Roadha Mihaaru
ޝާހްރުކްގެ ދަރިފުޅު 28 ދުވަސް ފަހުން ޖަލުން ގެޔަށް

ޝާހްރުކްގެ ދަރިފުޅު 28 ދުވަސް ފަހުން ޖަލުން ގެޔަށް

30 އޮކްޓޯބަރ 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން 28 ދުވަސް ފަހުން ކަފާލާތުގެ ދަށުން ޖަލުން މިނިވަންކުރުމުން މިއަދު ގެޔަށް ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން 28 ދުވަސް ފަހުން ކަފާލާތުގެ ދަށުން ޖަލުން މިނިވަންކުރުމުން މިއަދު ގެޔަށް ހިނގައްޖެ އެވެ.

އޭނާގެ ކަފާލާތުގެ މައްސަލަ ތިން ފަހަރެއްގެ މަތިން ކޯޓުން ބޭރުކުރުމަށް ފަހު، އެންމެ ފަހުން އެ މައްސަލަ ބަލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކަފާލާތަށް އެއް ލައްކަ ރުޕީސް ދައްކައިގެން އަރިއަން ޖަލުން މިނިވަންވުމާ އެކި މިހާރު ހުރީ އާއިލާގެ މީހުންނާ އެކު ގޭގަ އެވެ.

އޭނާގެ ކަފާލާތުގެ މައްސަލަ ކޯޓުން ބަލައިގަތުމާ ދިމާކޮށް މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތު ވެސް އަންނަ މަހު ފާހަގަކުރާ ދިވާލީ އަށް ޒީނަތްތެރިކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވެ އެވެ. އަދި ޝާހްރުކްގެ ގިނަ އަދަދެއްގެ ފޭނުން ވެސް އެކި އިބާރާތްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގެ ކައިރިއަށް ޖަމާވެފައިވެ އެވެ.

ދިވާލީ ގާތްވެފައި ވަނިކޮށް އަރިއަން ޖަލުން ދޫކޮށްލުމަކީ އާއިލާ އަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަރިއަންގެ ހައްޔަރާ ގުޅިގެން އޭނާގެ މަންމަ ގޯރީ ޚާން 51 ވަނަ އުފަން ދުވަސް ފާހަގަކުރުން ކެންސަަލް ވެސް ކުރި އެވެ.

މީޑިއާތަކުން ބުނީ އަރިއަން ކަފާލާތުގެ ދަށުން ދޫކޮށްލީ ޝަރުތުތަކާ އެކީގައި ކަމަށެވެ. އޭގެ ތެރޭގައި މުމްބާއީިން ބޭރަށް އަދި ގައުމުން ބޭރަށް ވެސް ދަތުރުނުކުރުމާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ކޯޓުން އަންގާ އެންގުންތަކަށް އިޖާބަދިނުން ހިމެނެ އެވެ.

އަރިއަން، 23، އާ އެކު އިތުރު ހަތް މީހަކު މި މަހުގެ 2 ވަނަ ދުވަހުގެ ރޭ އެންސީބީން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އަރިއަންގެ އިތުރުން އޭނާއާ އެކު ހައްޔަރުކުރި އިތުރު ދެ މީހަކު ވެސް ކަފާލާތުގެ ދަށުންް ދޫކޮށްފައިވެ އެވެ.