Roadha Mihaaru
ކަފާލާތު ނުލިބުނަސް، ޔާމީނަށް އިންސާފު ލިބޭނެ: ޖަމީލް

ކަފާލާތު ނުލިބުނަސް، ސުޕްރީމް ކޯޓުން ޔާމީނަށް އިންސާފު ލިބޭނެ: ޖަމީލް

05 އޮކްޓޯބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަފާލާތު ނުދޭން ސުޕްރީމް ކޯޓުން ނިންމިޔަސް، އެ މައްސަލާގެ ހުކުމް ކުރާއިރު ޔާމީން މިނިވަންވާނެ ކަމަށް އެ މަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަފާލާތު ނުދޭން ސުޕްރީމް ކޯޓުން ނިންމިޔަސް، އެ މައްސަލާގެ ހުކުމް ކުރާއިރު ޔާމީން މިނިވަންވާނެ ކަމަށް އެ މަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ތާއީދު ކުރުމުން އެ މަނިކުފާނުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން އެ މަނިކުފާނުގެ ފަރާތުން ހުށަހެޅިޔަސް، ސުޕްރީމް ކޯޓުން މިއަދު ނިންމީ ކަފާލާތު ނުދެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމަށްފަހު ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މަނިކުފާނުުގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޖަމީލް ވިދާޅުވީ ޔާމީނަށް ކަފާލާތު ދޭން އެދުނީ ރާއްޖޭގެ ގާނޫނީ ނިޒާމުން އެ ފުރުސަތު ކަށަވަރު ކުރަން ކަމަށެވެ. އެހެންވެ، އެ ނިންމުމާ މެދު އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށާއި އެކަމަކު އެ މައްސަލަ ނިމިގެން ދާއިރު ޔާމީންގެ ކުށެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގަބޫލުކުރަނީ ރައީސް ޔާމީން މި މައްސަލައިން ބަރީއަވެގެންދާނެ ކަމަށް. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް. ވަރަށް އިތުބާރު އެބައޮތް." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ހައްގު އޮންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ޔާމީނަށް މިހާރު ކަފާލާތު ލިބުން މުހިންމު ނޫން ޖަމީލް ވިދާޅުވި އެވެ. އަދި ކަފާލާތަށް އެދުނީ އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުމުގެ އުސޫލު ގާއިމް ކުރުމަށްޓަކައި ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އިސްތިއުނާފް މަރުހަލާގައި ކަފާލާތު އޮތް އޮތުން އޮންނަނީ ކިހިނެތްތޯ ގާއިމް ކުރުމަށްޓަކައި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ހަގީގަތުގައި އަޅުގަނޑުމެންގެ މުވައްކިލަކަށް މިވަގުތު ކަފާލާތު މުހިންމެއް ނޫން. އެއީ ސަބަބަކީ އެމަނިކުފާނު ޖަލު ހުކުމުގެ ދެ އަހަރެއްހާ ދުވަސް ހޭދަކުރައްވައިފިި. އެހެންވީމަ ކަފާލާތުގެ މުއާލާތް ކެނޑިއްޖެ،" ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުމެވެ.