Roadha Mihaaru
ޖަޕާނުގެ ޖަޒީރާއެއް އުފުލި، ފެތިފައި ހުރި ބޯޓުތައް މައްޗަށް

ޖަޕާނުގެ ޖަޒީރާއެއް އުފުލި، ފެތިފައި ހުރި ބޯޓުތައް މައްޗަށް

19 އޮކްޓޯބަރ 2021

ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއްގެ އެތެރޭގައި ހިނގި ގޮވުންތަކެއްގެ ސަބަބުން، ޖަޕާނުގެ އައްސޭރިފަށުގެ ޖަޒީރާއެއް ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއްގެ އެތެރޭގައި ހިނގި ގޮވުންތަކެއްގެ ސަބަބުން، ޖަޕާނުގެ އައްސޭރިފަށުގެ ޖަޒީރާއެއް ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ޖަޕާންގެ އޯލް-ނިޕޯން ނިއުސް ނެޓްވޯކް އިން ބުނި ގޮތުގައި، އޮގަސަވާރާ ޖަޒީރާގެ ދެކުނުން އޮންނަ އިޔޯ ޖީމާ ޖަޒީރާ ފެނުން މައްޗަށް އުފުލިފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މި ޖަޒީރާ ކުރިން އޮތްވަރަށް ވުރެ ބޮޑަށް މައްޗަށް އުފުލުމާ ގުޅިގެން، އެ ޖަޒީރާގެ އުރަފަށަށް އުރި ބޮޑުބައެއް ކަނޑު އަޑީގައި ހުރި ބޯޓުތަކެއް މިހާރު ހުރީ ކަނޑުގެ ލޮނުގަނޑުން މަތީގަ އެވެ.

ޖަޕާނުން ބުނި ގޮތުގައި މި ޖަޒީރާ މައްޗަށް އުފުލުނީ، އެ ސަރަހައްދުގެ ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއްގެ އެތެރޭގައި ގޮވި ގޮވުންތަކެއްގެ ސަބަބުން، އެ ޖަޒީރާ އުފެދިފައި އޮތް ޓެކްޓޯނިކަލް ޕްލޭޓް މައްޗަށް އުފުލުމުންނެވެ. މި ސަރަހައްދަކީ އާންމު ގޮތެއްގައި ވެސް ކަނޑު އަޑީގެ އަލިފާން ފަރުބަދަތަކުގެ އެެެތެރޭގައި ގޮވުންތައް ގޮވާ ސަރަހައްދެކެވެ.

ޖަޕާނުގެ އިޔޯ ޖީމާ ޖަޒީރާގެ އުރަފަށަށް ފައްތާފައި ހުރި ބޯޓުތަކުގެ ބައިތައް. މިހާރު މި ބޯޓުތައް ހުރީ އެއްގަމުގައި.

ޖަޕާނުގެ އިޔޯ ޖީމާ ޖަޒީރާގެ އުރަފަށަށް ފައްތާފައި ހުރި ބޯޓުތަކުގެ ބައިތައް. މިހާރު މި ބޯޓުތައް ހުރީ އެއްގަމުގައި.

އިޔޯ ޖީމާ ޖަޒީރާއަކީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެއް ލައްކަ ސިފައިންނާއި ޖަޕާނުގެ 20 ހާސް ސިފައިންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގި ސަރަހައްދެކެވެ. މި ހަނގުރާމައިގައި ޖަޕާނުގެ ލަޝްކަރުން ދިރިހުއްޓައި ހައްޔަރު ކުރެވުނީ އެންމެ 216 ސިފައިންނެވެ.

ހަނގުރާމައިގައި ޖަޕާނު ސިފައިން ބަލިވުމުން، އެމެރިކާ ސިފައިން ގަސްދުކުރީ ޖަޕާނަށް އިތުރު ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ، އެ ޖަޒީރާގައި ބަނދަރެއް ހަދައި، އެ ޖަޒީރާ އިން އެމެރިކާގެ ސިފައިން ޖަޕާނަށް ހަމަލާ ދޭން ފޮނުވުމަށެވެ. ހަނގުރާމައިގައި އަތުލައިގަނެވުނު ޖަޕާނު ސިފައިންގެ މަނަވަރުތަކާއި މުދާ އުފުލާ އާގުބޯޓުތައް، އިޔޯ ޖީމާ ޖަޒީރާގެ އުރަފަށަށް ފައްތައި، އެ ޖަޒީރާގައި ހަދާ ބަނދަރުގެ ބޭރު ތޮއްޓެއްގެ ގޮތުގައި އެ ބޯޓުތައް ބޭނުންކުރަން އެމެރިކާ އިން މަސައްކަތް ކުރި އެވެ.

ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވީ އެވެ. މިހާރު އެ ޖަޒީރާ މައްޗަށް އުފުލުމާ ގުޅިގެން، ފެންމައްޗަށް އަރާފައި އެ ހުރީ، އެ ދުވަސްވަރު އެމެރިކާ ސިފައިން އެ ޖަޒީރާގެ އުރަފަށަށް ފެއްތި ބޯޓުތަކުގެ އެކި ބައިތަކެވެ.