Roadha Mihaaru
އަމީންގެ ދިފާއުން އެދުނީ ޓެގް އަޅުވާފައި ދޫކޮށްލަން

އަމީނަށް ހުކުމްކުރުން އަހަރު ފަހުކޮޅު، ދިފާއުން އެދުނީ ޓެގް އަޅުވާފައި ދޫކޮށްލަން

29 ޖޫން 2022

ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީންގެ މައްސަލަ އަވަސްކޮށް، މި އަހަަރުގެ ފަހުކޮޅު ހުކުމް ކުރުމަށް ވަރަށް ތާވަލުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީންގެ މައްސަލަ އަވަސްކޮށް، މި އަހަަރުގެ ފަހުކޮޅު ހުކުމް ކުރުމަށް ވަރަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް، އެ މައްސަލައިގެ އަޑުއެހުމުގައި އޮތީ ދެ މީހެއްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެއީ މީގެ ކުރިން މައްސަލާގައި ނަގާފައިވާ ހެކިބަހަކަށް ވާތީ ހެކިބަސް ނެގުން ކުރިއަކަށް ނުގެންދެ އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު މައްސަލަ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ހުށަހެޅުއްވި އެވެ. ހެކި ހުށަހެޅުމަށް ދައުލަތަށް ދޭން ނިންމީ ތިން ދުވަހެވެ. އެއީ އޯގަސްޓު 30، ސެޕްޓެމްބަރު 13 އަދި އެ މަހު 26 އެވެ. އަދި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ހުލާސާ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުގައި ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. އެހެންވެ، ތާވަލާ އެއްގޮތަށް ހުލާސާ ބަޔާން އިއްވިއްޖެ ނަމަ މި އަހަރު ފަހުކޮޅު މި މައްސަލައިގެ ހުކުމް އިއްވާނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަނީ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ހުށަހަޅައިފަ އެވެ. އަދި މައްސަލަ ކުރިއަށްދަނީ ވަރަށް ލަހުން ކަމަށް ދިފާއުން ބުންޏެވެ. އަމީން ބަހައްޓާފައި ހުންނަނީ އެކަހެރިކޮށްފައި ކަމަށާއި އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާ ބައްދަލުކުރުމުން އޭނާ އޮންނަނީ އަޑުއިވޭ ހިސާބުގައި ކަމަށް ބުނި ކަމަށް ދިފާއުން ބުންޏެވެ.

ދިފާއުން ބުނީ އަމީނަކީ އާތުރައިޓިސް ހުންނަ މީހެއް ކަމަށާއި ކަސްރަތުކުރަން ބޫޓެއް ހޯދަން ޑޮކްޓަރު ލިޔުއްވާފައި ދިނުމުން ވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލު ވަރުބަލިވެއްޖެ. އަމީންގެ ޝަރީއަތް ލަސްކުރަނީ ކީއްވެގެންތޯ؟ ތިން އަހަރަށްވުރެ ގިނަވީ ބަންދުގައި ހުންނަތާ. އަމީނަކީ ތިން ކުދިންގެ ބައްޕައެއް،" ދިފާއީ ވަކީލު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ދައުވާއަށް ބަރޯސާވާ ކަމުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި އަމީނަކީ މުޖުތަމައަށް ނުރައްކާ މީހެއްކަމަށް ބުނާއިރު އެ ކަމަށް ވެސް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އަމީނާ ދެކޮޅަށް ހުށަހަޅާފައި ހުރި އިންޓެލް ރިޕޯޓުގައި ވެސް ދައުވާއާ ނުގުޅޭ ވާހަކަތަކާއި ހަގީގަތާ ހިލާފު ވާހަކަތައް އެބަހުރިކަމަށް ދިފާއުން ބުންޏެވެ.

"ދައުލަތަށް ދަންނަވަން އޮތީ އިތުރަށް ސަކަރާތްޖަހަން ނޫޅެ ހެކިތައް ގެނެސްދެއްވާށޭ،" ވަކީލު ވިދާޅުވި އެވެ.

މޮނިކޮން އަމުރެއްގެ ދަށުން ޓެގް އަޅުވާފައި ގޭގައި ބަހައްޓަން ވިޔަސް، އަމީން ދޫކޮށްލަދިނުމަށް ދިފާއުން އެދުނެވެ. އަދި އަމީންގެ އިންތިޒާރުގައި ތިން ދަރިން އެބަތިބި ކަމަށާއި އެ ކުދިންގެ ހައްގުގައި ވިޔަސް އޭނާ ދޫކޮށްލަދިނުމަށް ދިފާއުން އެދުނެވެ.

ރައްދުގައި ދައުލަތުން ބުނީ މި މައްސަލާގައި ވެސް އަމަލުކުރަނީ އެހެން މައްސަލަތަކެކޭ ވެސް އެއް ގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އަދި މި މައްސަލައަކީ އަވަހަށް ބަލައި ނިންމަން ޖެހޭ މައްސަލައެއްކަން ދައުލަތުން ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ދައުލަތުން ބުނީ މި މައްސަލައަކީ ޓެރަރިޒަމް ހުއްޓުވުމުގެ މައްސަލައަކަށް ވާތީ ބަންދު މުރާޖައާ ކުރުމުގައި ތަފާތު ވާނެ ކަމަށެވެ. އަދި އެ ފުރުސަތު މި ފަދަ މައްސަލަތަކުގައި އޮންނާނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ގާޒީ ހަސަން ވިދާޅުވީ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ޕީޖީއާ ވާހަކަ ދައްކައިގެން ދިފާއުން ކުރިއަށް ގެންދިއުމަށެވެ. އަދި ޓެރަރިޒަމަކީ މުޅި ދުނިޔެ ވެސް ކަންބޮޑުވާ މައްސަލައަކަށް ވާތީ ބަންދުގެ މުރާޖައާ ކުރުން ޕީޖީއާ ވާހަކަ ދައްްކައިގެން ކުރިއަށް ގެންދިއުމަށް ވިދާޅުވި އެވެ.

ދައުލަތުން ބުނާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރުގެ ގޮތުގައި ވަކި ފިކުރެއް ކުރިއަރުވައި، އައިއެސް ޖަމާއަތަށް ދިވެހިން ރެކްރޫޓު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.