Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ކުނި ބާލަން ޖެހެނީ ގްރައުންޑްފްލޯއަށް

ހިޔާ ފްލެޓުތަކުން ކުނި ނަގަން މައްޗަކަށް ނާރާނެ، ކުނި ބާލަން ޖެހެނީ ގްރައުންޑް ފްލޯއަށް

23 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގެ ކޮންމެ އެޕާޓްމަންޓެއްގެ ދޮރުމަތިން ކުނި ނުނެގޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުނި ނެރެން ޖެހޭނީ ފްލެޓްތަކުގެ އެންމެ ތިރިއަށް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ ފްލެޓްތަކުގެ ކޮންމެ އެޕާޓްމަންޓެއްގެ ދޮރުމަތިން ކުނި ނުނެގޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުނި ނެރެން ޖެހޭނީ ފްލެޓްތަކުގެ އެންމެ ތިރިއަށް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ ފްލެޓްތަކުން ކުނި ނެގޭނެ އެއްވެސް ވަސީލަތެއް ނެތި ހަދާފައި ހުރީ ކީއްވެގެންތޯ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެކަން އެހެން ދިމާވީ ހިޔާ މަޝްރޫއުގެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މެނޭޖްމަންޓާ ހަވާލުވެފައި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކުނި އަޅާނެ ތަނެއް އަޅުގަނޑުމެން މި ހާއްސަކުރީ ކޮންމެ ޓަވަރެއްގެ ތިރީގައި. މިހާރު ހުންނާނެ ކުނި އަޅާނެ ތަނެއް،" ސުހައިލް ވިދާޅުވި އެވެ.

އެކަމަކު ހިޔާގެ ޓަވަރުތައް ޑިޒައިން ކުރިއިރު، ކުނި ފަދަ ބަރު ތަކެތި އުފުލުމަށް ބޭނުންވާ އެއްވެސް ސާވިސް ލިފްޓެއް ހިމަނާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާގެ ޓަވަރުތަކުގައި ދެ ސައިޒެއްގެ ބްލޮކު ހުންނަ އިރު، ކުދި ސައިޒުގެ ބްލޮކުތަކަށް ހާއްސަ ކޮށްފައި ވަނީ ތިން ލިފްޓެވެ. ބޮޑެތި ސައިޒުގެ ބްލޮކްތަކަށް ހަތަރު ލިފްޓު ބަހައްޓާފައިވީ ނަމަވެސް ސާވިސް ލިފްޓެއް ނެތެވެ.

ހިޔާ ފްލެޓުގެ ލިފްޓެއް--- ފޮޓޯ:މިހާރު

ހިޔާ ފްލެޓުގެ ލިފްޓެއް--- ފޮޓޯ:މިހާރު

"އެހެންވީމާ އާންމުކޮށް ވެމްކޯ އިން ގޭ ދޮރުމަތިން ނޫނީ ފްލެޓު ދޮރުމަތިން ކުނި ނެގި ކަމުގައި ވިޔަސް، މިވަރު ތަނެއްގައި އަޅުގަނޑު ވެސް ހަމަ ގަބޫލުކުރަން އެހެންނެއް ނުނެގޭނެ. އެއީ ޕްރެކްޓިކަލް ކަމެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.

ވެމްކޯ އާއި އެޗްޑީސީން މަޝްވަރާ ކުރުމަށް ފަހު އެންމެ ރަނގަޅު ހައްލަކަށް ފެނުނީ، ގްރައުންޑް ފްލޯ އިން ހުސްކުރާ ޖާގައިގައި ކުނި ނަގާނެ ތަނެއް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ހިޔާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، ލިފްޓުގެ ދަތިކަން ކުރިމަތިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެހެންވެ، ސާވިސް ލިފްޓަކާ ނުލައި 24 ވަނަ ބުރިން ފެށިގެން ތިރިއަށް ކުނި ބޭލުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓު ހުންނަ އިރު، ހުރިހާ ފްލެޓެއްގައި މީހުން ދިރިއުޅެއް ފެށުމުން 35،000 އެއްހާ މީހުންގެ އާބާދީ އެ ސަރަހައްދުގައި ދިރިއުޅޭނެ ލަމާ ބެހޭ ފަރާތްތަކުން ލަފާކުރެވެ އެވެ.