Roadha Mihaaru
ނަމްބަރުޕްލޭޓް ދިން ގޮތް: ކޮރަޕްޝަންގެ ބޮޑު އަދަދެއް؟

ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ދިން ގޮތް: ފެންނަން އޮތީ ކޮރަޕްޝަންގެ ބޮޑު އަދަދެއް؟!

22 ޑިސެމްބަރ 2020

ރާއްޖޭގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބޭނުންކުރުން މާ ލަސްވެއްޖެ އެވެ؛ މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖުން ދަތުރުކުރަން ފެށުމުގެ ކުރިން ވެސް އެއީ ކުރަން ވެއްޖެ ކަމެއް ކަމަށް ދެކިގެން ފުލުހުން ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ވެސް ކުރި އެވެ. އެއް ކަމަކަށް، ބްރިޖާއި މަގުތަކުގައި 'އުދުހިފައި ދާ' މީހުންގެ ނުރައްކަލުން ސަލާމަތްކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. އަނެއް ކަމަކަށް ސައިކަލްތައް ވަގަށް ނަގައި ނަމްބަރު ބޯޑު ބަދަލުކުރުން ފަދަ ކުށްތައް ހުއްޓުވާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބޭނުންކުރުން މާ ލަސްވެއްޖެ އެވެ؛ މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖުން ދަތުރުކުރަން ފެށުމުގެ ކުރިން ވެސް އެއީ ކުރަން ވެއްޖެ ކަމެއް ކަމަށް ދެކިގެން ފުލުހުން ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ވެސް ކުރި އެވެ. އެއް ކަމަކަށް، ބްރިޖާއި މަގުތަކުގައި 'އުދުހިފައި ދާ' މީހުންގެ ނުރައްކަލުން ސަލާމަތްކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. އަނެއް ކަމަކަށް ސައިކަލްތައް ވަގަށް ނަގައި ނަމްބަރު ބޯޑު ބަދަލުކުރުން ފަދަ ކުށްތައް ހުއްޓުވާށެވެ.

ރައްކާތެރިކަމުގެ މި ފިޔަވަޅަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރި މަސައްކަތުގެ ތެރެއަށް ވެސް ބާރު ސްޕީޑުގައި "ޚިޔާނާތް ވަދެއްޖެ" ކަމުގެ ތުހުމަތުކޮށްފި އެވެ. މުޅި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ގޮތް ގޯހެވެ. ކަމާ ބެހޭ އިދާރާތަކުގައި ކުރި ޝަކުވާތަކުން އެކަން ސާފުވެ މަސައްކަތް ވެސް ހުއްޓުވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ފިނޭންސުން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ފިނޭންސުން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް.

ވަސާޖިއޯއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން ވީ އެއްބަސްވުން ބާތިލްކޮށް، މަސައްކަތް އަލުން އެވޯޑުކޮށްގެން ކުރިއަށް ގެންދަން ކަމާ ބެހޭ އިދާރާތަކުން މިހާރު އޮތީ އެ މިނިސްޓްރީއަށް އަންގައިފަ އެވެ.

މިކަން މި ފެންމަތިވީ ހދ. ކުޅުދުއްފުއްޓާއި ހަނިމާދުއަށް އާ ބަސްތަކެއް ގެންނަން ހަވާލުކުރި ކުންފުނިން ބާ ބަސްތަކެއް ގެނައިކަން ފަޅާއެރުމުން، އެ ބަސްތަކުގައި އަލުން ކުލަ ލައި އެތެރެ ރީތިކޮށްގެން ގެންދިއުމުން ވެސް މިނިސްޓްރީން ހަވާލުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މި ތުހުމަތު ބަސް ގެނައި ކުންފުނިން ދޮގުކުރިޔަސް މިނިސްޓްރީ ތެރޭގައި "ސިޔާސީ ގޯސްތަކެއް" ހިނގާ ކަމުގެ ތުހުމަތު އެ ކުންފުނިން ވެސް އޮތީ ކޮށްފަ އެވެ.

ވަސާޖިއޯއަށް ނަމްބަރު ޕްލޭޓް ހެދުން ހަވާލުކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުން ފެންނަން އޮތީ އެއް ކުންފުންޏަކަށް މާލީ ބޮޑު މަންފާއެއް ލިބޭ ގޮތަށް ހުޅުވާލައި ބޮޑު އަގު ހުށަހެޅި ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި އޮތް ތަނެވެ. ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން، ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.

ވަސާޖިއޯ ކުންފުންޏާއި މިނިސްޓްރީގައި "ގާތް ގުޅުމެއް"!

ޕްރޮޖެކްޓެއް ނުވަތަ ޚިދުމަތެއް 2.5 މިލިއަން ރުފިޔާ އަށް ވުރެން ބޮޑު ނަމަ މާލިއްޔަތު ގަވާއިދުގައި ކުރިން އޮންނަނީ ޓެންޑަ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާށެވެ. އެކަމަކު މި މަސައްކަތް ކުރިއަށް ގެންދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީންނެވެ.

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދައިދޭނެ ބަޔަކު ހޯދަން އަންދާސީ ހިސާބު ހުށަހަޅަން އެދި އެ މިނިސްޓްރީން ގެޒެޓްގައި އިއުލާންކުރީ ޑިސެމްބަރު، 31، 2019 ގަ އެވެ. ފެބުރުއަރީ 10 ގެ ކުރިން އަގު ހުށަހަޅަން އެދިފައި އޮތް މި މަސައްކަތަށް ކުރިމަތިލީ ތިން ކުންފުންޏަކުންނެވެ. އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑުންނެވެ.

މި ތިން ކުންފުނީގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޮވުމުގައި ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. އެއް ކަމަކީ މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ހެދުން އެއް ކުންފުންޏެއްގެ އަތް މައްޗަށް ދޫކޮށްލުމެވެ. އަނެއް ކަންބޮޑުވުމަކީ، ބިޑް ކޮމިޓީގެ އޭރުގެ ޗެއާއަކަށް އިންނެވި މިނިސްޓްރީގެ ސިޔާސީ ބޭފުޅަކާ ވަސާޖިއޯގެ ކުންފުނީގެ ހިއްސާދާރަކާ ގާތް ގުޅުމެއް އޮންނަ ކަމަށް މިނިސްޓްރީ ތެރޭގައި ކުރި ތުހުމަތެވެ.

"ބިޑް އިވެލުއޭޝަން ޕްރޮސެސް ހިނގަމުން ދިޔައިރު ކޮމިޓީގެ ޗެއާ، ވަސާޖިއޯގެ އިސް މީހަކާ އެކުގައި ތިއްބައި ފެނިފައި ވެސް އެބަހުރި،" މައުލޫމާތު އެނގޭ ބޭފުޅަކު ނަން ނުޖަހާ ގޮތަށް، "މިހާރު"އަށް ވިދާޅުވި އެވެ. އެހެންވެ، ވަސާޖިއޯ އަށް މި ބީލަން ކާމިޔާބުވި ގޮތާ މެދު ސުވާލު އުފެއްދެވި އަދި މިނިސްޓަރު އައިޝަތު ނަހުލާއާ ހަމައަށް ޝަކުވާ ގެންދެވި ބޭފުޅުން ވެސް މިނިސްޓްރީ ތެރޭގައި ތިއްބެވި އެވެ.މި ކުންފުންޏަކީ 2016 ގައި އުފައްދައި އެ އަހަރު މުޅި ރާއްޖެ އަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރި ކުންފުންޏެކެވެ.

ނަމްބަރު ޕްލޭޓް ހެދުމުގެ މަސައްކަތް ވަސާޖިއޯއާ ހަވާލުކުރިއިރު ބިޑް ކޮމިޓީގެ ޗެއާއަކަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އެވެ. މި ބީލަމުގައި އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވަމުން ޝިމާޒް ވިދާޅުވީ އިލްޒާމް އަޅުވަނީ ސިޔާސީ ގޮތުން އަބުރު ކަތިލަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީލަމުގެ މަރުހަލާ ކުރިއަށް ދިޔައިރު، ކުރިމަތިލީ އެއްވެސް ކުންފުންޏެއްގެ އިސް ބޭފުޅަކާ އޭނާ ބައްދަލެއް ނުކުރައްވަ އެވެ. އަދި ވަސާޖިއޯގައި އޭނާއާ ގާތް ގުޅުމެއް އޮތް މީހަކު ވެސް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވީ މި މައްސަލައިގައި އޭނާއަށް ތުހުމަތުތަކެއް ކުރަނީ ޓްރާންސްޕޯޓް އޮތޯރިޓީގައި އުޅުއްވާ އިސް ބޭފުޅަކު ބޭނުންވާ ކުންފުންޏަކަށް މި މަސައްކަތް ހަވާލުނުކޮށްގެން ކަމަށެވެ. ހުށަހެޅި ބީލަންތައް ބިޑް ކޮމިޓީއާ ހިސާބަށް ދިއުމުގެ ކުރިން ސިޓީ އުރަ ކަނޑައި އޭގައި އޮތް ނަމްބަރު ޕްލޭޓުގެ ފޮޓޯ ވެސް އޭނާ އަށް އެ ބޭފުޅަކު ފޮނުވި ކަމަށް ވިދާޅުވި އެވެ.

އެކަން ހުށަހަޅަން ޖެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަވެސް އެކަމުގައި މިނިސްޓްރީން އޭނާއާ މެދު ފިޔަވަޅެއް މިހާތަނަށް އެޅި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނާއި ގަވާއިދާއި އުސޫލުން ބޭރުން އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ. ކުރި ނަމަ އޭސީސީން ވެސް މައްސަލަ ބެލިއިރު އަޅުގަނޑަށް އަންގާނެ،" ޝިމާޒް ވިދާޅުވި އެވެ.

ޓްރާންސްޕޯޓުގެ މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން، އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަ ދާ ކަމަށެވެ.

ޝިމާޒް ވިދާޅުވި ގޮތުގައި ނަމްބަރު ޕްލޭޓް އަލުން ބީލަމަށް ލާން ފިނޭންސް މިނިސްޓްރީން އެންގީ ޓެންޑަ ބޯޑު މެދުވެރިނުކޮށް ކުރިއަށް ގެންދިއުމުންނެވެ. އެއް ކުންފުންޏަކަށް ނަމްބަރު ޕްލޭޓް ހަދަން ހަވާލުކުރީ ކީއްވެތޯ ދެންނެވުމުން އޭނާ މިސާލު ޖެއްސެވީ ރޯޑްވާދިނަސް މިހާރު ހަދަމުން އަންނަ ގޮތެވެ. ރޯޑްވާދިނަސް ހަދައިގެން ފައިސާ ދައްކަން ޖެހޭނީ އެކަން ކޮށްދޭ ގަރާޖަކަށެވެ.

އެކި ގަރާޖްތަކުން ރޯޑްވާދިނަސް ހެދޭއިރު، އެއް ކުންފުންޏަކަށް ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބޮޑު އަގުގައި ހަދަން ދިނުމަކީ މައްސަލައެއް ނޫންތޯ ދެންނެވުމުން ވިދާޅުވީ ސެކިއުރިޓީ ވަކި ފީޗާސްތަކަކާ އެކު މިނިސްޓްރީން ބޭނުންވާ ގޮތަށް އެކަން ކޮށްދޭނެ ވަކި ފަރާތެއް ތިބުމަކީ މުހިއްމު ކަމެއް ކަމަށް އޭރު މިނިސްޓްރީގެ މަޝްވަރާތަކުން ނިންމާފައިވާ ކަމަށެވެ.

ޝިމާޒްގެ ވާހަކަތަކުން އެނގެނީ މި މައްސަލައިގައި ވެސް އޮތީ ޓްރާންސްޕޯޓުގެ ތެރޭގައި ހިނގާ ސިޔާސީ ކޯޅުންތަކާ ގުޅުން ހުރި ކަމެކެވެ.

އަގު ހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބަދަލުގައި ވަސާޖިއޯ އަށް ބީލަން ކާމިޔާބުވީ ކަމަށް ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީން އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. އާއްމުންނާ ގުޅުން ހުރި މިހާ ބޮޑު ބަދަލެއް މިނިސްޓްރީން ގެންނަން ނިންމައި، ބަޔަކާ އެކަން ހަވާލުކުރި ކަމުގެ މައުލޫމާތު މީޑިއާއަކަށް އާއްމެއް ނުކުރެ އެވެ. އެކަމަކު މި އަހަރުގެ ތެރޭގައި އެކަން ކުރަން ބަޔަކާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

ވަކި މުއްދަތެއް (ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ) ތެރޭގައި ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން ވަސާޖިއޯއާ ހަވާލުކުރިއިރު މިއީ އާއްމުންނަށް އަންގަން ޖެހޭ ކަމަކަށް ނުވީ ކޮވިޑުގެ ދަތި ހާލަތުގައި ދޭން އެންމެ ރަނގަޅު ޚަބަރަކަށް ނުވެދާނެތީ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު ކޮވިޑްގެ ލޮކްޑައުން ތެރޭގައި މަސައްކަތް ހަވާލުކުރަން އަވަސްއަރުވާލީ ކަމަަށް ބެލެވޭނެ ޖާގަ ލިބެނީ ބީލަން ދިޔަ ގޮތާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅި މަރުހަލާ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.

ވަސާޖިއޯގެ އަގުތައް، ކަޓުވާލި ކުންފުންޏަށް ވުރެން ބޮޑު!

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް އެންމެ އަގުހެޔޮކޮށް ހަދައިދޭން ހުށަހެޅީ، "މިހާރު"އަށް ލިބިފައިވާ ބީލަމުގެ ލިއުންތަކުގައިވާ ގޮތުން، ޑޮނާޑުންނެވެ. ސައިކަލެއްގެ ކުރި އާއި ފަހަތު ނަމްބަރު ބޯޑު ހަދައިދޭން އެ ކުންފުނިން ހުށަހަޅާފައި އޮތީ 101.76ރ. އަށެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނަގާ ގޮތަށް އޮތީ 159ރ. އެވެ.

ވާސާޖިއޯ އިން ސައިކަލް ބޯޑަކަށް ހުށަހެޅީ 475ރ. އެވެ. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އެ ކުންފުނީގެ އަގަކީ 675ރ. އެވެ.

އެހެންކަމުން، ވަސާޖިއޯ އިން ހުށަހަޅާފައި މިއޮތީ ސައިކަލެއްގެ ނަމްބަރު ޕްލޭޓް ޑޮނާޑަށް ވުރެން 373ރ. ބޮޑުކޮށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލް ނަމްބަރު ޕްލޭޓް 516ރ. ބޮޑުކޮށް ހަދައިދޭށެވެ. އަގުގެ އިތުރުން އެ ޚިދުމަތެއް ފޯރުކޮށްދޭން އެއްބަސްވާ މުއްދަތަށް ވެސް ބީލަންތަކުގައި ބަލަ އެވެ. ވަސާޖިއޯ އިން ހުށަހެޅީ ޑޮނާޑަށް ވުރެން އަވަހަށް ނަމްބަރު ޕްލޭޓްތައް ބަދަލުކުރާށެވެ.

ތިން ވަނަ ކުންފުނި، ބޯދަ އިން ހުށަހެޅީ ސައިކަލަކަށް 700ރ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 900ރ. އެވެ. މިއީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ.

ތިން ކުންފުނިން އަގު ހުށަހެޅި ގޮތް.

ތިން ކުންފުނިން އަގު ހުށަހެޅި ގޮތް.

ވާސާޖިއޯއާ ނަމްބަރު ޕްލޭޓް ހަދަން ޓްރާންސްޕޯޓުން ހަވާލުކުރިއަސް އެ ބޯޑުގެ އަގު ދައްކަން ޖެހެނީ ވެހިކަލްގެ ވެރިފަރާތުންނެވެ. އެހެންކަމުން އަގު ހެޔޮކޮށް ހުށަހަޅާފައި އޮތް ކުންފުނި ކަޓުވާލައި ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދިން ސަބަބާ މެދު ސުވާލު އުފެއްދޭނެ ޖާގަ ލިބެ އެވެ. ނަމްބަރު ޕްލޭޓް ހެދުން އެ ކުންފުންޏާ އެކަނި ހަވާލުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި ހުރިހާ ވެހިކަލްތަކެއް ވެސް މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރަން އެންގުމަކީ ވެސް ވަކި ބަޔަކަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެކެވެ.

މާލޭގެ ގަރާޖްތަކުން އާދައިގެ ޕްލާސްޓިކް ނަމްބަރު ބޯޑު މިހާރު ހަދައިދޭ އާއްމު އަގަކީ 150ރ. އެވެ.

ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކޮންމެ މަހަކު އަލަށް ގާތްގަނޑަކަށް 700 ސައިކަލް އަދި 20 ކާރު ރަޖިސްޓްރީ ކުރެ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން 120،000 ވެހިކަލްގެ އިތުރުން އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކާއި ދެ ވަނަ ފަހަރަށް ނަމްބަރު ބޯޑު ހަދަން ޖެހެނީ ވެސް އެ ކުންފުނި މެދުވެރިކޮށެވެ.

ރިވިއު ކޮމިޓީގެ ނިންމުމަކީ އަލުން ބީލަމަށް ލުން

ޑޮނާޑަށް ބީލަން ކާމިޔާބު ނުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިއުން ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ހުށަހަޅަން ޖެހޭ ލިއުމެއްގެ ގޮތުގައި ބީލަމުގެ ލިއުންތަކުގައި ނެތެވެ.

ވަސާޖިއޯއާ މަސައްކަތް ހަވާލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، ފިނޭންސް މިނިސްޓްރީގެ ބިޑް ރިވިއު ކޮމިޓީއަށް މާޗް، 6، 2020ގައި ޑޮނާޑުން ހުށަހެޅުމުން އެ ކޮމިޓީން ވަނީ މައްސަލަ ބަލައިފަ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޑޮނާޑަށް، ފިނޭންސް މިނިސްޓްރީގެ ރިވިއު ކޮމިޓީން ދިން ޖަވާބުގައި ބުނީ ނަމްބަރު ޕްލޭޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ކަންތައް އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ އަމަލުތައް ބަލައިދޭން ފިނޭންސްގެ ރިވިއު ކޮމިޓީއަށް ޑޮނާޑުން ހުށަހެޅިކަން ވަސާޖިއޯއަށް އެނގުމާ އެކު އެ ކުންފުނިން އޮތީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފަށާފައިވާ ކަމުގެ ލިއުމެއް ޓްރާންސްޕޯޓަށް ފޮނުވައިފަ އެވެ. "ރިވިއު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން މަސައްކަތް ފެށިކަން ލިއުމުން [ވަސާޖިއޯ] އިން އެންގީ ވެސް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން މައުލޫމާތުތަކެއް އެ ކުންފުންޏަށް ލިބިގެން ކަމަށް ބެލެވެނީ. ބިޑް އެވޯޑްކުރިތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި ކިހިނެއްތޯ މަސައްކަތް ފަށައި މެޝިން ފަދަ ސާމާނު ބޭރުން ގެނެވޭނީ،" އެއް ބޭފުޅަކު ސުވާލު އުފެއްދެވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މި މައްސަލައިގެ ތަހުގީގަށް ކަމާ ގުޅޭ ލިއުންތައް ޓްރާންސްޕޯޓު މިނިސްޓްރީން ގެންގޮސްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް މި މައްސަލައިގައި ދީފައިވާ ލަފަޔަކީ ވެސް އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމެވެ. އެހާ ބޮޑު މަސައްކަތެއް އެއް ކުންފުންޏާ ހަވާލުކުރަން ސޮއިކުރިއިރު އެތަނުގެ ލަފައެއް ނުހޯދާ ކުރިއަށް ގެންދިއުމުގެ ކަންބޮޑުވުން ވެސް އޭޖީ އޮފީހުން އޮތީ ފާޅުކޮށްފަ އެވެ.

މަސައްކަތް މަޑުޖައްސާލަން ވަސާޖިއޯއަށް ނާންގައި ލަސްކުރި!

ވަކި ކުންފުންޏަކާ އެކަނި ނަމްބަރު ޕްލޭޓް ހަދަން ހަވާލުކުރި މައްސަލައިގައި ފިނޭންސާއި އޭޖީ އޮފީހުގެ އެންގުމެއް ޓްރާންސްޕޯޓަށް ލިބިފައި އޮތަސް އެ އެންގުމާ އެއްގޮތަށް މަސައްކަތް މަޑުޖައްސާލަން ވަސާޖިއޯއަށް ނާންގައި ޓްރާސްޕޯޓް މިނިސްޓްރީން ލަސްކުރި ކަމުގެ ތުހުމަތު ވެސް އެ މިނިސްޓްރީގެ ބައެއް އިސް ވެރިން ކުރައްވަ އެވެ.

އެއީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެއްބަސްވުން އުވާލުމުގެ މާލީ ބަދަލެއް ހޯދުމުގެ ފުރުސަތު ވަސާޖިއޯއަށް ފަހިކޮށްދޭށެވެ. މަސައްކަތް މަޑުޖައްސާލަން އެ ކުންފުންޏަށް ޓްރާންސްޕޯޓުން އެންގީ ވަރަށް ފަހުންނެވެ. އެކަމަކު މި ތުހުމަތު ޝިމާޒް ދޮގުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ފިނޭންސް ސިޓީ ލިބުމާ އެކު މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލަން ވަސާޖިއޯއަށް އަންގާފައިވާ ކަމަށެވެ.

ބްރިޖުމަތިން ބަޔަކު ދުއްވާފައި ދަނީ: ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖުމަތިން ބަޔަކު ދުއްވާފައި ދަނީ: ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު

ވަސާޖިއޯގެ މެނޭޖިން ޑިރެކްޓަރު އަލީ ވިޝާމް "މިހާރު"އަށް ވިދާޅުވީ ޓްރާންސްޕޯޓުން މަސައްކަތް މަޑުޖައްސާލަން އެންގިއިރު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީތައްވެ އެކަމަށް ބޮޑު ހޭދައެއް ވެސް ކޮށްފައިވާ ކަމަށެވެ. ނަމްބަރު ޕްލޭޓް ހަދަން ބޭނުންވާ މެޝިންތައް ވެސް ރާއްޖެ އިން ބޭރުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް މަޑުޖައްސާލީމަ އަޅުގަނޑުމެންނަށް ބޮޑު ގެއްލުމެއް ވަމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވި ގޮތުގައި އަލުން ބީލަމަށް ލާން ޓްރާންސްޕޯޓަށް އިދާރާތަކުން އަންގާފައި އޮތް ކަމެއް އަދި މަސައްކަތް މަޑުޖައްސާލި ސަބަބެއް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. ތައްޔާރީތައް ގާތްގަނޑަކަށް ނިމުނު ފަހުން މަސައްކަތް މަޑުޖައްސާލި ސަބަބު ޓްރާންސްޕޯޓް މިނިސްޓްރީން ސާފުނުކުރަންތޯ ދެންނެވުމުން ވިދާޅުވީ ތަކުރާރުކޮށް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މި މަސައްކަތް ކާމިޔާބުކުރީ އޮންނަ އުސޫލުގެ ތެރެއިން ބީލަމުގައި ބައިވެރިވެގެންނެވެ. އެކަމުގައި ތުހުމަތެއް ކުރާނެ ޖާގަ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ބޭފުޅުން ވިދާޅުވަނީ ކޯޓަށް ދިއުމުގެ ވިސްނުން ވަސާޖިއޯ އިން ގެންގުޅޭނެ ކަމަށް ބެލެވޭއިރު އެއްބަސްވުން އުވާލައިފި ނަމަ މިއީ ދައުލަތުން އެ ކުންފުންޏަށް މާލީ ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމުގެ ބިރު އޮތް މައްސަލައެއް ކަމަށެވެ. އެއް ކުންފުންޏަކަށް ނަމްބަރު ޕްލޭޓް ހަދަން ދޫކޮށްލުމުގެ ބަދަލުގައި، ނަމްބަރު ޕްލޭޓް ހަދާނެ މިންގަނޑެއް ކަނޑައަޅައި މިހާރެކޭ އެއްގޮތަށް އެ މީހަކު ބޭނުންވާ ތަނަކުން ހެދުމުގެ ފުރުސަތު ހުޅުވާލުމަކީ ވެސް ޓްރާންސްޕޯޓަށް ކުރެވެން އޮތް ކަމެކެވެ. ނަމްބަރު ބޯޑު ހަދާނީ މިވެނި ބައެކޭ ބުނެ އެ މީހުންނަށް އެކަނި ކޮންޓްރޯލް ދޫކޮށްލަން ހިންގި ކަންކަމުން މަސައްކަތް ވެސް މަޑުޖެހި ދައުލަތަށް ވެސް މިހާރު އޮތީ ބޮޑު ގެއްލުމެއްގެ ބިރެވެ.