Roadha Mihaaru
ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުން ހޯދަނީ

ވީއައިޕީ ހުޅުވާލުން: އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުންގެ މައުލޫމާތު އެއްކުރަނީ

05 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ އިތުރުން އަރިހުގައި ދަތުރުކުރާ ދެ މީހަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ހުޅުވާލައި ހަރަދު މަޖިލީހުގެ ބަޖެޓުން ދައްކާ ނިންމުން ރިވިއުކުރަން ރިޔާސަތުން އެދިވަޑައިގަތުމުން، 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުންގެ މައުލޫމާތު ހޯދަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ އިތުރުން އަރިހުގައި ދަތުރުކުރާ ދެ މީހަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ހުޅުވާލައި ހަރަދު މަޖިލީހުގެ ބަޖެޓުން ދައްކާ ނިންމުން ރިވިއުކުރަން ރިޔާސަތުން އެދިވަޑައިގަތުމުން، 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުންގެ މައުލޫމާތު ހޯދަން ނިންމައިފި އެވެ.

މެމްބަރުންނާ އެކު ދަތުރުކުރާ ރައްޓެހިންގެ ވީއައިޕީ ހިދުމަތަށް ވެސް މަޖިލީހުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އާއްމު ކޮމިޓީން ނިންމީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސިއްރު ބައްދަލުވުމަކުން މިގޮތަށް ނިންމުމުން އާއްމުންގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. މިކަން ތަންފީޒުކުރަން މަޖިލީހުގެ ރިޔާސަތުން ވެސް ދެކޮޅެވެ.

އާއްމު ކޮމިޓީގެ ނިންމުން ރިވިއުކުރަން އިއްޔެ ބައްދަލުވުމެއް ބޭއްވީ ރިޔާސަތުން ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެން ފޮނުއްވި ސިޓީގައި ވިދާޅުވީ މެމްބަރުންގެ ދަތުރުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑަށް އިތުރު ބުރައެއްވާ ގޮތަށް ހުޅުވާލައިފި ނަމަ ހޭދަ އަންދާޒާ ކުރަން ވެސް ދަތި ކަމަށެވެ.

އޭގެ އަސަރު މެމްބަރުންގެ ރަސްމީ ދަތުރުތަކާއި ތަމްރީންތަކަށް އަދި ކޮމިޓީތަކުގެ ދަތުރުތަކަށް ވެސް ކުރާނެ ކަމަށް އެ ސިޓީގައިވެ އެވެ. މެމްބަރަކު އެދިވަޑައިގެންފި ނަމަ އަރިހުގައި ދަތުރުކުރައްވާ ފަރާތަކަށް 60 ޑޮލަރުގެ މަގުން ވީއައިޕީގެ ހިދުމަތް ހަމަޖައްސައިދެމުން އަންނަ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ރިޔާސަތުން އެދުނު ގޮތަށް މައްސަލަ މުރާޖައާކުރަން ހުޅުވާލުމުން މެމްބަރުންގެ ދަތުރުތަކުގެ ތަފްސީލް ހޯދަން އެދިވަޑައިގަތީ ފުނަދޫ ދާއިރާގެ މެމްބަރު ޝާހިދެވެ.

އޭނާ ހުށަހެޅުއްވީ 18 ވަނަ މަޖިލީހާއި މި ހިނގާ 19 ވަނަ މަޖިލީހުގައި މިހާތަނަށް ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި 10 މެމްބަރުންގެ މައުލޫމާތު ހޯއްދަވައިދެއްވާށެވެ. އަދި އެ މެމްބަރުންގެ އަރިހުގައި ކިހާ މީހުންނެއް ދަތުރުކުރެއްވިތޯ އާއި އަހަރަކަށް ހޭދަވި އަހަރު ވެސް ސާފުކޮށްދެއްވަން އެދިވަޑައިގަތެވެ.

"ވަކިވަކިން އެނގޭ ގޮތަށް ތަފްސީލް އަޅުގަނޑު ބޭނުން،" މަޖިލީހުގައި ހޭދަވީ ދެ އަހަރުގެ ވީއައިޕީ ބޭނުންކުރެއްވީ އަމިއްލަ އެންމެ ދަތުރެއްގައި ކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނެވި ހަސަން ލަތީފް ވަނީ މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އާއްމު ކޮމިޓީގެ ނިންމުމަށް ފާޑުއަމާޒުވެފައިވާ ކަން ފާހަގަކުރައްވައި ފުވައްމުލަކު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކޮމިޓީގެ ކުރީގެ ނިންމުމަށް ގިނަ މެމްބަރުން ތާއީދު ކުރެއްވީ އަރިހުގައި އާއިލާގެ ބޭފުޅުން (ކޮއްކޮ/ބޭބެ/ ދައްތަ) ދަތުރުކުރައްވަން ވެސް ޖެހޭތީއާ އެވެ. އޭނާ ހުށަހެޅުއްވީ މެމްބަރުންގެ ދަތުރަށް ބަޖެޓު ކޯޑުގައި ހިމަނާފައިވާ ތަފްސީލް ހޯއްދެވުމަށެވެ.

"އެއަށް ފަހު މިކަމަށް ގޮތެއް ނިންމަން. ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފާހަގަވާ ކަމަކީ 18 ވަނަ މަޖިލީހުގައި ކޮންޓްރޯލެއް ނެތި ވީއައިޕީ ބޭނުންކުރަމުން ދިޔަ ކަން،" އޭނާ ވިދާޅުވި އެވެ.

"އެބަ ތިބި ބައެއް މެމްބަރުންގެ ދަނބިދަރިން އެ މީހުންގެ ރައްޓެހިންނާ އެކުގައި ވެސް ގޮސް ވަދެ. އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މި މައްސަލަގައި އިންސާފުވެރިކޮށް ގޮތެއް ނިންމޭނެ ކަމަށް އަޅުގަނޑަށް ދެކެނީ."

ހަސަން ލަތީފް ވިދާޅުވީ މެމްބަރުން އެދިވަޑައިގަތް މައުލޫމާތު ހޯއްދަވައި ގޮތެއް ނިންމާނެ ކަމަށެވެ. ބަޖެޓަށް ހަރަދުބޮޑުވާ ގޮތަށް ވީއައިޕީ ހުޅުވާލަން ތާއީދު ނުކުރައްވާ ކަމަށް ބައްދަލުވުމުން ނިންމާލައްވަމުން އޭނާ ވިދާޅުވި އެވެ.