Roadha Mihaaru
ވަޅިން ހަމަލާދީ އިނގިރޭސި އެމްޕީއަކު އަވަހާރަކޮށްލައިފި

ވަޅިން ހަމަލާދީ އިނގިރޭސި ޕާލަމެންޓް މެންބަރަކު އަވަހާރަކޮށްލައިފި

15 އޮކްޓޯބަރ 2021

ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ވިލާތުގެ ޕާލަމެންޓުގެ ކޮންޒަވެޓިވް މެންބަރެއް ކަމަށްވާ ސާ ޑޭވިޑް އަމެސް އަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ވިލާތުގެ ޕާލަމެންޓުގެ ކޮންޒަވެޓިވް މެންބަރެއް ކަމަށްވާ ސާ ޑޭވިޑް އަމެސް އަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

ފުލުހުން ބުނީ ސާޑޭވިޑް ނިސްބަތްވާ ދާއިރާގައި ދިން މި ހަމަލާއާ ގުޅިގެން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފައްޅި އަކުން ހައްޔަރު ކުރި އެ މީހާގެ އަތުން ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި އެހެން މީހަކަށް ޝައްކު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައުތުއެންޑް ވެސްޓް ތަމްސީލް ކުރައްވާ ޑޭވިޑް އަވަހާރަކޮށްލާފައި ވަނީ ދާއިރާގެ މެންބަރުންނާ ވަކިވަކިން ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވަނިކޮށެވެ.

ޑޭވިޑް، 69، ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގެ މެންބަރުކަން ކުރައްވަމުންނެވެ. އަދި މިހާރު ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ޑޭވިޑަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ޑޭވިޑަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އިނގިރޭސިވިލާތުގައި އަވަހާރަކޮށްލި ޕާލަމެންޓުގެ ދެ ވަނަ މެންބަރެވެ. ލޭބާ ޕާޓީގެ ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ޖޯ ކޮކްސް ވަނީ 2016 ވަނަ އަހަރު އަވަހާރަކޮށްލައިފަ އެވެ. ކޮކްސް ވެސް އަވަހާރަކޮށްލާފައި ވަނީ ދާއިރާގެ މެންބަރުންނާ ބައްދަލު ކުރައްވަނިކޮށެވެ.

އިނގިރޭސި އެމްޕީންނަށް ކޮން ކަހަލަ ސެކިއުރިޓީއެއް؟

އިނގިރޭސި ޕާލަމެންޓުގެ މެންބަރުން ޕާލަމެންޓުގައި ތިއްބަވާ އިރު ސްޕެޝަލިސްޓް އާމްޑް ޕޮލިސް ޑިޕާޓްމަންޓެއް ކަމަށްވާ ޕާލަމެންޓަރީ އެންޑް ޑިޕްލޮމެޓިކް ޕްރޮޓެކްޝަނުން ހިމާޔަތް ދެ އެވެ. ނަމަވެސް ގިނަ މެންބަރުން ދާއިރާތަކުގެ މެންބަރުންނާ ބައްދަލު ކުރަންދާއިރު ކްލޯޒް ޕްރޮޓެކްޝަން ސެކިއުރިޓީއެއް ނުގެންގުޅެ އެވެ. ދާއިރާތަކުގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރާއިރު ސެކިއުރިޓީއާ ގުޅޭ ގޮތުން ޕާލަމެންޓުން މެންބަރުންނަށް ލަފާދެ އެވެ. ސަލާމަތީ ގޮތުން މެންބަރުން އަޅާ ބައެއް ފިޔަވަޅުތަކަށް ޕާލަމެންޓުން ޚަރަދު ކުރެ އެވެ.