Roadha Mihaaru
ޝާހްރުކްގެ ދަރިފުޅަށް ޑްރަގްސް ބޭނުންކުރުމުގެ ތުހުމަތު

ޝާހްރުކްގެ ދަރިފުޅަށް ޑްރަގްސް ބޭނުންކުރުމުގެ ތުހުމަތު؛ ސާބިތުވެއްޖެ ނަމަ އެއް އަހަރުގެ ހުކުމެއް

04 އޮކްޓޯބަރ 2021

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ހޮނިހިރު ދުވަހުގެ ރޭ. ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއާން ހައްޔަރުކޮށްފައި ވާއިރު އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ހޮނިހިރު ދުވަހުގެ ރޭ. ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއާން ހައްޔަރުކޮށްފައި ވާއިރު އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަރިއަންއާ އެކު މިހާތަނަށް އިތުރު ހަތް މީހަކު ހައްޔަރުކޮށް، އެ މީހުން މިހާރު ތިބީ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުގަ އެވެ. އެ މީހުންގެ ބަންދާ މެދު ހޯމަ ދުވަހު ކޯޓުން ވަކި ގޮތެއް ނިންމާނެ އެވެ.

އަރިއަންއާ އެކު ހައްޔަރުކުރި އެންމެން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުން މަސްތުވާތަކެއްޗަށް ޓެސްޓް ވެސް ކޮށްފައިވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރިޔަން، 23، ޗަރަސް ބޭނުންކޮށްފައިވެ އެވެ. އެއީ ކެނަބިސް އެކުލެވޭ މަސްތުވާތަކެތީގެ ބާވަތެކެވެ.

މި ތުހުމަތު ސާބިތުވެއްޖެ ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް ނުވަތަ މަދުވެގެން 20،000 ރިޕީސްގެ ޖޫރިމަނާއެއް އަންނާނެ އެވެ. ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން އަރިއަން އަކީ ދޮށީ ދަރިފުޅެވެ. އޭނާ އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އަރިޔަންއާ އެކު ހައްޔަރުކުރި ކަމަށް މީޑިއާތަކުން ބުނާ މީހުންގެ ތެރޭގައި ދެން ހިމެނެނީ އާންމުންގެ ތެރޭގައި މާ ދަންނަ ނަންތަކެއް ނޫނެވެ. މި އެންމެންނަކީ ވެސް ޒުވާނުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދަރިފުޅުގެ ހައްޔަރާ އެކު ޝާހުރްކް މިހާރު ވަނީ އޭނާ ކުރަމުން ދިޔަ ފިލްމީ މަސައްކަތްތައް ވެސް ވަގުތީ ގޮތުން ހުއްޓާލައިިފަ އެވެ. ޝާހްރުކް އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ "ޕަތާން" އާއި "ލަޔަން" އެވެ. އަދި "ޕަތާން" ގެ ޝޫޓިން އަށް މި މަހުގެ ތެރޭގައި ސްޕެއިނަށް ދާން އޮތް ދަތުރު ވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.