Roadha Mihaaru
ބެލްޖިއަމް ބަލިކޮށް، ފްރާންސް ނޭޝަންސް ލީގު ފައިނަލަށް

ފަހަތުން އަރައި ބެލްޖިއަމް ބަލިކޮށް، ފްރާންސް ނޭޝަންސް ލީގު ފައިނަލަށް

08 އޮކްޓޯބަރ 2021

ޓިއުރިން (އޮކްޓޯބަރު 8) - ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލުގައި، ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށް، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (އޮކްޓޯބަރު 8) - ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލުގައި، ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށް، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފްރާންސުން ފަހަތުން އަރައި މި މެޗް ކާމިޔާބުކުރީ 3-2 އިންނެވެ. ނޭޝަންސް ލީގުގެ ފުރަަތަމަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް ކަޓުވާލައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސް، މުބާރާތުގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ވާދަކުރާނީ ސްޕެއިންއާ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމް ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 37 ވަނަ މިނިޓުގައި ޔަނިކް ކަރާސްކޯ ޖަހައިދިންއިރު ދެވަނަ ލަނޑު 40 ވަނަ މިނިޓުގައި ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. މި ދެ ލަނޑު ވެސް ޖަހަން އެހީތެރިވީ ކެވިން ޑިބްރޭނާ އެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނިޓުގައި ފްރާންސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭގެ ޕާހަކުން ކަރިމް ބެންޒެމާ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، ލިބުނު ޕެނަލްޓީއަކުން ފްރާންސަށް ނަތީޖާ އެއްވަރު ކޮށްދިނީ އެމްބާޕޭ އެވެ. މި ޕެނަލްޓީއަކީ އެންޓޮއިން ގްރީޒްމަން އަށް ބެލްޖިއަމްގެ ޔޫރީ ޓީލެމެންސް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށް ބެލްޖިއަމްގެ ފޯވަޑް ލުކާކޫ ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ، ކަރާސްކޯ ބޯޅަ ދިން ވަގުތު ލުކާކޫ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.

ފްރާންސަށް ފައިނަލުގެ ޖާގަ ޔަގީންވީ ފުރިހަމަ ވަގުތު ހަމަވެ ރެފްރީ ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި، އޭސީ މިލާނަށް ކުޅެމުން އަންނަ ފުލްބެކް ތިއޯ ހެނާންޑޭޒް ޖެހި ރީތި ގޯލުންނެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ކުރިން އާދިއްތަ ދުވަހުގެ ރޭ ކުޅޭ ތިންވަނަ ހޮވާ މެޗުގައި ބެލްޖިއަމް ވާދަކުރާނީ އިޓަލީއާ އެވެ. އިޓަލީ ވަނީ މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބަލިކޮށްފަ އެވެ.