Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަންނަ ހަފުތާއަށް ނިންމަނީ

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު އަންނަ ހަފުތާ އަށް ނިންމައިލެވޭނެ: ޕްލޭނިން މިނިސްޓްރީ

02 ޑިސެމްބަރ 2021

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް އަންނަ ހަފުތާ އަށް ނިންމައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް އަންނަ ހަފުތާ އަށް ނިންމައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވާ ރެހެންދި ފްލެޓްގެ އެޕާޓްމަންޓުތަކުގެ މަރާމާތުގެ މަސައްކަތް މިދިިޔަ މަހުގެ 22 އަށް ނިންމައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވީ ނަމަވެސް އަދި އެ މަސައްކަތް ނުނިމެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމައި އެ ތަން ސުޕްރީމް ކޯޓާ ހަވާލުކުރާނެ ކަމަށެވެ.

"މިހާރު ދެން އެ ތަނުގެ މަސައްކަތް ނިމިފަައި އެ ހުރީ ގާތްގަނޑަކަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެތަނަށް ގެނައި ބަދަލުތަކުގެ ތަފުސީލެއް އަކްރަމް ނުދެއްވަ އެވެ.

ދައުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމި ފަހުން، އުއްތަމަ ފަނޑިޔާރު މުއުތަސިމް މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަދެ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދިން މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެންމަތިވި އެވެ. އެ ގޭގެ ސެކިއުރިޓީ ސިސްޓަމް ވަރުގަދަ ކުރީ އޭގެ ފަހުންނެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ވަރުގަދަކުރަން، ގާނޫނު އިސްލާހުކޮށް އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލަ އަށް ފަހު އެވެ.

ނަޝީދަށް ހަމަޖެއްސި ވަގުތީ ގެކޮޅު، މުރައިދޫގޭގެ މަސައްކަތް މިދިޔަ މަހު ނިންމާލައިފައި ވާއިރު އެ މަނިކުފާނު މިހާރު ދިރިއުޅުއްވަނީ އެތަނުގަ އެވެ.

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމުގެ ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެެ ބިމުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އިމާރާތް ކުރަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.