Roadha Mihaaru
ދަރިފުޅު ހައްޔަރުކުރި ވާހަކަ ކިިޔަން ޝާހްރުކަށް ހުށަހެޅި

ޑްރަގް މައްސަލައެއްގައި ދަރިފުޅު ބެދުނު ވާހަކަ ކިޔައިދޭން ޝާހްރުކަށް ބޮޑެތި ހުށަހެޅުންތަކެއް

12 ނޮވެމްބަރ 2021

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި އެ ވާހަކަ އިންޑިއާގެ "ގައުމީ ޚަބަރަކަށް ވެގެން" ދިޔަ ފަހުން މިހާރު އެކަމާ ބެހޭ ގޮތުން އިންޓަވިއުތައް ދިނުމަށް މީޑިއާތަކުން ޝާހްރުކަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި އެ ވާހަކަ އިންޑިއާގެ "ގައުމީ ޚަބަރަކަށް ވެގެން" ދިޔަ ފަހުން މިހާރު އެކަމާ ބެހޭ ގޮތުން އިންޓަވިއުތައް ދިނުމަށް މީޑިއާތަކުން ޝާހްރުކަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ކަވަރުކުރާ މަޝްހޫރު ނޫސްވެރިޔާ ސުބާޝް ކޭ ބުނި ގޮތުގައި ދަރިފުޅަށް ދިމާވި މައްސަލަގަނޑާއި އެކަމާ ގުޅިގެން އާއިލާ އަށް ކުރިމަތިވި ކަންކަމުގެ ވާހަކަ ކިޔައިދޭން ޝާހްރުކަށް ބޮޑެތި އަދަދުތަކުން ހުށަހަޅާ މީޑިއާތަކުގެ ތެރޭގައި ބޭރުގެ މަޝްހޫރު ބައެއް މީޑިއާތައް ވެސް ހިމެނެ އެވެ.

އެކަމަކު އެފަދަ އެއްވެސް ހުށަހެޅުމެއް ޝާހްރުކް ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. އޭނާގެ ގާތް މީހަކާ ހަވާލާދީ ސުބާޝް ބުނިކަމުގެ "ހަފަރާތް" މީޑިއާތަކަށް ކިޔައިދޭން ޝާހްރުކްގެ ގާތް ވަރަށް ގިނަ ބަޔަކު ވެސް އެދިފައިވެ އެވެ.

އެކަމަކު އޭނާ ހުރީ އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ނިންމައިގެން ކަމަށް ބުންޏެވެ.

މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ އަރިއަން، 23، ހައްޔަރުކޮށް އޭގެ 28 ދުވަސް ފަހުން މިދިޔަ މަހުގެ 30 ގައި ދޫކޮށްލުމާ ހަމައަށް ޝާހްރުކް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އަދި އޭނާގެ ފަރާތުން މީޑިއާތަކަށް މީޑިއާތަކުގައި މުޅިން ވެސް ވާހަކަ ދެއްކެވީ އަރިއަންގެ ގާނޫނީ ޓީމުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް މުކުލް ރޮހާތުގީ ވެސް ހިމެނެ އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި އަރިއަން، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި އޮޕޮރޭޝަނެއްގައި އިތުރު ހަތް މީހަކާ އެކު ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ އިރު، ޝަރުތުތަކަކާ އެކު އޭނާ ދޫކުރީ ކަފާލާތުގެ ދަށުންނެވެ.

އެ މައްސަލާގައި މި ހަފުތާގައި އެންސީބީ އަށް ބަޔާން ދިން ހެކިވެރިޔަކު ބުނެފައިވާ ގޮތުގައި އަރިއަން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލީ ބަޔަކު ރާވައިގެން އޭނާ ފްރޭމް ކުރުމުގެ ގޮތުންނެވެ.