Roadha Mihaaru
ހިޔާ ފްލެޓް ކައިރީ ހެދުނު ގޮނޑު އެޗްޑީސީން ސާފުކޮށްފި

ހިޔާ ފްލެޓް ކައިރީ ހެދުނު ގޮނޑު އެޗްޑީސީން ސާފުކޮށްފި

12 އޮކްޓޯބަރ 2021

ހިޔާ ފްލެޓްތަކުގަައި މީހުން އުޅެން ފެށި ފަހުން، އެ ސަރަހައްދު ވަރަށް ބޮޑަށް ގޮނޑުވެފައިވަނިކޮށް އެޗްޑީސީން އެ ސަރަހައްދު އެއްކޮށް ސާފުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގަައި މީހުން އުޅެން ފެށި ފަހުން، އެ ސަރަހައްދު ވަރަށް ބޮޑަށް ގޮނޑުވެފައިވަނިކޮށް އެޗްޑީސީން އެ ސަރަހައްދު އެއްކޮށް ސާފުކޮށްފި އެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ފަހު، ޓަވަރުތަކުގެ ތިިރިއަށް ކުނިތައް ބާލަމުންގެންދާތީ އެކި ޓަވަރުތައް ކައިރީ ފުންޏަކަށް ކުނިތައް އޮތެވެ. ކުނި ގިނަވެ ބައެއް ޓަވަރުތަކަށް ވަންނަ މަގު ވެސް ބަންދުވާ ވަރަށް އެތަނުގައި ކުނިތައް އޮތެވެ.

އެ ޝަކުވާތަކާ އެކު އެޗްޑީސީން މިވަނީ ހަފްތާއެއްގެ ތެރޭގައި ޓަވަރުތައް ކައިރިއަށް އަޅާފައިވާ ކުނިތައް ނަގައި މުޅި ތަން ސާފުކޮށްފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މީގެ ފަހުން ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ފަހަރު އެ ސަރަހައްދުން ކުނި ނެގުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ފްލެޓްތަކުގައި މިދިޔަ މަހު މީހުން އުޅެން ފެށިއިރު ގޭގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި އުކާލާނެ އެއްވެސް އިންތިޒާމެއް ނެތެވެ. އެހެންވެ، މީހުން ޓަވަރުތަކުގެ ތިރިއަށް ކުނި ނެރެ އެވެ. އަދި އެ ކުނިތައް ބަލާ އަންނާނެ ބަޔަކު ނުވެ، އެ ތަނުގައި ހުންނަތާ ގިނަ ދުވަސްވުމުން ކުނިވެ ފުޅަ އެޅުމުގެ މައްސަލަ ވެސް ކުރިމަތިވި އެވެ.

އެހެންވެ، ހިޔާ ފްލެޓްތައް ކައިރީ އުފެދޭ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުން އަންނައިރު އެ ކުންފުނިން މިވަނީ އެ ސަރަހައްދުގައި ޑަސްބިން ވެސް ބަހައްޓައިފަ އެވެ.

"ހިޔާ"ގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ ތެރެއިން މިހާރު މީހުން އުޅެމުން އަންނަ ފްލެޓްތަކުގައި އުފެދޭ ކުނި ވެމްކޯ އަށް އުކާލެވޭނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެހާތަނަށް އެ މަސައްކަތްކުރާނީ އެޗްޑީސީންނެވެ.

ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދު އެވެ. އެހެންވެ ފްލެޓްގައި އުޅޭ މީހުން އެ ވަގުތަށް ކުނި ނެރި ޑަސްބިނަށް އެޅުމަށް އެޗްޑީސީން އެދެ އެވެ.