Roadha Mihaaru
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު

ބެލްޖިއަމާއި ޕޯޗުގަލް އަށް ރަނގަޅު ފެށުމެއް، ފްރާންސް އެއްވަރު

25 މާޗް 2021

ލަންޑަން (މާޗް 25) - ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިން މެޗުތައް ރޭ ފެށިއިރު، ފުރަތަމަ ކުޅުނު މެޗުތަކުން ބެލްޖިއަމާއި ޕޯޗުގަލް މޮޅުވިއިރު، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު މެޗު ޔޫކްރޭނާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ލަންޑަން (މާޗް 25) - ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިން މެޗުތައް ރޭ ފެށިއިރު، ފުރަތަމަ ކުޅުނު މެޗުތަކުން ބެލްޖިއަމާއި ޕޯޗުގަލް މޮޅުވިއިރު، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު މެޗު ޔޫކްރޭނާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ބެލްޖިއަމް ވަނީ ފަހަތުން އަރައި ވޭލްސް 3-1 އިން ބަލިކޮށްފަ އެވެ. އަޒަރުބައިޖާން ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލުން ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ. ރޭ ތުރުކީ އިން ވަނީ ފޯރިގަދަ މެޗަކަށް ފަހު 4-2 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

ފްރާންސް ދަނޑުގައި ރޭ ކުޅުނު މެޗުގައި އޮންޓޮއިން ގްރީޒްމަން މެޗުގެ 19 ވަނަ މިނިޓްގައި ވައްދާލި ގޯލުން އެ ޓީމު ލީޑުނެގި އެވެ. މިދިޔަ އޮކްޓޫބަރު މަހު ފްރާންސް އަތުން ޔޫކްރޭން ވަނީ 7-1 އިން ބަލިވެފަ އެވެ. އެހެންވެ ރޭގެ މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާއެއް ނެރުމުގެ ރޫހުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ފްރާންސްގެ ތަރިން ހުއްޓުވުމުގައި ޔޫކްރޭންގެ ޑިފެންސް ލައިން ފެނުނީ ވެސް ވަރުގަދަކޮށެވެ.

ޔޫކްރޭނުން ނަތީޖާ ހަމަހަމަކުރި ގޯލަކީ މެޗުގެ 57 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔޫކްރޭނުގެ ސޭހީ ސިޑޯޗުކް ޖެހި ޝޮޓެއް ގޯލަށް ވަނީ ކިމްޕެމްބޭ ފައިގައި ޖެހިފަ އެވެ. އެ ބޯޅަ ހުއްޓުވަން ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ފްރާންސް ގްރޫޕްގައި ހިމެނޭ ފިންލޭންޑާއި ބޮސްނިއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ބެލްޖިއަމް ސިއްސުވާލުމަށް ފަހު ރޭގެ މެޗުގެ 10 ވަަނަ މިނިޓްގައި ވޭލްސް އިން ލީޑުނެގި ގޯލު ޖެހީ ގަރެތު ބޭލް އާއި ކޮނާ ރޮބަޓްސް ތަނަވަސްކޮށްދިން ބޯޅައަކުން ހެރީ ވިލްސަން އެވެ. ފުރަތަމަ ހާފުގެ ހަ މިނިޓް ތެރޭ ދެ ގޯލު ޖަހައި ބެލްޖިއަމުން ނަތީޖާ އަނބުރާލި އެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 22 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ އެވެ. އޭގެ ހަ މިނިޓް ފަހުން އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑް ވަނީ ބެލްޖިއަމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގައި ބެލްޖިއަމްގެ ފަހު ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ ޗެކް ރިޕަބްލިކް ވަނީ ރަށުންބޭރުގައި 6-2 އިން އެސްޓޯނިއާ ބަލިކޮށްފަ އެވެ.

ނެދަލެންޑްސް ކޮޅަށް ރޭ ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ ހަކަން ޗަނޮނޮގްލޫ އެވެ. ނެދަލެންޑްސްގެ ދެ ގޯލު ޖެހީ ޑޭވީ ކްލާސެން އާއި ލޫކް ޑީ ޔޯން އެވެ.