Roadha Mihaaru
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ

އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ: އަމީރު

11 އޯގަސްޓް 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގައި ހިންގާ އެއްވެސް އާ މަޝްރޫއަކަށް ލޯނު ހޯދާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގައި ހިންގާ އެއްވެސް އާ މަޝްރޫއަކަށް ލޯނު ހޯދާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، 2،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމުގައި ސޮއިކުރިއިރު، އެއީ މީގެ އަށް މަސް ކުރިން ކުރިއަށް ގެންދިއުމުުގެ މަސައްކަތް ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންޑިއާގެ ދަތުރުފުޅުގެ ވަފުދުގައި ވެސް ހިމެނުއްވި އަމީރު ވިދާޅުވީ، އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ހޯދާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް 100 މިލިއަން ޑޮލަރު އިތުރުކޮށްފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި، ލައިން އޮފް ކްރެޑިޓްގެ އަދަދު 900 މިލިއަން ޑޮލަރު (13.8 ބިލިއަން ރުފިޔާ) އަށް އިތުރުކުރި ނަމަވެސް އެ ފައިސާ ބޭނުންކުރާނީ މަޝްރޫއު ހިންގުމުންނެވެ. އެހެންވެ، އެއީ މިހާރުން މިހާރަށް ދަރަންޏަށް ވާނެ އަދަދެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--ފޮޓޯ: ރައީސް އޮފީސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ބުނެފައި ވާނީ ޕައިޕްލައިންގައި ނުހިމެނޭ އާ ޕްރޮޖެކްޓެއް ނުފަށާނެ ވާހަކަ. އާ ޕްރޮޖެކްޓަކަށް ލޯނު ނުނަގާނެ ވާހަކަ. އިންޑިއާ ދަތުރުގައި އާ ޕްރޮޖެކްޓަކަށް ލޯނެއް ހޯދާފައެއް ނުވާނެ،" މާލީ ވަޒީރު ވިދާޅުވި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ 4،000 ހައުސިން ޔުނިޓްގެ މަޝްރޫއާއި ވިލިމާލެ ބްރިޖްގެ މަޝްރޫއު އަދި އަތޮޅުތެރޭގެ ބައެއް އެއާޕޯޓުތައް ތަރައްގީ ކުރުން ހިމެނެ އެވެ.

އަމީރު ވިދާޅުވީ، ލައިން އޮފް ކްރެޑިޓް ބޮޑުކުރި ނަމަވެސް މި އަހަރު އާ މަޝްރޫއަކަށް އެއިން ފައިސާ ނުނަގާނެ ކަމަށެވެ.

މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދުނިޔޭގެ އިގްތިސާދު ހީނަރުވަމުން ދާތީ، ރާއްޖެ އިން ވެސް އެ ކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު އާ މަޝްރޫއެއް ލޯނު ނަގައިގެން ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ހަރަދު ކުރުމަށް ސަބްސިޑީ ދިނުމުގައި އާ ގޮތްތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެންމެ ބޭނުންވާ މީހުންނަށް ސަބްސިޑީ ލިބޭ ގޮތަށް ސަރުކާރުން ސަބްސިޑީ ދޭން ނިންމުމެވެ. އަދި އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ވެސް ނިންމާފައިވެ އެވެ.