Roadha Mihaaru
ދަރަނީގެ ބިރު އިގްތިސާދަށް އެބަ އޮތް: ވޯލްޑް ބޭންކް

ދަރަނި ބޮޑުވުމުގެ އަސަރު އިގްތިސާދަށް ކުރުމުގެ ބިރު އެބަ އޮތް: ވޯލްޑް ބޭންކް

19 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވޯލްޑް ބޭންކުން އަނެއްކާވެސް ފާޅުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވޯލްޑް ބޭންކުން އަނެއްކާވެސް ފާޅުކޮށްފި އެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހު ވޯލްޑް ބޭންކުން ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގެ މި އަހަރުގެ ފުރަތަމަ އަދަދު މި ހަފުތާގައި ނެރެފައި ވާއިރު، އޭގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.5 ޕަސެންޓުގަ އެވެ. އެ ކުރިއެރުމުގެ ބޮޑު ބައެއް މިދިޔަ އަހަރު ހިއްސާކުރީ، އެ އިދާރާ އިން ބުނި ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާ އަށް އައި ކުރިއެރުމާއި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި ފައިސާގެ މިންވަރު މައްޗަށް ދިއުމެވެ.

ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް މިދިޔަ އަހަރު ފެށުނުއިރު ސަރުކާރުން ލަފާކުރި އެވެ. އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވެ، އިގްތިސާދަށް ގިނަ ބަދަލުތަކެއް އައުމާ ގުޅިގެން، ސަރުކާރުން ވަނީ އެ މިންވަރު 3.9 ޕަސެންޓަށް ދަށްކޮށްފަ އެވެ.

ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ ގޮތުގައި، ކުރި އަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ އެވްރެޖުކޮށް 4.3 ޕަސެންޓުގަ އެވެ. އެ ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ އިދާރާ އިން ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ރަނގަޅުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމެވެ.

އެކަމަކު، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެއީ ސަރުކާރުން މި އަހަރަށް އަންދާޒާކޮށްފައިވާ 4.4 ޕަސެންޓަށް ވުރެ ދަށް މިންވަރެކެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރަނީ: ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރުން ލޯނު ނަގައިގެން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރަނީ: ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރުން ލޯނު ނަގައިގެން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އިގްތިސާދަށް އޮތް މައިގަނޑު ދެ ނުރައްކަލެއް ވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނެގުމުގެ ސަބަބުން އެތެރޭގެ ދަރަނި މައްޗަށް ދިއުމާއި ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރުމެވެ.

"އެކަން ބޮޑުވެއްޖެ ނަމަ، ފައިސާ ހޯދަން ކުރާ ހޭދަ މައްޗަށް ދާނެ އެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރާ ހޭދަ ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެ އެވެ،" ރިޕޯޓުގައިވެ އެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް މާލީ އިދާރާ ކަމަށްވާ ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރު ވެސް ރާއްޖޭގެ ދަރަނި ބޮޑުވަމުން ދާ މައްސަލަ ފާހަގަކޮށް، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ދައުލަތުގެ ދަރަނި އަހަރުން އަހަރަށް މައްޗަށް ގޮސް، 2020 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި 120 ޕަސެންޓަށް އަރާނެ ކަމަށް އެ އިދާރާ އިން ލަފާކުރި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރަނީ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެންނެވެ. އަދި މި އަހަރުގެ ބަޖެޓުގައި، އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަށް ބިލިއަން ރުފިޔާގެ ތެރޭން 2.9 ބިލިއަން ރުފިޔާ ހޯދަން ހަމަޖައްސާފައި ވަނީ ވެސް ބޭރުން ލޯނު ނަގައިގެންނެވެ. އެހެންވެ، ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ އެވެ.

މި އަހަރުގެ ބަޖެޓުގައި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓެވެ.