Roadha Mihaaru
އައިފޯން 13 ލިބުން ދަތިވެދާނެ

ޕްރޮޑަކްޝަނަށް ބުރޫއަރައި، އައިފޯން 13 ލިބުން ދަތިވެދާނެ

14 އޮކްޓޯބަރ 2021

މިދިޔަ މަހު މާކެޓަށް ނެރުނު އައިފޯން 13 ގެ ޕްރޮޑަކްޝަނަށް ބުރޫ އަރާފައިވާތީ ފޯނު ލިބުން ދަތިވެދާނެ ކަމުގެ އިޝާރާތެއް އެޕަލް އިން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު މާކެޓަށް ނެރުނު އައިފޯން 13 ގެ ޕްރޮޑަކްޝަނަށް ބުރޫ އަރާފައިވާތީ ފޯނު ލިބުން ދަތިވެދާނެ ކަމުގެ އިޝާރާތެއް އެޕަލް އިން ދީފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފޯނު އުފައްދަން ބޭނުންވާ ޗިޕްގެ ދަތިކަން ބޮޑުވެ، ކުރިން ކަނޑައަޅާފައި އޮތް ޓާގެޓަށް ވެސް ވާސިލެއް ނުވެވޭނެ އެވެ. ޓިމް ކުކްގެ އެޕަލް އިން ނިންމާފައި އޮތީ އަހަރުގެ ފަހު ކުއާޓަރުގައި އައިފޯން 13 ގެ 90 މިލިއަން ޔުނިޓް އުފައްދައި މާކެޓަށް ނެރޭށެވެ. އެކަމަކު މަސައްކަތަށް ބޭނުންވާ ޗިޕްގެ ދަތިކަން ކުރިން ހީކުރި ވަރަށް ވުރެ ވެސް ބޮޑުވެފައިވާތީ މި އަހަރުގެ ތެރޭގައި ދެން އުދެއްދޭނެ ކަމަށް ބެލެވޭ އަދަދަކީ 10 މިލިއަން ވަރަކަށް ފޯނު ކަމަށް އެޕަލް އިން އެ ކުންފުނީގެ ވިޔަފާރީގެ ޕާޓްނަރުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.

މި ވާހަކަތަކާ އެކު އެޕަލްގެ ހިއްސާގެ ވިޔަފާރި އަށް ވެސް އަންގާރަ ދުވަހު އަސަރުކޮށް 1.2 ޕަސަންޓްގެ ވެއްޓުމަކާ ކުރިމަތި ވެފައިވެ އެވެ.

އެޕަލް އަށް ޗިޕް ސަޕްލައިކޮށްދޭ ކުންފުނިތަކުގެ ތެރޭގައި ބްރޯޑްކޮމް އާއި ޓެކްސަސް އިންސްޓްރޫމަންޓްސް ހިމެނެ އެވެ. އެ ދެ ކުންފުނީގެ ހިއްސާގެ ވިޔަފާރި ވެސް އަންގާރަ ދުވަހު އެއް ޕަސަންޓް ދަށްވެފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެ ކުންފުނިން އަދި އެއްވެސް ނުބުނެ އެވެ.

ޗިޕްގެ ލިބުމުގެ ތާށިކަމާ ހުރެ އައިފޯން 13 ގެ ޕްރޮޑަކްޝަނަށް ބުރޫ އަރާފައިވާ އިރު، މީގެ ސަބަބުން ދެން ނުކުންނާނެ ނަތީޖާ އަކީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވި ފޯނުގެ އަގު އުފުލުމެވެ. ކުރިން ވެސް ލަފާ ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު އައިފޯން 13 ގެ އަގަށް 20 ޕަސަންޓްގެ ބޮޑުވުމެއް އަންނާނެ އެވެ. އެހެންވެ ޗިޕްގެ "ބަހަނާ" އަކީ އެކަމަށް ބާރު ލިއްބައިދޭ ކަމެކެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ޗިޕްގެ ތާށިކަން ޓެކް ކުންފުނިތަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.

އައިފޯން 13 މިދިޔަ މަހުގެ 14 ގައި ދައްކާލައި ވިއްކަން ފެށީ އެ މަހުގެ ފަހުކޮޅު އެވެ. އޭގެ ހަތަރު ވާޝަނެއް ނެރެފައިވެ އެވެ. އެއީ އައިފޯން 13 މިނީ އާއި އައިފޯން 13 އާއި އައިފޯން ޕްރޯ 13 ގެ އިތުރުން އައިފޯން 13 ޕްރޯ މެކްސް އެވެ.

މާކެޓަށް ނެރުނު އިރު އަގުތަކަށް ބަލާ އިރު އައިފޯން ޕްރޯ މެކްސްގެ ފެށޭ އަގު 1،099 ޑޮލަރުގައި ހުރި އިރު، އައިފޯން 13 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 13 މިނީގެ ފެށޭ އަގު 699 ޑޮލަރުގައި ހުރި އިރު، އައިފޯން 13 ގެ ފެށޭ އަގަކީ 799 ޑޮލަރެވެ.