Roadha Mihaaru
"އެންޑްގޭމް" ބަލައިގެން ރެކޯޑް މުގުރާލައިފި

"އެވެންޖާޒް: އެންޑްގޭމް" ބަލައިގެން ރެކޯޑް މުގުރާލައިފި

04 ނޮވެމްބަރ 2021

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ފިލްމު "އެވެންޖާޒް: އެންޑްގޭމް" 191 ފަހަރު ބަލައިގެން އެމެރިކާގެ ޒުވާނަކު ކުރިން ހެދި ރެކޯޑް ފްރާންސްގެ މީހަކު މުގުރާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ފިލްމު "އެވެންޖާޒް: އެންޑްގޭމް" 191 ފަހަރު ބަލައިގެން އެމެރިކާގެ ޒުވާނަކު ކުރިން ހެދި ރެކޯޑް ފްރާންސްގެ މީހަކު މުގުރާލައިފި އެވެ.

މިހާތަނަށް ސިނަމާގައި އެއް ފިލްމެއް އެންމެ ގިނައިން ބެލުމުގެ ރެކޯޑް ހޯދި އާނޯޑް ކްލީން އަކީ މިދިޔަ ޖުލައި މަހުގެ 20 އިން ސެޕްޓެމްބަރު މަހުގެ 20 އާ ހަމައަށް ފްރާންސްގެ ކޮމެޑީ-ޑްރާމާ ފެންޓަސީ ފިލްމު "ކާމެލޮޓް: ދަ ފަސްޓް ޗެޕްޓާ" 204 ފަހަރު ބަލައިގެން ރެކޯޑް ހެދި މީހެކެވެ.

އެ އަދަދަށް ފިލްމު ބަލައިގެން އޭނާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އިރު، އެއީ ރެކޯޑް ހަދަން ފިލްމު ބެލި މުއްދަތުގެ ތެރޭގައި ދުވާލަކަށް ހަތަރު ފަހަރު ފިލްމު ބަލައިގެން ކަށަވަރުކުރި ރެކޯޑެވެ. މި ރެކޯޑް އާނޯޑް ހެދި އިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފިލްމު ބަލަން ސިނަމާ އަށް ދިޔަ ކޮންމެ ފަހަރެއްގައި ވެސް އޭނާ އެޅި މާސްކްގައި ފިލްމު ބަލަން ދިޔަ އަދަދު މާސްކްގައި ލިޔެފައި އިނުމެވެ.

އާނޯޑް ބުނީ ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ރިލީޒްކުރި ފިލްމެއް ބަލައިގެން ރެކޯޑެއް ހެދި އިރު، އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހުނީ ސިިނަމާތަކުގައި ފިލްމު ދެމިއޮންނާނީ ކިހާ ދުވަހެއް ވަންދެކަން ނޭނގޭތީ، އެ ޕްރީމިއާކުރި ދުވަސްކޮޅު ވީހާ ވެސް ގިނައިން ފިލްމު ބަލަން ސިނަމާ އަށް ދިއުން ކަމަށެވެ. ސަބަބަކީ ކޮވިޑާ ހެދި ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ސިނަމާތައް ބަންދު ކުރަން ޖެހިދާނެތީ އެވެ.

އާނޯޑަށް ރެކޯޑް ފޮތުން ޖާގަ ލިބުނީ ފްރާންސްގެ ރީމްޒްގެ މަޝްހޫރު ސިނަމާއެއް ކަމަށްވާ ލަ އޮޕެރައިމްސްގައި ފިލްމު ބަލައިގެންނެވެ.

"އަހަރެން ރެކޯޑް ހެދީ ކޮންމެހެން ވަކި މީހަކި ބަލި ކުރާކަށ ނޫން. ބޭނުންވީ އެއް ފިލްމެއް އެންމެ ގިނައިން ސިނަމާއެއްގައި ބެލި މީހާގެ ރެކޯޑް ހަދަން. އެކަން ކާމިޔާބުވުމަކީ ވަރަށް ބޮޑު އުފަލެއް." އޭނާ ބުންޏެވެ.

އާނޯޑް ކިޔައިދިން ގޮތުގައި ރެކޯޑެއް ހަދަން "ކާމެލޮޓް" ބަލަންދާކަން އެނގުމުން ވަރަށް ގިނަ ބަޔަކު އޭނާއާ އެކީ ސިނަމާ އަށް ވެސް ދާން ފެށި އެވެ. އަދި އޭގެ ތެރޭގައި ގައުމުން ބޭރުގެ ރައްޓެހިން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"އަހަރެންގެ ކްރައުޑް ދިޔައީ ބޮޑުވަމުން. ރެކޯޑެއް ހަދަން ފިލްމު ބަލާކަން އެނގުނީމަ އެކީގައި ދާން ވަރަށް ގިނަ ރައްޓެހިން ބޭނުންވީ. އެއީ އަަސްލު ވަރަށް ބޮޑު ހިތްވަރަކަށްވި. އަހަންނާ އެކު ފިލްމު ބަލަން ދިޔަ ރައްޓެހިންގެ ތެރޭގައި ބެލްޖިއަމާއި ނިއު ޒީލެންޑްގެ އިތުރުން ފްރާންސްގެ އެކި ހިސާބުތަކުން ގުޅުނު މީހުން ވެސް ހިމެނޭ." އާނޯޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރެކޯޑެއް ހަދަން ކުރި މަސައްކަތަށް އެންމެ ބޮޑު ސަޕޯޓަކާއި ހިތްވަރެއް ދިން މީހަކީ އަންހެނުންނެވެ.

"އެއް ފިލްމެއް އެހާ ގިނައިން ބަލަން ޖެހުނީމަ ވަރަށް ފޫހި ކަމަކަށް ވެސް ވި. އަދި 215 ވަނަ ފަހަރު ބެލުނީމަ ދެން ހުއްޓާލަންވީއޭ ވެސް ހިތަށް އެރި. އެކަމަކު އަދަދު މަތިކުރަން އެންމެ ބޮޑަށް ޖޯޝަކާއި ހިތްވަރެއް ދިނީ އަންހެނުން،" އާނޯލްޑް ބުންޏެވެ. "އެހެންވެ ރެކޯޑް ލިބުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް އަހަރެން ގަބޫލު ކުރަނީ."

ރެކޯޑް ހަދަން އޭނާ ބެލި ޑައިރެކްޓަރު އެލެގްޒެންޑާ އެޒްޓިއާގެ "ކާމެލޮޓް" އަކީ ފްރާންސްގެ ސިނަމާތަކުގައި ޖުލައި 21 ގައި އާންމުކޮށް ދައްކަން ފެށި ފިލްމެކެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި 20.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިިލްމެކެވެ.