Roadha Mihaaru
ވަރުންގެ އެންމެ ތަފާތު ރޯލު "ބޭޅިޔާ" ގައި

ވަރުންގެ އެންމެ ތަފާތު ރޯލު "ބޭޅިޔާ" ގައި

26 ނޮވެމްބަރ 2021

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަންގެ ކެރިއަރުގައި މިހާތަނަށް އެންމެ ތަފާތު ރޯލަކުން ފެންނާނެ ފިލްމު "ބޭޅިޔާ" ގެ ފުރަތަމަ ޕޯސްޓަރާ އެކު، އެ ރިލީޒްކުރާ އާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަންގެ ކެރިއަރުގައި މިހާތަނަށް އެންމެ ތަފާތު ރޯލަކުން ފެންނާނެ ފިލްމު "ބޭޅިޔާ" ގެ ފުރަތަމަ ޕޯސްޓަރާ އެކު، އެ ރިލީޒްކުރާ އާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ކުރިން އަންނަ އަހަރުގެ އެޕްރީލް 14 ގައި ގެނެސްދޭން އޮތް ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 25 އަށެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކޮށް، އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ބޭޅިޔާ" ގެ ޕޯސްޓަރުން ފެންނަ ގޮތުގައި ވަރުން ފިލްމުގައި ފެންނާނީ ރޫހާނީ ބާރުތަކެއް ލިބިފައިވާ ބިރުވެރި ކެރެކްޓާއަކުންނެވެ.

މި ހޮރޯ ކޮމެޑީއަކީ މި ޖޯންރާގެ ފިލްމުތަކުގެ ފޯރި ބޮލީވުޑްގައި ގަދަކުރި 2018 ގެ "އިސްތިރީ" ގެނެސްދިން އަމަރުގެ ތިން ވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދެނީ އަޔޫޝްމަން ކްރާނާ ތަލަ މީހެއްގެ ރޯލު ކުޅުނު 2019 ގެ ކޮމެޑީ "ބާލާ" އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޭޅިޔާ" ގެ ޕޯސްޓަރު ދައްކާލި އިރު، ފިލްމުގެ ޝޫޓިން އޮތީ އެއްކޮށް ނިންމައިފަ އެވެ. މީގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ. މި ފިލްމަކީ ކްރިތީ އާއި ވަރުން އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2015 ގެ "ދިލްވާލޭ" އެވެ.

"ބޭޅިޔާ" ގެ އިތުރުން އަންނަ އަހަރުގެ ޖޫން 24 ގައި ވަރުންގެ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" ވެސް ރިލީޒްކުރާނެ އެވެ. މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅުގެ އެންމެ ފަހުގެ ފިލްމަކީ ބައްޕަ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ.