Roadha Mihaaru
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި

ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި

08 މެއި 2023

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އިފުތިތާހުކުރީ އެތަނުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއު އެވެ.

ތިނަދޫ ހޮސްޕިޓަލުގެ ބައެއް ސްޓާފުން އެ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ތިނަދޫ ހޮސްޕިޓަލުގެ ބައެއް ސްޓާފުން އެ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ތިނަދޫހޮސްޕިޓަލުގައި ކީމޯ ފެށުމުން، ހުވަދޫގައި އެ ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އާއި ވަގުތާއި އުފުލާ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ނޫސްބަޔާނުގައި ބުނީ ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު، ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކީމޯގެ ހިދުމަތް ދިނުމަށް އެސްޓީއޯގެ ދައުރު ފުޅާކޮށް، ހިދުމަތް މެދުނުކެނޑޭނެ ގޮތް ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ދޭ ތަން.-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ތިނަދޫ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ދޭ ތަން.-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ތިނަދޫ ހޮސްޕިޓަލުން ވަނީ މިދިޔަ ހަފުތާގައި ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތާއި އެޑްވާންސްޑް ވުންޑް ކެއާގެ ހިދުމަތް ވެސް ފަށައިފަ އެވެ.

މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލުގެ އިތުރުން ރީޖަނަލް ބައެއް ހޮސްޕިޓަލުތަކާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިހާރު ވެސް، ކެންސަރުގެ ސެލްތައް މަރާލުމަށް ދޭ ކީމޯތެރަޕީގެ ފަރުވާ ދެ އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.