Roadha Mihaaru
ސަނީގެ އާ ފިލްމު އޮތީ ކުރީގެ ތަރިއަކަށް ބިނާކޮށްފައި

ސަނީގެ އާ ފިލްމުގެ ވާހަކަ އޮތީ ކުރީގެ ތަރި ގުރޫ ދަތަށް ބިނާކޮށްފައި

12 އޮކްޓޯބަރ 2021

ސަނީ ޑިއޯލްއާ އެކު ހަދަން މީގެ މަހެއްހާ ދުވަސް ކުރިން އިއުލާންކުރި ޑައިރެކްޓަރު އާރް ބަލްކީ ފިލްމު "ޗުޕް" ގެ ވާހަކަ ބިނާ ކޮށްފައި އޮތީ ހިންދީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ގުރޫ ދަތަށްކަން ހާމަކޮށް، އޭގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަނީ ޑިއޯލްއާ އެކު ހަދަން މީގެ މަހެއްހާ ދުވަސް ކުރިން އިއުލާންކުރި ޑައިރެކްޓަރު އާރް ބަލްކީ ފިލްމު "ޗުޕް" ގެ ވާހަކަ ބިނާ ކޮށްފައި އޮތީ ހިންދީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ގުރޫ ދަތަށްކަން ހާމަކޮށް، އޭގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ބަލްކީގެ ކެރިއަރުގައި މިހާތަނަށް ހަދާ އެންމެ ފުރަތަމަ ތުރިލާ އެވެ. ސައިކޮލޮޖިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ މޯޝަން ޕޯސްޓަރު ދައްކައިލީ ބެކްގްރައުންޑުން ގްރޫ ދަތުގެ ތަސްވީރަކާއި އޭނާގެ ފިލްމުގެ ލަވައެއްގެ ތަންކޮޅަކާ ވެސް އެކީގަ އެވެ.

"ޗުޕް" ގެ ޓެގް ލައިނަކީ "ރިވެންޖް އޮފް ދި އާޓިސްޓް" އެވެ. މިހާރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމަކީ 2019 ގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރަކަށް ސަނީ އިންތިހާބުވި ފަހުން ކުޅޭ ފުރަތަމަ ފިލްމެވެ.

"ޗުޕް" ގެ ވާހަކަ ގުރޫ ދަތަށް ބިނާކޮށްފައިވާ އިރު 1950-1960 ގެ އަހަރުތަކުގެ ކުރީކޮޅު ވިދާލި އެ އެކްޓަރަކީ ލޯބީގެ ހިތްދަތި ތަޖުރިބާތަކަކަށް ފަހު ރަލާއި ނިދާ ބޭހަށް ދެވިހިފައި އެ އެއްޗެހި އެވަޑޯޒްވެގެން ދުނިޔެ ދޫކޮށް ދިޔަ ފިލްމީ ދާއިރާގެ ވަރަށް ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ. އުމުރުން އެންމެ 39 އަހަރުގައި އޭނާ މަރުވީ 1964 ގަ އެވެ.

ގްރޫ ދަތުގެ ބައެއް ފިލްމުތަކަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކެވެ. އޭގެ ތެރޭގައި ޕިޔާސާ (1957)، ކާގަޒް ކޭ ޕޫލް (1959)، ޗޯންދުވީ ކަ ޗާންދު (1960) އަދި ސާހިބް ބީވީ އޯރް ގްލާމް (1962) ހިމެނެ އެވެ.

އެކްޓަރެއްގެ އިތުރުން ގްރޫދަތަކީ ޑައިރެކްޓަރެއް އަދި ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އޭނާގެ ހަޔާތުގެ ވާހަކައާ ގުޅުވައިގެން ބަލްކީގެ "ޗުޕް" ގެނެސްދޭން ނިންމި އިރު، ގްރޫދަތުގެ ބައޮގްރަފިކަލް ޑްރާމާއެއް ހެދުމަކީ ވެސް ވަރަށް ގިނަ ޑައިރެކްޓަރުން ޝައުގުވެރިކަން ފާޅުކޮށް އަދި މިހާތަނަށް ހަގީގަތަކަށް ނުވެ އޮތް ކަމެކެވެ. އެކަމަކު "ޕިޔާސާ" ގެ ނަމުގައި ބައޮޕިކެއް ހަދާނެކަން މިދިޔަ އަހަރު އިއުލާން ކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ބަލްކީގެ ފިލްމުގެ ކާސްޓްގައި ޕޫޖާ ބަޓާއި ޒުވާން ދެ ތަރިން ކަމަށްވާ ޝްރިޔާ ދަންވަންތަރީ އާއި އިންޑިއާގެ ދެކުނުގެ ތަރި ދަލްގޫރް ސަލްމާން ވެސް ހިމެނެ އެވެ. ބަލްކީ "ލަކީ ޗާމް" އެއްގެ ގޮތުގައި ދެކޭ އަމީތާބް ބައްޗަން ވެސް "ޗުޕް" ގެ ހާއްސަ ރޯލަކުން ފެންނާނެ އެވެ.

މި ފިލްމުގެ މޯޝަން ޕޯސްޓަރު ދައްކައިލުމާ އެކު އަމީތާބާއި އަކްޝޭ ކުމާރު ފަދަ ތަރިން ފިލްމަށް ވަރަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓަރު ޕޯސްޓް ކޮށްފައިވެ އެވެ. އަކްޝޭ އަކީ ބަލްކީ އެންމެ ފަހުން ޑައިރެކްޓްކުރި 2018 ގެ "ޕެޑްމޭން" ގެ ބަތަލެވެ.