Roadha Mihaaru
އަމީޝާ އެނބުރި އަންނަން ރަނގަޅު ފެށުމެއް

"ގަދަރު 2" އަކީ އަމީޝާ އެނބުރި އަންނަން ރަނގަޅު ފެށުމެއް

17 އޮކްޓޯބަރ 2021

ބޮލީވުޑުން މިހާރު ގެއްލިފައިވާ ބަތަލާ އަމީޝާ ޕަޓޭލް ކުޅުނު ފިލްމުތަކުގެ ތެރެއިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ދެވަނަ ބައި އޭނާ ވެސް ހިމަނައިގެން އިއުލާން ކުރުމާ އެކު، މިއީ އަނެއްކާ ވެސް އަމީޝާގެ ފިލްމީ ކެރިއަރަށް އުޖާލާކަން ގެނުވައިދޭނެ ފިލްމަކަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑުން މިހާރު ގެއްލިފައިވާ ބަތަލާ އަމީޝާ ޕަޓޭލް ކުޅުނު ފިލްމުތަކުގެ ތެރެއިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ދެވަނަ ބައި އޭނާ ވެސް ހިމަނައިގެން އިއުލާން ކުރުމާ އެކު، މިއީ އަނެއްކާ ވެސް އަމީޝާގެ ފިލްމީ ކެރިއަރަށް އުޖާލާކަން ގެނުވައިދޭނެ ފިލްމަކަށް ވާނެ އެވެ.

ރިތިކް ރޯޝަނާ އެކު 2000 ވަނަ އަހަރުގެ "ކަހޯ ނޯ...ޕިޔާރު ހޭ" އިން ބޮލީވުޑަށް ނުކުތް 45 އަހަރުގެ ބަތަލާގެ ކެރިއަރުގެ ކުރީކޮޅު ކާމިޔާބު ފިލްމުތަކެއް ކުޅުނަސް އޭނާ އަކީ ވަރަށް އަވަހަށް ގެއްލުނު ބަތަލާއެކެވެ. މި ފަހުން އަމީޝާގެ ފިލްމަކަށް ރިލީޒްވީ، މަސައްކަތް ނިމި އެކަމަކު ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް 2018 ގައި ގެނެސްދިން ސަނީ ޑިއޯލްގެ "ބެއްޔާޖީ ސުޕަހިޓް" އެވެ. ޕްރިތީ ޒިންތާ ވެސް ކާސްޓްގައި ހިމެނުނު އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.

ސަނީއާ އެކު އަމީޝާ ކުޅުނު ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމު "ގަދަރު" ގެ ދެވަނަ ބައި ހުކުރު ދުވަހު އިއުލާން ކުރުމާ އެކު އަމީޝާ ވަނީ އެ ފިލްމަކީ ހިންދީ ސިނަމާ އަށް އަންނަން އޮތް އެންމެ ސީކްއެލްގެ ގޮތުގައި ސިފަކޮށް، އޭގެ މޯޝަން ޕޯސްޓަރު ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އަނިލް ޝަރުމާ ޑައިރެކްޓްކުރި "ގަދަރު" އަކީ 2001 ގައި ރިލީޒްކުރި ފިލްމެކެވެ.

އޭގެ 20 އަހަރު ފަހުން "ގަދަރު 2" އިއުލާންކުރީ އަންނަ އަހަރު ގެނެސްދޭ ގޮތަށެވެ. ވަރަށް އަވަހަށް ޝޫޓިން ވެސް ފެށުމަށް ރާވާފައިވާ ފިލްމުގައި އަމީޝާ އާއި ސަނީގެ އިތުރުން ކުރީ ފިލްމުގައި އެ މީހުންގެ ދަރިފުޅުގެ ރޯލު ކުޅުނު ކުއްޖާ ވެސް މުހިއްމު ރޯލެއް އާ ފިލްމުގައި ކުޅޭނެ އެވެ. އެއީ މިހާރު 27 އަހަރުގެ އުތުކާޝް ޝަރުމާ އެވެ. އޭނާ އަކީ ޑައިރެކްޓަރު އަނިލްގެ ދަރިއެކެވެ. "ގަދަރު 2" ގެ ވާހަކަ މި ފަހަރު ބޮޑަށް ބިނާވާނީ އުތުކާޝްގެ ކެރެކްޓާއަށެވެ.

އަންނަ އަހަރު މި ފިލްމު ގެނެސްދޭނެކަން އިއުލާން ކުރިޔަސް އަދި ސީދާ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

ގިނަ ދުވަސްތަކެއް ފަހުން ވަރުގަދަ ފިލްމެއްގައި މަސައްކަތް ކުރަން އަމީޝާ އަށް ލިބުނު އިރު، މަސައްކަތް ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ ފިލްމުތަކެއް ވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި "ދޭސީ މެޖިކް"، "ތޯބާ މޭރާ ޖަލްވާ"، "ދަ ގްރޭޓް އިންޑިއަން ކެސިނޯ" އަދި "މިސްޓްރީ އޮފް ޓެޓޫ" ހިމެނެ އެވެ.

އަމީޝާ ކުޅުނު ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ހަމްރާޒް"، "ރޭސް"، "ރޭސް 2"، "ވާދާ"، "މަންގަލް ޕާންޑޭ: ދަ ރައިޒިން" އަދި "ހަނީމޫން ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް" ހިމެނެ އެވެ.