކޮށް، ރާއްޖޭގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފަހު ދެ ބާރުގެ ވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ގެކޮޅު ހަމަޖައްސައިދޭ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގާނޫނު ފާސްކޮށްފައިވާ އިރު އޭގެ ކުރިން ވެސް ވަގުތީ ގެކޮޅެއް ހަމަޖައްސައިދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ އެކު އެނގެނީ އެ މަސައްކަތް އަވަސް ކުރަން ޖެހިފައި އޮތް ކަމެވެ. އެ ގެކޮޅަށް، ބޭނުން މީހަކަށް ވަދެވޭ ގޮތަށް އޮތުމަކީ ސީރިއަސް މައްސަލައެކެވެ.