Roadha Mihaaru
ޑްރަގްގެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނެ

ޑްރަގްގެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

19 އޮކްޓޯބަރ 2021

މިދިޔަ ހަފްތާގައި ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ހަފްތާގައި ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޑްރަގްގެ އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލައި، މައްސަލަ އިސްތިއުނާފު ކުރި ކަމުގައި ވިއަސް ވަކި ނަތީޖާއެއް ނުކުންނާނެ ކަމަށް ނުފެންނާތީ ކަމަށެވެ.

އޭގެ އިތުރުން، އެ ދެ މީހުންނާ ދެކޮޅަށް އިތުރު ހެކި ލިބިއްޖެނަމަ އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެތީ، ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ނިންމީ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރަން ނެރުނު އަމުރުން ސަބަބުތަކެއް ދެއްކުމަށްފަހު ކަން ވަނީ އެނގިފަ އެވެ.

ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނެއްގައި 10 ތަނެއް ފާސްކޮށް 10 މީހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، މި ނެޓްވޯކުގެ އިސް ދެ މީހުން ކަމަށް ބެލެވޭ ދެ މީހުން ފިޔަވައި ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ފަޅު ރަށްރަށާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، 100 ކިލޯއަށްވުރެ ގިނަ ހެރޮއިން ހޯދާފައި ވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އޭގެ ފަހުން ވެސް ރ. އަތޮޅުގެ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ދެ މީހަކު ހައްޔަރުކުރިއަސް އޭގެ ތަފްސީލެއް އަދި ނުދެ އެވެ.