Roadha Mihaaru
ޓްރާންސްޕޯޓުގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ

ނަމްބަރު ޕްލޭޓްގެ މައްސަލަ: ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ

04 އޮކްޓޯބަރ 2021

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބަދަލުކުރުން ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބަދަލުކުރުން ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފި އެވެ.

ކޮރަޕްޝަންގެ ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކާ އެކު ޖުމުލަ ހަ މީހެއްގެ މައްޗަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި އޭސީސީން ފޮނުވި އެންމެން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނެ އެވެ

Vehicle thakuge number plate Versagio ah dhin goiy: Fennan othee corruption ge bodu adhadheh?!

Vehicle thakuge number plate Versagio ah dhin goiy: Fennan othee corruption ge bodu adhadheh?!

The most trusted news source in the Maldives

Mihaaru

ނަމްބަރު ޕްލޭޓް ހަދަން ހަވާލުކުރި ގޮތާ ގުޅޭ ގޮތުން "މިހާރު"ން ލިއުނު ރިޕޯޓެއް

ދައުވާ ކޮށްދޭން އެދި ޕީޖީ އަށް ފޮނުވި މީހުން:

- ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ.

- ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ.

- އަލީ އިކްރާމް.

- މުހައްމަދު ނިޒާރު އާދަމް.

- މަރިޔަމް ސަމާހަތު.

- މަރިޔަމް ތަސްލީމާ.

"ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިން"

ވެހިކަލް ނަމްބަރު ޕްލޭޓް ހަދަން ޑިސެމްބަރު 31، 2019 ގައި ހުޅުވައިލުމުން ތިން ކުންފުންޏަކުން ކުރިމަތިލި އެވެ. އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑެވެ.

ނަމްބަރު ޕްލޭޓް މައްސަލައިގައި ފިނޭންސުން ޓްރާންސްޕޯޓަށް އެންގި އެންގުން.

ނަމްބަރު ޕްލޭޓް މައްސަލައިގައި ފިނޭންސުން ޓްރާންސްޕޯޓަށް އެންގި އެންގުން.

މީގެ ތެރެއިން މަސައްކަތް ހަވާލުކޮށްފައި ވަނީ ވަސާޖިއޯ ކުންފުންޏާ އެވެ. މިއީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވެސް ތުހުމަތުކުރާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ.

އޭސީސީން މައްސަލަ ބެލުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނީ ވަސާޖިއޯއާ ޕްރޮޖެކްޓް ހަވާލުކުރިއިރު އެއީ އިވެލުއޭޝަން ކްރައިޓީރިއާ އިން ދެ ވަނަ އަށް ދިޔަ ކުންފުނި ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ނެތަސް "މިހާރު" އިން މި މައްސަލަ ކުރިން ރިޕޯޓްކުރިއިރު، ހޯދި ލިއުންތަކުން އެނގޭ ގޮތުގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް އެންމެ އަގުހެޔޮކޮށް ހަދައިދޭން ހުށަހެޅީ ޑޮނާޑުންނެވެ.

ސައިކަލެއްގެ ކުރި އާއި ފަހަތު ނަމްބަރު ބޯޑު ހަދައިދޭން އެ ކުންފުނިން ހުށަހަޅާފައި އޮތީ 101.76ރ. އަށެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނަގާ ގޮތަށް އޮތީ 159ރ. އެވެ.

ވާސާޖިއޯ އިން ސައިކަލް ބޯޑަކަށް ހުށަހެޅީ 475ރ. އެވެ. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އެ ކުންފުނީގެ އަގަކީ 675ރ. އެވެ.

ނަމްބަރު ޕްލޭޓް ހަަދަން ހުށަހެޅި އަގުތައް.

ނަމްބަރު ޕްލޭޓް ހަަދަން ހުށަހެޅި އަގުތައް.

އެހެންކަމުން، ވަސާޖިއޯ އިން ހުށަހަޅާފައި އޮތީ ސައިކަލެއްގެ ނަމްބަރު ޕްލޭޓް ޑޮނާޑަށް ވުރެން 373ރ. ބޮޑުކޮށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލް ނަމްބަރު ޕްލޭޓް 516ރ. ބޮޑުކޮށް ހަދައިދޭށެވެ. އަގުގެ އިތުރުން އެ ޚިދުމަތެއް ފޯރުކޮށްދޭން އެއްބަސްވާ މުއްދަތަށް ވެސް ބީލަންތަކުގައި ބަލަ އެވެ. ވަސާޖިއޯ އިން ހުށަހެޅީ ޑޮނާޑަށް ވުރެން އަވަހަށް ނަމްބަރު ޕްލޭޓްތައް ބަދަލުކުރާށެވެ.

ތިން ވަނަ ކުންފުނި، ބޯދަ އިން ހުށަހެޅީ ސައިކަލަކަށް 700ރ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 900ރ. އެވެ. މިއީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ. މާލޭގެ ގަރާޖުތަކުން އާދައިގެ ޕްލާސްޓިކް ނަމްބަރު ބޯޑު މިހާރު ހަދައިދޭ އާއްމު އަގަކީ 150ރ. އެވެ.

އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ. -- އޭސީސީ

އޭސީސީން ބުނީ ވަސާޖިއޯއާ ބިޑް އެވޯޑުކުރީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެ ކުންފުނީގެ ބިޑު ބާތިލް ކުރުމަށްފަހުގަ އެވެ.

ދެން ބައިވެރިވި ކުންފުނިތައް ކަޓުވާލަން ދެއްކި އުޒުރަކީ ވަސާޖިއޯ އިން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށް ބުނުމެވެ.

މިގޮތަށް ބުންޏަސް މި ދެ ޝަރުތަކީ ވެސް ބިޑް އިވެލުއޭޝަންގައި ބަލާނެ ކަމަށް ބުނެފައިވާ ކަންކަން ނޫން ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ތަހުގީގުގައި ބެލިއިރު ބިޑު ހުށަހެޅި ތިން ކުންފުނިން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑުތަކުގައި ޓްރާންސްޕޯޓުން އެދުނު ޝަރުތުތައް ފުރިަހަމަވާ ކަމަށެވެ.

"ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގެ އެވެ.،" އޭސީސީން ބުންޏެވެ.

"ވުމާއެކު އިއުލާނާ އެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ."

ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ވެސް ހިލާފަށެވެ. އެހެންވެ އަލުން ޓެންޑަ ބޯޑު މެދުވެރިކޮށް ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ޓްރާންސްޕޯޓަށް ލަފާ ދީފަ އެވެ. އަދި ފިނޭންސުން ވެސް މިގޮތަށް ކުރިއަށް ގެންދަން ޓްރާންސްޕޯޓަށް އޮތީ އަންގައިފަ އެވެ.

މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ނަމަ ޓްރާންސްޕޯޓް މިނިސްޓްރީން އެ މަޝްރޫއު އިއުލާންކޮށްގެން ބަޔަކާ ހަވާލެއް ނުކުރެވޭނެ އެވެ.

ޖުމުލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.

އެކަމަކު ދެ މުއައްސަސާގެ ލަފަޔަށް ޓްރާންސްޕޯޓް މިނިސްޓްރީން އަމަލު ނުކުރުމުގެ އިތުރުން ވަސާޖިއޯއާ އެކު ވީ އެއްބަސްވުން ވެސް އުވައެއް ނުލަ އެވެ.

މި ޕްރޮޖެކްޓުން ވަސާޖިއޯއަށް 33 މިލިއަން ލިބެން އޮތް

ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކޮންމެ މަހަކު އަލަށް ގާތްގަނޑަކަށް 700 ސައިކަލް އަދި 20 ކާރު ރަޖިސްޓްރީ ކުރެ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން 120،000 ވެހިކަލްގެ އިތުރުން އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކާއި ދެ ވަނަ ފަހަރަށް ނަމްބަރު ބޯޑު ހަދަން ޖެހެނީ ވެސް އެ ކުންފުނި މެދުވެރިކޮށެވެ.

މަސައްކަތް ނުކޮށް ވަސާޖިއޯ އިން އެދުނީ ބޮޑު ބަދަލަކަށް

ޓްރާންސްޕޯޓުން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކޮށްފައި އޮއްވައި ފިނޭންސާއި އޭޖީ އޮފީހުގެ އެންގުމަށް މަސައްކަތް މަޑު ޖައްސާލައި އެއްބަސްވުން އުވައެއް ނުލަ އެވެ. މިއީ ޓްރާންސްޕޯޓުގެ އިހުމާލުން އެ ކުންފުންޏަށް މާލީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ ބަދަލު ހޯދަން އެދުނެވެ.

ޓްރާންސްޕޯޓުން ފިނޭންސް މިނިސްޓްރީގައި އެދުނީ 3.7 މިލިއަން ރުފިޔާގެ ބަދަލެއް ވަސާޖިއޯއަށް ދިނުމަށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ނިންމީ ބަދަލު ދޭން ނުޖެހޭނެ ކަަމަށެވެ. އެއީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބީލަމަކުން ހަދާފައިވާ އެެއްބަސްވުމަކަށް ވާތީ އެވެ.