Roadha Mihaaru
ކާތިކާއި ކްރިތީގެ ދެވަނަ ފިލްމަކީ "ޝެހެޒާދާ"

ކާތިކާއި ކްރިތީގެ ދެވަނަ ފިލްމަކީ "ޝެހެޒާދާ"

15 އޮކްޓޯބަރ 2021

ބޮލީވުޑްގެ މަގުބޫލު ޖޯޑެއްގެ ގޮތުގައި މިހާރު ފާހަގަ ކޮށްލެވޭ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަނާއި ކްތިރީ ސެނަން އެކީގައި ކުޅޭ ދެވަނަ ފިލްމު "ޝެހެޒާދާ" ގެ ފަސްޓްލުކް ޕޯސްޓަރާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަގުބޫލު ޖޯޑެއްގެ ގޮތުގައި މިހާރު ފާހަގަ ކޮށްލެވޭ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަނާއި ކްތިރީ ސެނަން އެކީގައި ކުޅޭ ދެވަނަ ފިލްމު "ޝެހެޒާދާ" ގެ ފަސްޓްލުކް ޕޯސްޓަރާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 4 ގަ އެވެ. މި ފިލްމަކީ ރޯހިތުގެ ތިން ވަނަ ޑައިރެކްޝަނެވެ. އޭނާ ކުރިން ގެނެސްދިން ފިލްމުތަކަކީ 2016 ގެ "ޑިޝޫމް" އާއި 2011 ގެ "ދޭސީ ބޯއިޒް" އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ޝެހެޒާދާ" ގެ ކާސްޓްގައި މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. މި ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ މިދިޔަ އަހަރުގެ ކާމިޔާބު އެކްޝަން ޑްރާމާ "އާލާ ވައިކުންތަޕުއްރަމުލޫ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު ކާތިކާއި ކްރިތީ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ލުއްކާ ޗުއްޕީ" އެވެ.

މިދިޔަ ޖުލައި މަހު ރިލީޒްކުރި "މިމީ" ގައި މޮޅު އެކްޓިންއެއް ދެއްކި ކްރިތީގެ "ޝެހެޒާދާ" އިއުލާންކުރި އިރު، އޭނާގެ އެންމެ ފަހުގެ ފިލްމު "ހަމް ދޯ ހަމާރޭ ދޯ" މި މަހުގެ 29 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާނެ އެވެ. ކާތިކް އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ދަމާކާ" އެވެ.