Roadha Mihaaru
ޖައްވީ ދަތުރުން ވެސް އެކްޓަރު ޝޭންޓާ އަށް ރެކޯޑެއް

ޖައްވީ ދަތުރުން ވެސް އެކްޓަރު ޝޭންޓާ އަށް ރެކޯޑެއް

15 އޮކްޓޯބަރ 2021

މަހުޖަނު ޖެފް ބެޒޮސްގެ "ބްލޫ އޮރިޖިން" އިން ޖުލައި ބޭއްވި ފުރަތަމަ ޖައްވީ ދަތުރުގެ ފަހުން ބުދަ ދުވަހު ބޭއްވި ދެވަނަ ދަތުރާ އެކު، "ސްޓާ ޓްރެކް" ގެ އެކްޓަރު ވިލިއަމް ޝޭންޓާގެ ނަން ވެސް ދުނިޔޭގެ ރެކޯޑް ފޮތަށް އަނެއްކާ ވެސް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުޖަނު ޖެފް ބެޒޮސްގެ "ބްލޫ އޮރިޖިން" އިން ޖުލައި ބޭއްވި ފުރަތަމަ ޖައްވީ ދަތުރުގެ ފަހުން ބުދަ ދުވަހު ބޭއްވި ދެވަނަ ދަތުރާ އެކު، "ސްޓާ ޓްރެކް" ގެ އެކްޓަރު ވިލިއަމް ޝޭންޓާގެ ނަން ވެސް ދުނިޔޭގެ ރެކޯޑް ފޮތަށް އަނެއްކާ ވެސް އަރައިފި އެވެ.

ކެނެޑާ އުފަން އެކްޓަރަށް ރެކޯޑް ލިބުނީ މި ފަހަރު މިހާތަނަށް ޖައްވީ ދަތުރަކަށް ދިޔަ އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގަ އެވެ. "ބްލޫ އޮރިޖިން" ގެ އުޅަނަދު ނިއު ޝެފަޑްގައި ބުދަ ދުވަހު ހެނދުނު ކުރި 11 ވަރަކަށް މިނިޓްގެ ދަތުރުގައި ޝޭންޓާ ބައިވެރި އިރު އޭނާގެ އުމުރަކީ 90 އަހަރާއި 205 ދުވަހެވެ.

މިއީ އޭނާ އަށް ލިބުނު ދެވަނަ ރެކޯޑެވެ. ކުރިން ޝޭންޓާގެ ނަން ގިނިސް ވޯލްޑް ރެކޯޑަށް އެރީ އެންމެ އަގުބޮޑުކޮށް ވިއްކައިލި ކިޑްނީ ސްޓޯނާ އެކީގަ އެވެ. ދެހާސް ހައެއްގައި އެއް ވިއްކައިލީ 25،000 ޑޮލަރަށެވެ. އެ ވިއްކައިގެން ލިބުނު ފައިދާ އޭނާ ހަދިޔާކުރީ ހެބިޓް ފޯ ހިއުމަނިޓީ ޗެރިޓީއަށެވެ.

"ބްލޫ އޮރިޖިން" ގެ ދަތުރާ އެކު ޝޭންޓާ ރެކޯޑް ހެދި އިރު ކުރިން ޖައްވީ ދަތުރަކަށް ދިޔަ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް އޮތީ އޮކްޓޯބަރު 29، 1998 ގައި ޖައްވީ ދަތުރަކަށް ދިޔަ އެމެރިކާގެ ޖޯން ގްލެން ޖޫނިއާގެ އަތުގަ އެވެ. ދަތުރަށް އޭނާ ދިޔަ އިރު އުމުރަކީ 77 އަހަރާއި 103 ދުވަހެވެ.

"ސްޓާ ޓްރެކް" ގިނަ ފިލްމުތަކެއްގައި ޖޭމްސް ޓީ ކާކްގެ ކެރެކްޓާ ކުޅުނު ޝޭންޓާގެ ދަތުރު ބުދަ ދުވަހު ހެނދުނު ބޭއްވި އިރު، އެ ހަރަކާތް ސީއެންއެން އިން ލައިވް ވެސް ކުރި އެވެ. މި ދަތުރުގައި ޝޭންޓާއާ އެކު އިތުރު ތިން މީހަކު ވެސް ބައިވެރިވި އެވެ. އެއީ ބްލޫ އޮރިޖިންގެ މިޝަންސް އެންޑް ފްލައިޓް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓް އައުޑްރީ ޕަވާޒް އާއި މެޑިޑާޓާ ސޮލިއުޝަންސްގެ ބާނީންގެ ތެރޭގައި ހިމެނޭ ގްލެން ޑި ރީޒް އާއި ޕްލެޓް ލެބްސްގެ ބާނީންގެ ތެރޭގައި ހިމެނޭ ކްރިސް ބޮޝޫޒިން އެވެ.

ދަތުރަށް ފަހު ޝޭންޓާ ބުނީ އޭނާ ހުރީ ދަތުރު ކުރެވުމުން ވަރަށް ވެސް އުފަލުން ކަމަށެވެ.

"އެކަމަކު މިއީ ވަރަށް ބިރު ވެސް ގަތް ކަމެއް. އެކަމަކު ކުރަން އެހާ ބޭނުންވި ކަމެއް. ވަރަށް އުފާވެއްޖެ ކާމިޔާބުކަމާ އެކު މިކަން ކުރެވުނީމަ. އަހަރެން ބުނެލަން އޮތީ ޖައްވުގެ ތެރޭގައި ކުރެވުނު ތަޖުރިބާ އަކީ ހަޔާތުގައި މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާއޭ،" އޭނާ ބުންޏެވެ. "ޒީރޯ ގްރެވިޓީގެ ތެރެއިން ދުނިޔެ ފެންނަ ގޮތް ބަލާލުމަކީ ހަމަ ކޮންމެ މީހަކު ވެސް ކޮށްލުން ރަނގަޅު ކަމެއް."

ޝޭންޓާގެ ދަތުރާ އެކު "ބްލޫ އޮރިޖިން" އަށް މިހާރު ފަސް ރެކޯޑެއް ކަށަވަރުވެފައިވެ އެވެ. އެގޮތުން ޖުލައި މަހުގެ 20 ގައި ކުރި ދަތުރުން އޮތީ ހަތަރު ރެކޯޑެއް ލިބިފަ އެވެ. އެއީ އެންމެ ދުވަސްވީ އަންހެން ޖައްވީ ދަތުރުވެރިޔާ ވެލީ ފަންކް، 82، އަށް ލިބުނު ރެކޯޑާއި އެންމެ ޒުވާން ދަތުރުވެރިޔާ 18 އަހަރުގެ އޮލީވިއާ ޑީމެން އަށް ލިބުނު ރެކޯޑާއި ބެޒޯސް އާއި ކޮއްކޮ މާކް ބެޒޮސް އަށް ލިބުނު އެންމެ ފުރަތަމަ ދެބޭންގެ ޖައްވީ ރެކޯޑްގެ އިތުރުން އަގު ދީގެން ކުރި ފުރަތަމަ ޖައްވީ ދަތުރުގެ ރެކޯޑް ވެސް އޮލިވާ އަށް ލިބުމެވެ.