Roadha Mihaaru
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް

ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް

24 ޑިސެމްބަރ 2021

ކުރިން އެކީގައި ކުޅެން ލިބުނު ފިލްމެއް ދޫކޮށްލަން ޖެހުނަސް ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަނާއި ޖާންވީ ކަޕޫރް މިހާރު އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން އެކީގައި ކުޅެން ލިބުނު ފިލްމެއް ދޫކޮށްލަން ޖެހުނަސް ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަނާއި ޖާންވީ ކަޕޫރް މިހާރު އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ "ޑަންގަލް" ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީ ލިޔެ، ޑައިރެކްޓްކުރާ ލޯބީގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ނިތޭޝް އެންމެ ފަހުން ގެނެސްދިން 2019 ގެ "ޗިޗޯރޭ" ޕްރޮޑިއުސްކުރި ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ހަދާ އެއްޗެކެވެ.

މިދިޔަ އަހަރުގެ ނެޝަނަލް އެވޯޑްސްގައި އެންމެ މޮޅު ހިންދީ ފިލްމުގެ މަގާމު ވެސް ހޯދި "ޗިޗޯރޭ" އަކީ މިދިޔަ އަހަރު އަމިއްލަ އަށް ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ވަރަށް ކާމިޔާބު ފިލްމެކެވެ.

ހަންގާމާ އިން ބުނިގޮތުގައި ވަރުން އާއި ޖާންވީއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާނެ އެވެ. މި ދެ ތަރިންނަށް ކުރިން އެކީގައި ކުޅުނީ ޖާންވީ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ޝިޝާންކް ކައިތާން ހަދަން އުޅުނު "މިސްޓަ ލޭލޭ" އެވެ.

ނަމަވެސް އެކި ސަބަބުތަކާ ހެދި "މިސްޓަ ލޭލޭ" ހުއްޓުމަކަށް އައިސް މިހާރު އެ ފިލްމު "ގޯވިންދާ މޭރާ ނާމް" ގެ ނަމުގައި އަންނަ އަހަރުގެ ޖޫން 10 ގައި ގެނެސްދޭން ނިންމާފައި ވަނީ ތަފާތު ކާސްޓަކާ އެކީގަ އެވެ. އެއީ ބޫމީ ވެސް ހިމެނޭ ގޮތަށް ވިކީ ކޯޝަލާއި ކިއާރާ އަދުވާނީއާ އެކީގަ އެވެ.

މިއީ ވަރުން އާއި ޖާންވީ ނިތޭޝްގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.